ކޮވިޑް-19 ފަދަ ބަލިމަޑު ކަމެއް އޮތް ދުވަސްވަރެއްގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގަންވާނީ އިންސާނީ ކަރާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
ސަންގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަކްރަމް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން، އާންމު ސިއްހަތުގެ ޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން، އަމަލަކުރަންޖެހޭ ގައިޑްލައންތަކެއް އެކުލަވާލާފައިވާއިރު، ސިޔާސީ ޕާޓީ ތަކުން އެ ކަންކަމަށް ބޯލަބަލްޖެހޭ ކަމަށެވެ.
އަކްރަމް ވިދާޅުވީ މިފަދަ ނާޒުކު ހާލަތެއްގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކަށް ބޯލަބަންވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ސިޔާސީ ޕާޓީތަކުން އިސްކަންދޭންވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު މި ބަލިން އަރައިގަތުމަށް އެންމެ އެކުގައި ތެދުވަންޖެހޭ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ހަރަކާތްތައް ހިންގަންވާނީ އެކަމުގެ ސަބަބުން އެހެން ބަޔަކަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ކޮވިޑް ފެތެރުން ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުންވެސް ބޯލަބަންވާނެ ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް މާލެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި އެއްވުންތައް ބާއްވަމުންދާކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އެކަންކަން ބަލާ، ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާ ކުރައްވާނެ ކަމަށެވެ.
އާދިއްތަ ދުވަހުން ފެށިގެން މާލޭ މަގުތަކުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ މުޒާހަރަ ކުރަމުންނެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭގެ މުޒާހަރާއިގައި ފުލުހުންތަކެއްގެ ގަޔަށް ހައްޕުޑާއި ކުޅު ޖެހުމުން އިދިކޮޅު ފަރާތްތަކުންވަނީ އެ މުޒާހަރާތައް ރާވާ ހިންގުމުގައި އެއްވެސް ދައުރެއް ނުވާ ކަމަށް ބުނެފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވުންތައް ބޭއްވުމާއި އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ، އެ ކަންކަން ނުކުރަން ފުލުހުންވެސް ވަނީ ބުނެފައެވެ.
ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފައެވެ. މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ލިޔުމުން ހުއްދަ ނުހޯދައި މާލޭގައި މުޒާހަރާ ކުރެވޭނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.

