ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުމުގައި އިސްލާހު ގެންނަން ހުށަހެޅި 07 ޤާނޫނު އަދިވެސް އޮތްތަނުގައި، އިސްލާހެއް ނުކުރެވޭ: އަލީމް

ރައީސް ޞާލިޙަށް ވެރިކަމަށް ގެނައުމަށް އެކުލަވައިލި ކޯލިޝަން. ފޮޓޯ: ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީވެގެން އެއްބަސްވި އެއްބަސްވުމުގައި، އިސްލާހުކުރަން ހުށަހަޅާފައިވާ ޤާނޫނުތަކަށް ދެ އަހަރުވީއިރު ވެސް އިސްލާހު ނުގެނެވޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) ގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް އަލީމް އާދަމް ވިދާޅުވެއްޖެއެވެ.

”ސަންގަށް“ މިއަދު ދެއްވި އިންޓަވިއުއެއްގައި އަލީމް ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީވެގެން އެއްބަސްވުމެއްގައި ސޮއިކުރެވުނު އިރު، ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެއްބަސްވެފައިވާނެކަމަށެވެ. މި ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ކުރީގެ ރައީސް ޔާމިނު ސަރުކާރުގައި ހަދާފައިވާ ޤާނޫނުތަކެއް އުވާލުމަށް ވެސް އެއްބަސްވެފައިވާނެކަމަށެވެ. އަދި އެއިން ކުރެވިފައިވަނީ ބައެއް މަސައްކަތްތައް ކަމަށާއި، ނަމަވެސް މިހާ ދުވަސްވެގެން ދިޔައިރު ވެސް ދެން ހުރި މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށެވެ. އަދި ރައީސް ޞާލިޙްގެ މެނިފެސްޓޯގަ ކޮށްދެއްވަން ވަޢުދުވެވަޑައިގަތް ބައެއް ކަންތައްތައް ކަނޑައެޅިފަވާ ތާރީޚުތަކަށް ނުހިނގާކަމީ ދިވެހި ރައްޔިިތުން ދަންނާނެ ޙަޤީޤަތެއްކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

”އެއިރު ހަތަރު ޕާޓީވެގެން އެއްބަސްވުމެއްގަ ސޮއިކުރެވުނު އިރު ހުންނާނެ ވަރަށް ގިނަ ކަންތައްތަކެއް އެއްބަސްވެފަކުރަން. ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުންނާނެ. ޤާނޫނުތަކެއް. ޔާމިނު ސަރުކާރުގެ ހެދި ޤާނޫނުތަކެއް އުވާލުމަށް ވެސް ހުންނާނެ އެއްބަސްވެފަ. އޭގެން ބައެއް މަސައްކަތްތައް ކުރެވިފަހުރީ، އެހެންނަމަވެސް މިހާ ދުވަސްވެގެންދިޔައިރު އެ މަސައްކަތްތައް ނުކުރެވި އޮތީމަ، އަސްލު އެއަށް ބޮޑަށް އަލި އަޅުވާލާފަ އެހެރީ. އޭގެއިތުރުން ހަމަ އަޅުގަނޑުމެންވެސް ދިވެހި ރައްޔިތުންވެސް ޤަބޫލުކުރާނެކަންނޭނގެ ބައެއްކަހަލަ މި ބުނީ މެނިފެސްޓޯގަ ކޮށްދެއްވަން ބުނި ބައެއް ކަންތައްތައް، މި ތާރީޚުތައް ކަނޑައެޅިފަވާ އެ ތާރީޚުތަކަށް ނުހިނގާކަން، އަދި އަޅުގަނޑުމެން ހަމަ ޤަބޫލުކުރަން މި ކޮވިޑާއި ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް ފަހަތަށް ޖެހިގެންދިޔަކަން ވެސް، ދެން މި ޤަބޫލުކުރެވެނީ އެ ކަންތައްތައް ކުރާނެކަމަށް.“ އަލީމް

އަލީމް މިހެން ވިދާޅުވެފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހުގެރޭ އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައިވަނީ، މިހާރު ފެންނަމުންދަނީ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ހަނިކުރެވިގެންދާ މަންޒަރުކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެމްއާރްއެމް އިން މަޖިލީހަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ އަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހު ބާތިލުކޮށްފައިނުވާތީއެވެ. މި ގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނު އަށް ރައީސް ޔާމިނުގެ ސަރުކާރުގައި ގެނެވުނު އިސްލާހަކީ އެމްއާރްއެމްއިން ގަބޫލުކުރާ އުސޫލުތަކާ ޚިލާފު އަދި ޤާނޫނު އަސާސީއާއި ތަޢާރުޒުވާ އިސްލާހެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ގޮތުން އެކަމާ ދެކޮޅަށް އޭރު ވެސް ފާޅުގައި ވަކާލާތު ކޮށްފައިވާނެކަމަށާއި އޭރު މިކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑިތައް ގެއްލިގެން ދިޔަ ދިޔުމަކީ ވެސް ރައްޔިތުން ދަންނަ ހަޤީޤަތެއްކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.އަދި ޤާނޫނުއަސާސީގެ ރޫހާއި ޚިލާފަށް ރައީސް ޔާމިނުގެ ސަރުކާރުން ގެނައި ބަދަލުތައް މުރާޖާޢާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށާއި ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިސްލާހު ކުރުމަށް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އެއްބަސްވެފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. މި ގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިސްލާހު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހޯދައިދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވެސް އެއްބަސްވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

https://twitter.com/MRM_Office/status/1283809533425356800?s=20

އަލީމް ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީގެ ރޫހާއި ޚިލާފަށް ރައީސް ޔާމިނުގެ ސަރުކާރުން ގެނައި ބަދަލުތައް މުރާޖާޢާކޮށް، ރައްޔިތުންނަށް ގެއްލުންވާގޮތަށާއި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށާއި، ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިސްލާހު ކުރުމުގެ އިތުރުން، ޤާނޫނުތައް އިސްލާހުކުރަން އެއްބަސްވުމުގައި ސޮއިކޮށްފައިވާނެކަމަށެވެ. މި ގޮތުން އޮޑިޓް ޤާނޫނާއި، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި، އެހެނިހެން އިނާޔަތްތަކާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތައް އުވާލައި އެ ޤާނޫނު މުރާޖަޢާކޮށް އިސްލާހު ގެނެވިފައެއް ނުވެއެވެ. ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާހާއި 5 ވަނަ އިސްލާހު އުވާލައ، އެ އިސްލާހުން ބަދަލުކުރެވުނު މާއްދާތައް އަލުން ރުޖޫޢަކޮށް އިސްލާހުގެނެވިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ޖަލުތަކާއި، ޕެރޯލްގެ ޤާނޫނަށް، 1ވަނަ އިސްލާހުގެ (ހަވަނަ ބާބު) ދަށުން އަސާސީ ޙައްޤުތައް ހިފެހެއްޓިފައިވާ މާއްދާތައް އުވާލައި އިސްލާހުގެނެވިފައެއް ނުވެއެވެ. މި ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގައި، ހަމައެކަނި ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި، ބެހޭ ވާހަކަތަކެވެ. މި އިސްލާހު ތަސްދީޤުކުރެވުނީ 20 ޑިސެމްބަރު 2018 ގައެވެ.

މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހުގެނެވިފައެއް ނުވެއެވެ. އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު އުވާލައި، ޢާންމުކޮށް އިޢުލާނުކުރެވި ހުޅުވާލައިގެން ހިންގޭ ބިޑުގެ އުސޫލުން ނޫންގޮތަކަށް ރަށް ނުދެވޭގޮތް ހެދުމަށް އިސްލާހެއް ގެނެވިފައެއް ނުވެއެވެ. އަދި ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވުނު 5 ވަނަ އިސްލާހުގެ ދަށުން ބިދޭސީން އަތުން ނެގޭ ފީ އާއި، ރެމިޓަނަސް ޓެކްސް އުވާލައި އެ ޤާނޫނަކަށް އިސްލާހު ގެނެވިފައެއް ނުވެއެވެ. އަދި މީގެ އިތުރުން ވެސް، ޤާނޫނުތަކަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތައް ގެނެވިފައިނުވާކަން ފާހަގަކުރެވެއެވެ. މި ގޮތުން ބަލާއިރު، އާބިޓްރޭޝަނުގެ ޤާނޫނު އިސްލާހުކޮށް ޢާބިޓަރަލް އެވޯޑްސް ރާއްޖޭގައި ތަންފީޒުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިފައެއް ވެސް ނުވެއެވެ.

އަލީމް ވިދާޅުވީ މި ކަންތައްތަކަކީ މިހާރު ކޮށްނިމިފައި ހުންނަންޖެހޭ ކަންކަންކަމަށެވެ. އަދި މިހާރު މި ހުރި ޤާނޫނުތައް އިސްލާހުވުމަކީ ހަމަ ކޮންމެ ރައްޔިތަކުވެސް އެދޭނެކަމެއްކަމަށާއި، އިސްލާހަށް މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް ހަމަ ބޭނުންވާނެކަމެއް ކަމަށެވެ. މީގެ އިތުރުން އަލީމް ވަނީ އެ ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށްވާނީ އެ ޤާނޫނުތައް އިސްލާހުވުމުން ކަމަށް ވެސް ވިދާޅުވެފައެވެ.

”އަޅުގަނޑު ޤަބޫލުކުރަނީ މިހާރު މި ހުރި ޤާނޫނުތަކާއި މި އެއްޗެހިތައް އިސްލާހުވުމަކީ ހަމަ ކޮންމެ ރައްޔިތަކުވެސް އެދޭނެކަމެއް. ދެން މި އިސްލާހަށް މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް ހަމަ ބޭނުންވާނެ، އެ ޤާނޫނުތައް އިސްލާހުވެ އެ ޤާނޫނުތަކުން، ރައްޔިތުންނަށް އިންސާފު ލިބުން ދެއްތޯ، އެއީ ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށްވާނީ.“ އަލީމް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: