އާންމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ގައިޑްލައިންއަށް ނުފެތޭ ތަންތަން ބަންދުކުރާނެކަމަށް ހެލްުތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި އިއުލާންގައި ބުނެފައިވަނީ ޖުލައި 30 އިން ފެށިގެން ގްރޭޓަރ މާލޭ ސަރަހައްދުގައި މާސް ޕަބްލިކް ހެލްތު އިންސްޕެކްޝަނެއް ފަށާނެކަމަށެވެ. އަދި މިއިންސްޕެކްޝަންގެ ދަށުން އާންމު ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރަމުންދާނެ ކަމަށެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަ، ޖިމްތައް، ސެލޫންތައް އަދި މާރުކޭޓުތައް ބަލަމުންދާނެ ކަމަށް ވަނީ ބުުނެފައެވެ.
ކޮވިޑް-19އާއި ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމުގައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި މިފަދަ ތަންތަނުން އާންމު ޚިދުމަތް ފޯރުކޮށްދޭންވާނީ ކޮވިޑް-19އާއި ގުޅިގެން އެއެޖެންސީއިން އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ކޮވިޑް-19އާއި ގުޅިގެން ލޮކްޑައުން ކުރުމާއެކު އާންމު ޚިދުމަތްދޭ ތަންތަންވެސް ވަނީ ދިގު މުއްދަތަކަށް ބަންދުކޮށްފައެވެ. އަދި އޮންލައިން ޚިދުމަތްދެވޭ ނުވަތަ ޑެލިވެރީގެ ޚިދުމަތް ފޯރުކޮށްދެވޭ ތަންތަނުން ވަނީ އެގޮތަށް ޚިދުމަތް ދެމުން ގެންގޮސްފައެވެ.
އެހެންނަމަވެސް، ލޮކްޑައުންއަށް ދިން ލުއިތަކާއެކު އާންމު ޚިދުމަތްދޭ ގިނަ ތަންތަން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ކޮންމެ ދުވަހަކުވެސް އެތަންތަނުން ޚިދުމަތް ހޯދުމަށް މީހުން ދާކަން ފާހަގަކޮށްލެވެއެވެ.
އާންމު ޚިދުމަތްދޭ ބައެއް ތަންތަނުގައި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ދިޔަ ކަމުގައިވިޔަސް، ބައެއް ތަންތަނުން އެއުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން އާންމުންވެސް ފާހަގަކުރެއެވެ.
އާންމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އުސޫލާއި ދެކޮޅަށް ޚިދުމަތްދިން ބައެއް ތަންތަން މީގެ ކުރިންވެސް ވަނީ ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައެވެ.

