އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި އިސްލާހުތަކަށް ތާއޮދި ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ ބިލަށް މާއްދާއެއް އިތުރުކުރުމަށް ހުށައަޅުއްވާފައެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.
ރައީސް ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުމަށް ބަހުސް ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމެއް ވަނީ ބާއްވާފައެވެ. އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވަނީ އެ އިސްލާހުތަކާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއް ލައްކަ ރުފިޔާގެ އިންވެސްޓްމެންޓަކާއެކު ރެސިޑެންސް ވިޒާ ދިނުމަށް އޭނާ ދެކޮޅު ކަމަށެވެ. އަދި ރަނގަޅު ބޮޑު އިންވެސްޓްމެންޓެއް ގެނައުމުން ނޫނީ ރެސިޑެންސް ވިޒާ ދެވިގެން ނުވާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
މީގެއިތުރުން ރޮޒައިނާ ވިދާޅުވީ ”ގެއެއް ކުއްތަށް ހިފާއިރަށް“ ރެޒިޑެންޓަކަށް ވާން ނުޖެހޭ ކަމަށާއި އަދި އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1284592486313123840
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މެންބަރުން ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ގޮތަށް އިސްލާހުތައް ގެނެސްފިނަމަ އޭގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށެވެ.
އެެހެން ކަމުން އެކަންކަމާމެދު އިތުރަށް މަޝްވަރާ ކުރުމަށް ކޮމެޓީއަށް ކަމާގުޅޭ ދާއިރާތަކުން ބޭފުޅުން ހާޒިރުކުރުމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެެ ކޮމެޓީއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހާޒިރުކުރުމަށް ކޮމެޓީން ނިންމިއެވެ.

