ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސީންނަށް މުސާރަ ދީފައިނުވާ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާ، އެއްފަހަރާ ހުރިހާ މަހެއްގެ މުސާރައެއް ދިނުމުގެ އަމުރަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން އެދިއްޖެއެވެ.
ބޮޑުފިނޮޅު ތަރައްގީ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް ވޭތުވެ ދިޔަ 07 މަސް ދުވަހުގެ މުސާރަ ދީފައިނުވެއެވެ. އެ މައްސަލައިގައި މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިން ރަހީނުކުރިއިރު، ޑިމާންޑު ކުރީ މުސާރަ ދިނުމަށެވެ. އަދި ރަށުގައި ހަމަނުޖެހުން ހިންގިއިރު 200 ބިދޭސީން ތިއްބެވެ. ހަމަނުޖެހުންތަކަށް ފަހު ފުލުހުން ވަނީ އެ ރަށުން، 19 ބިދޭސީއެއް ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގު ފަށާފައެވެ.
ބޮޑު ފިނޮޅުގެ ހާދިސާއާއި ގުޅިގެން ޕީއައިއެލްސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރައެއް ނުދޭތާ އެތައް މަހެއް ފާއިތުވެފައިވާކަމަށެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ބިދޭސީންނަށް ހައްގުވާ މުސާރައާއި، އިނާޔަތްތައް ހޯދައިދިނުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގުމާއި އެކު، ޖަމިއްޔާގެ ގާނޫނީ ޓީމެއް ބޮޑު ފިނޮޅަށް ދިޔަ ކަމަށާއި، ރަށަށް ގޮސް ރަށުގައި ތިބި ބިދޭސީންނާއި ވަކިވަކީން ބައްދަލުކޮށް އެ މީހުންގެ ވާހަކަތައް އަޑުއަހާފައިވާނެ ކަމަށް ޕީއައިއެލްސީން ވަނީ ބުނެފައެވެ.
ހަމަނުޖެހުންތަކާއި ގުޅިގެން، ފުލުހުން އެ ރަށަށް އަރާ ރަށުން 19 ބިދޭސީއެއް ހައްޔަރުކުރިއިރު، އެ މީހުންގެ ބަންދަށް ދެވަނަ ފަހަރަށް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. އަދި ހައްޔަރު ކުރި މީހުންނާއި ވެސް ބައްދަލުކުރުމަށް ކ. މާފުށީ ޖަލަށް ދިޔަކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހުރިހާ ބިދޭސީންގެ އެދުމަކީ އެތައް މަސް ދުވަހެއް ވަންދެން ބުރަކޮށް މަސައްކަތް ކުރުމުން ވެސް އެއްވެސް އުޖޫރައެއް ދީފައިނުވާތީ އެ މީހުންނަށް ހައްގުވާ މުސާރަ ހޯދައިދިނުން ކަމަށެވެ.
ބޮޑު ފިނޮޅުގެ މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ދިވެހިން ވެސް އުޅުނެވެ. އަދި އެ މީހުންނަށް ވެސް މުސާރަ ލިބިފައިނުވާކަމުގެ މައުލޫމާތު ލިބުމުން، ރަށުގައި މަސައްކަތް ކުރި ދިވެހިންނަށް މުސާރަ ލިބިފައިނުވާނަމަ އެކަން އެ ޖަމިއްޔާއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ދެ މީހަކު މުސާރައިގެ މައްސަލައިގައި އެހީއަށް އެދިފައިވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
https://twitter.com/pilcmv/status/1284518592436793345
ޕީއައިއެލްސީން ބުނެފައިވަނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރި 198 ބިދޭސީ މަސައްކަތްތެރިންނާއި، 02 ދިވެހިންނަށް މުސާރަ ދީފައިނުވާތީ އެ މީހުންނަށް ހައްގުވާ މުސާރައާއި އިނާޔަތްތައް ހޯދައިދިނުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފެށިގެން މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި މައްސަލައިގައި މައުލޫމާތު އެއްކުރުމުގެ ގޮތުން ލޭބާރ ރިލޭޝަންސް އޮތޯރިޓީއާއި، މޯލްޑިވްސް އިމްގްރޭޝަނާއި ޖަމިއްޔާއިން މި މައްސަލައިގައި ބައްދަލުކޮށް ވާހަކަ ދެއްކިކަމަށެވެ. އޭގެ އިތުރުން ވެސް މައުލޫމާތު ހޯދުމަށްޓަކައި ޖަމިއްޔާގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް ސިޓީތަކެއް ހުށަހެޅިނަމަވެސް މިއަދާއި ހަމައަށް މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ޕީއައިއެލްސީން ވަނީ ހިއްސާކޮށްފައެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ މައްސަލައިގައި ލިބިފައިވާ ލިޔެކިޔުންތަކާއި ވަށައިގެންވަ އެންމެހައި ކަންތަކަށް ރިއާޔަތްކޮށް ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ 200 މަސައްކަތްތެރިންގެ ފަރާތުން އެ ރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރު އާރު.އައި.އެކްސް ރިޒް ކުންފުންޏާއި، އެ ކުންފުނީގެ ދެ ޑިރެކްޓަރުންނަށް ރައްދުވާ ގޮތަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް މި މަހުގެ 15 ވަނަ ދުވަހު މައްސަލަ ހުށަހަޅާފައިވާނެކަމަށެވެ.
މީގެ އިތުރުން މުސާރަ ނުދީ ގިނަ ދުވަސްވުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، މަސައްކަތްތެރިންގެ ތެރެއިން އެ ފަރާތްތަކުގެ ގައުމަށް އެނބުރިދާން ބޭނުންވަ މީހުންނަށް އެ އިންތިޒާމުތައް ރިޒްއިން ހަމަޖައްސައިދިނުމުގެ އަމުރަކަށް އެދިފައިވާނެކަމަށެވެ.
ޕީއައިއެލްސީން ބުނެފައިވަނީ މައްސަލަ ވަޒީފާއާއި ބެހޭ ޓްރަބިއުނަލްއަށް ހުށަހެޅުމުގެ އިތުރުން، ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ނުދީވާ މުސާރައިގެ މައްސަލަ ޝަރުއީ މަރުހަލާގެ ބޭރުން ހައްލު ކުރެވޭތޯ ބެލުމަށް ރިޒް ކުންފުންޏައި މަޝްވަރާ ކުރިކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ރިސޯޓުގެ ޑިވޮލޮޕަރ ސީލް ކުންފުންޏާއި، ރިޒްއިން ވަނީ އެއް ކުންފުނި އަނެއް ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ.
އެގޮތުން ރިޒްއިން ބުނާ ގޮތުން ބިދޭސީންނަށް މުސާރަ އައި ކެއުން ހަމަޖައްސަން ޖެހެނީ ސީލްއިން ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލެއް ނުކުރެއެވެ. އޭގެ ރައްދުގައި ސީލްއިން ބުނެފައިވަނީ މުސާރަ ދެވޭވަރަށް އިތުރަށް ވެސް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.
ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ، އެ މީހުން ރަށުން ބޭލުމަށް ރިޒް ކުންފުނީގެ މައްޗަށް މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ވެސް ނެރެފައިވާއިރު އެ އަމުރުގައި ކުންފުނީގެ އެއްވެސް ނުކުތާއަކަށް ރިއާޔަތް ނުކުރާކަމަށް ބުނެ ރިޒްއިން ވަނީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ވަނީ، އެ ކޯޓު އަމުރު ނެރުނު ދަރަންވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އަށް ފިޔަވަޅު އަޅައިދިނުމަށެވެ.

