ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: އިތުރު ކެންޑިޑޭޓަކަށް ކުރިމަތިލުމުގެ ފުރުސަތެއްނެތް- އަކްރަމް

އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް. ފޮޓޯ:ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބުގައި، އިތުރު ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތެއް މިހާރަކު ނެތްކަމަށް، އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
“ސަންގު ޓީވީ” އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، ޤާނޫނު މިހާރު އޮތްގޮތުން ލޯކަލް ކައުންސިލް އިންތިޚާބަށް އިތުރު ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތެއް މިހާރަކު ނެތްކަމަށެވެ. މީގެ އިތުރުން އަކްރަމް ވިދާޅުވީ އިންތިޚާބުގެ ކަންކަން އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާނީ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. އަކްރަމް ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ޤައުމީ ލަފާދޭ ކޮމިޓީގައި، އިންތިޚާބާބެހޭ ހުރިހައި ސްޓޭކްހޯލްޑާސްއާއި، ސިޔާސީ ޕާޓީތަކާއެކު އިންތިޚާބާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި، އަލުން އިންތިޚާބު އިޢުލާނުކުރާއިރުގައި، ކެންޑިޑޭޓުންނަށާއި އޮބްޒާވާރުންނަށައި އަދި މޮނީޓަރުންނަށް އިތުރަށް ފުރުސަތު ލިބޭނެތޯ މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަަން އަނބުރާ ގެންދިއުމާއި ބެހޭގޮތުން ވެސް މަޝްވަރާތައް ކުރެވުނުކަމަށް އަކްރަމް ވިދާޅުވިއެވެ. މި ގޮތުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގަ ދިމާވާ ދަތިތަކާއި، ނަން އަނބުރާ ގެންގޮސްގެން ދިމާވެދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ނަން އަނބުރާގެންދިއުމުގެ މުއްދަތު އޮންނާނީ ވޯޓުލާދުވަހުގެ 30 ދުވަހާއި ހަމައަށްކަމަށާއި، އެ މުއްދަތުގެ 10 ދުވަހުގެ ކުރިން އެކަން އިޢުލަނުކުރާނެކަމަށެވެ.

“ނަން އަނބުރާގެންދިއުމުގެ މުއްދަތު އޮންނާނީ ވޯޓުލާދުވަހުގެ 30 ދުވަހާއި ހަމައަށް. ދެން ކޮމިޝަނުން އިޢުލާނުކޮށްދޭނަން 10 ދުވަހަށް ވީމަ. މި މުއްދަތު ހަމަވާން. ޤާނޫނު މި ވަގުތު އޮތް ގޮތުން، އިތުރު ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތެއް ނޯންނާނެ. އެހެންވީމަ އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދާނީ ހަމަ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން. އެންމެ ފަހުން ބޭއްވުނު ޤައުމީ ލަފާދޭ ކޮމިޓީގައި، އިލެކްޝަން ކޮމިޝަން އެ ފަރާތްތަކާއެކުގަ އިނިތިޚާބާބެހޭ ހުރިހާ ސްޓޭކްހޯލްޑާސްއާ އެއްކޮށް މަޝްވަރާކުރެވުނު. އޭގެތެރޭގަ ސިޔާސީ ޕާޓީތައް ވެސް ހިމެނޭ ގޮތަށް މި ދެންނެވީ، އިންތިޚާބު ބާއްވާދުވަހާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު. ދެން ނަން އަނބުރާ ގެންދިއުމުގަ ދިމާވާ ދަތިތަކާއި، މި ދެންނެވީ ދެން ހަމަ ނަން އަނބުރާ ގެންގޮސްގެން ދިމާވެދާނެ ކަންތައްތައް. އެކަހަލަ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު. ދެން މޮނިޓަރިންގެ ކަންތައްތަކާ ގުޅޭގޮތުން، ބުރޯޑްކާސްޓުކޮމިޝަނުން ހަމަ މަޝްވަރާކުރެވުނު. އެހެންވީމަ އިންތިޚާބު އަލަށް ހުޅުވާލާއިރު، އިލެކްޝަން ކޮމިޝަނުން އަލުން އިންތިޚާބު އިޢުލާނުކުރާއިރުގަ އޮބްޒާވާރސް އަދި މޮނީޓަރސް އަދި ކެންޑިޑޭޓު މަންދޫބުންނަށް އިތުރަށް ފުރުސަތު ލިބޭނެތޯ. މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދިޔަ.” އަކްރަމް

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ނަންއަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އިލެކްޝަނުން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ 25 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައިވާއިރު، ކުރިމަތިލި އެއް ކެންޑިޑޭޓަކު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން މިހާތަނަށް ޖުމްލަ 07 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން ލޯކަލް ކައުންސިލު އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން، ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެތެރޭގައި، ތ.ވަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ތ.ވަންދޫ ދަނބުގޭ އާމިނަތު ޝިފާނާއާއި، ލ.މާވަށު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ލ.މާވަށު އެންދެރިމާގޭ ޢަބްދުލްމަޖީދު މާހިރާއި، ގއ.ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ގއ.ކޮނޑޭ ދޯދި، ފާޠިމަތު ސައިގާ ޚާލިދާއި، ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ހދ. ނޭކުރެންދޫ އިވްނިންގހައުސް އަޙްމަދު ޢާޞިފު ހިމެނެއެވެ.

މީގެ އިތުރުން ތ.ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ، ތ.ތިމަރަފުށި/ހަސްތީ، ޙަސަން ޒަރީރު(ހަސަންބެ) އާއި، ހއ.އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.އުލިގަން/ހިރުދުމާގޭ ނަސްރީނާ މޫސާ އާއި، ނ. މަގޫދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ނ.މަގޫދޫ/ޑައިމަންޑްވިލާ، ޖަޢުފަރު ޢަލީއާއި، ލ. އިސްދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ، ލ.އިސްދޫ/އާސްމާނުވިލާ އިބްރާހިމް ޙަމީދާއި، ގއ. ނިލަންދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ގއ.ނިލަންދޫ ހިލިހިލާގޭ ނަދީމް އަޙްމަދު ހިމެނެއެވެ. ހަމައެއާއެކު އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން، ގއ.ނިލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެގޮނޑިއަށް ކުރިމަތިލާފައިވާ، ގއ.ވިލިނގިލި/ބަހާރުވިލާ މަރްޔަމް ޒަހީނާއާއި، ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ކ.ތުލުސްދޫ/ނަޞްރުވިލާ، އަޙްމަދު ޟުޙާ މުޙައްމަދު ޢަލީއާއި، އދ. ދަނގެތީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ، އދ.ދަނގެތި/ ފެހިގޭ ޙުސްނީ އިބްރާހިމްގެ އިތުރުން މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލި، މއ.ނެވަރކޯން މުޙައްމަދު ޝުޢާއު ހިމެނޭކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރިގޮތުގައި، އެމްޑީޕީން ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެތެރޭގައި، ލ.ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ލ.ކަލައިދޫ ހެޕީރޯޒް، މަރްޔަމް ޢާޠިރާ އާއި، ހއ.މުރައިދޫ ކައުންސިލުގެ އަންހެނުންނަށް ޚައްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.މުރައިދޫ ހިޔަލީގޭ މިޢުނާ ޙަސަން އާއި، ހއ.އުލިގަމު ކައުންސިލުގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.އުލިގަމު ނޫކޮކާގޭ، ނިޢުމާ އަބޫބަކުރު ހިމެނެއެވެ.

މީގެ އިތުރުން، އއ.ބޮޑުފުޅަދޫ ކައުންސިލު މެންބަރުކަމަށް ކުރިމަތިލާފައިވާ އއ.ބޮޑުފުޅަދޫ ދެތަނޑިމާގޭ، ޙަސަން ނާފިޢުގެ އިތުރުން، ނ.މާޅެންދޫ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ނ.މާޅެންދޫ ރިސާދުގޭ މުޙައްމަދު ރަޝީދުކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ. އަދި، މީދޫ ދާއިރާގެ އަންހެނުންނަށް ޚާއްޞަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލާފައިވާ، ސ.މީދޫ/ކުދިމާވިލާ ޢާއިޝަތު ޝޫޒާ އާއި، ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ކ.ތުލުސްދޫ/ލާލު، ޙުސައިން އަރްޝަދުގެ އިތުރުން، ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ހއ.ތަކަންދޫ/ބުރެވިމާގޭ އަރޫޝާ އިބްރާހިމް ހިމެނޭކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް،އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ހދ. ހަނިމާދޫ ފިޔާތޮށިގޭ ޙުސްނުބާން ޢަބްދުއްރަޙްމާން ނިޔާވުމާއެކު، އޭނާގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.

އިލެކްޝަން ކޮމިޝަނުންހާމަކޮށްފައިވާ ގޮތުގައި، ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާފައިވާ މެންބަރުންގެތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ، ށ.މަރޮށީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ށ.މަރޮށީ ދުންފިނިގެ، ނަސްފާ މުޙައްމަދު ސަޢީދާއި، ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް، ނ.މަގޫދޫ/ވެލިދޫގޭ ސަޢުދު މުޙައްމަދާއި، ނ. ފޮއްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ނ. ފޮއްދޫ ސޯސަންވިލާ ޙަލީމަތު ފިޢުނާ ކަމަށެވެ. ހަމައެއާއެކު ޖުމްހޫރީ ޕާޓިން ނަން އަނބުރާ ގެންގޮސްފައިވަނީ، ށ.މިލަންދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ، ށ.މިލަންދޫ/ނަސީމީވިލާ އިބްރާހިމް ސާއިލްކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި މެންބަރުންގެތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ، އަމިއްލަ ގޮތުންކުރިމަތިލި 02 ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލި 04 ކެންޑިޑޭޓުންނާއި، ޕީޕީއެމްއިން ކުރިމަތިލި ކެންޑިޑޭޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: