ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށްބުނެ ދައްކަނީ ސައްހަ ވާހަކައެއް ނޫން ކަމަށާއި ރައްޔިތުން ބިރުގަންނަވަން އެވާހަކަ ދެއްކިޔަސް އަދި ކޮވިޑްޖެހޭ މީހުންގެ އަދަދު އިތުރުވިޔަސް މުޒާހަރާތައް ކުރިއަށްދާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން ކުރި ފުރަބަންދަށް ލުއި ދިން ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން އަންނަނީ ގައިދުރުކަން ބަހައްޓައި ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބާއްވަން ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި އެޗްޕީއޭ އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވުންތައް ބޭއްވުމާއި އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ، އެ ކަންކަން ނުކުރަން ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަންގާރަ ދުވަހުގެ ރޭ އޮތް މުޒާހަރާއަށްފަހު ޕީޕީއެމް އޮފީސް ކައިރިއަށް އެއްވި މީހުންކޮޅަކާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެ ސަރުކާރުން އުޅެނީ ބިރު ދައްކަން ކަމަށެވެ. އަދި ސަރުކާރުން ބިރު ދެއްކި ނަމަވެސް ޙައްޖު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެޔަކުވެސް މުޒާހަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންގާރަ ދުވަހުގެ ރޭގެ މުޒާހަރާގައި ފުލުހުންތަކެއްގެ ގަޔަށް ހައްޕުޑާއި ކުޅުޖެހުމާއެކު، ރާނގު ބަދަލުކޮށް އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާތަކަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިސްނައިގެން ރާވާ ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ޙައްޤު ހޯދުމަށް ރައްޔިތުންކުރާ މުޒާހަރާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރުން އިތުރުވިޔަސް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލު ނުވުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށެވެ. އެކަން އެހެންވީ ސަރުކާރުގެ ދޯހަޅި ކަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮވިޑު ޖެހިގެން މަރުވުމަށްވުރެ، އަނބިދަރިންނަށް ކާނެއެއްޗެއް ހޯދައިދޭން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި މި ސަރުކާރު އުޅެނީ ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދީ ’ރެކެން‘ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މަގުމައްޗަށް ނިކުތީ ސަރުކާރުން ރައްޔިތުން މަގުމަތިކޮށް ނިކަމެތި ކުރީމަ ކަމަށާއި މި ސަރުކާރުން ރައްޔިތުން ނިކަމެތިކޮށް ބިކަ ކޮށްފި ކަމަށެވެ.
ރައްޔިތުންގެ ހައްގު ރައްޔިތުން ހޯދާނެ ކަމަށާއި ރައްޔިތުން ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ އަޑު އުފުލައި ރައްޔިތުންގެ ބަސް އިއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

