ކުއްލި އަކަށް މުދާތައް ނެރި ތަން ހުސްކުރަން އެންގުމަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން އައި ބަޔަކު ނިކަމެތިންތަކަކަށް ދިން އަނިޔާއެއް ބުނެ، ނީލަން ފިހާރަތަކުގެ ވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނީލަން ފިހާރައިގެ ގޮޅިތައް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުސްކުރަން އަންގާ ސިޓީ ކައުންސިލުން ވަނީ އެ ގޮޅިތަކުގެ ވެރިންނަށް މި މަހުގެ 15 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނީލަން ފިހާރައިގެ ގޮޅިތައް ހުސްކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގޮޅިތައް ހުސް ކުރުމަށާއި އެ މުއްދަތަށް ހުސްނުކޮށްފި ނަމަ ގޮޅިތަކުގައި ހުންނަ ތަކެއްޗަކީ ކުނީގެ ގޮތުގައި ބަލާ، އެތަކެތި ނައްތާލާނެ ކަމަށްވެސް ސިޓީގައިވެއެވެ. އަދި އެ ލިޔުން ނީލަން ފިހާރައިގެ ބޭރުގައިވެސް ތަތްކޮށްފައިވެސް ހުއްޓެވެ.
ގިނަ އަހަރުތަކެއް ވަންދެން ނީލަން ފިހާރައިގައި ގޮޅިއެއް ހިންގަމުން އަންނަ ސައްތާރު، ”ސަންގު“ އާއި ވާހަކަ ދައްކަމުން ބުނީ ފެށުނީއްސުރެ ކާންބޯން، ދިރިއުޅެން އޭނާ ކުރާ މަސައްކަތަކީ ނީލަން ފިހާރަ ހިންގުން ކަމަށެވެ. އަދި އާއިލާގެ ކަންކަމަށް ޚަރަދުކޮށް ދެކޮޅު ޖައްސަނީ އެ މަސައްކަތުން ލިބޭ އެއްޗަކުން ކަމަށް އޭނާ ބުންޏެވެ.
ސައްތާރު ބުނީ ކުއްލި އަކަށް ތަން ހުސްކޮށް ގޮޅި އަތުލުމުން މާދަންވެސް ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށާއި އަބިދަރިންގެ މުސްތަޤްބަލުވެސް ގެއްލިގެން ދިޔައީ ކަމަށެވެ. އަދި އިތުރު ގޮތެއް ހަމަޖައްސައި ނުދީ ކުއްލި އަކަށް ގޮޅި އަތުލުމުން ވަޒީފާއެއް ނެތި މަގުމަތިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
”މީގެ ކުރީގައި ވޭތުވެދިޔަ ތިރީސް ސާޅީސް އަހަރު ދުވަހުގެ ތެރޭގައި އައި ސަރުކާރުތަކުންވެސް އެއިރެއްގެ ހާލަތައް ބަލައިގެން މިކަން ކުރިއަދިން، މީގެން އެއްވެސް ވައްދާނެތަނެއް ނެތް، މިތަނުގައި ހުރި މުދަލުގެ އަގު ތިން ލައްކަ ރުފިޔާއަށްވުރެ ގިނަ ވާނެ، މީވެސް ހިލޭ ލިބޭ އެއްޗެއް ނޫން، މި ކަމުން އަޅުގަނޑުމެނަށް ވާން ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ“ ސައްތާރު ބުންޏެވެ.
ނީލަން ފިހާރައިގެ އިތުރު ގޮޅިއެއް ހިންގާ މީހަކު ބުނީ މުދާތައް ގެންދާނެ އިތުރުތަނެއް ނުދައްކާ ކުއްލި އަކަށް އެއް މަސް ދުވަސް ތެރޭގައި ތަން ހުސްކުރަން އެންގުމުން ކަންބޮޑުވާ ކަމަށެވެ. ވަރަށް އުއްމީދާއެކު އިންތިޚާބުކުރި ސަރުކާރަކުން މިގޮތަށް ކަންތައްތައް ކުރުމުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.
ދިރިއުޅުމުގެ ކަންކަމަށް ޚަރަދުކުރުމާއި ކާންބޯން ލިބެނީ ނީލަން ފިހާރައިން ލިބޭ އެއްޗަކުން ކަމަށާއި ތަން ބަންދު ކުރަން ޖެހުމަކީ އާއިލާ މަގުމަތިވުން ކަމަށް އޭނާ ބުންޏެވެ.
ނީލަން ފިހާރައަށް އެއްޗެއް ގަންނަން ގޮސް ހުރި އާޝިއު ނަމަކަށް ކިޔާ މީހަކު ބުނީ ނީލަން ފިހާރަ ކަހަލަތަނެއް ނެތުމަކީ އެކަމުގެ ދަތިތައް ކިތަންމެ ވަރަކަށްވެސް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ކުދިކުދި މަސައްކަތްތައް ކުރާ މީހުންނަށް ބާޒާރަށް ގޮސް އަގު ބޮޑުކޮށް އެއްޗެހި ގަތުމަށްވުރެ ނީލަން ފިހާރައިން ގަތުމުން ލިބޭ ފައިދާ ބޮޑެވެ.
”މިތަން ބަންދު ކުރުމަކީ ވަރަށް ހިތާމަވެރި ކަމެއް، މިސާލަކަށް ބާޒާރަށް ގޮސް އެންމެ ފަތިކޮޅެއް ގަންނަންވިޔަސް އަތުން ފައްސަތޭކައެއް ހާ ރުފިޔާ އެބަދޭ، އެކަމަކު މިތަނުން މި ލިބުނީ މިއަދުވެސް 20 ރުފިޔާއަށް“ އާޝިއު ބުންޏެވެ.
ކޮވިޑް-19އާ ގުޅިގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ނީލަން ފިހާރަ ހުންނަ މަގު ސިޓީ ކައުންސިލުން ވަނީ ސާފުކޮށްފައެވެ. އެ މަގުގެ ވަކި ސަރަހައްދެއްގައި ދުއްވާގޮތަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
މިއަހަރުގެ އޭޕްރިލް މަސްތެރޭގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ނީލަން ފިހާރަ ހިންގާ ބިންތަކުގެ މަޢުލޫމާތާއި އެތަންތަން ހިންގާނީ ކޮންބައެއްކަން ކަށަވަރު ނުކުރެވޭކަމަށެވެ. ނަމަވެސް ގޮޅިތައް ހުސްކުރަން އެންގި ލިޔުންތައް އެޑްރެސް ކޮށްފައިވަނީ އެތަންތަން ހިންގާ ފަރާތްތަކަށެވެ.

