ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ބޭރުމީހުން“ ގެ ނަމުގައި ރައީސް ނަޝީދު ލިޔުއްވި މަޒުމޫނަށް، ރައީސް ވަޙީދު ދެއްވި ރައްދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅޭ ބިދޭސީންގެތެރޭގައި ހިމެނޭ އަންޑޮކިއުމެންޓެޑް މީހުން، އެ މީސްމީހުންގެ ޤައުމަށް ފޮނުވާލުމުގެ ކެޕޭސިޓީ ދިވެހި ދަޢުލަތުގައި އެބަހުރިކަމަށާއި، އެކަމާ ދައްކާނެ އިތުރު ވާހަކައެއްނެތްކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު، ރައީސް މުޙައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

ރާއްޖޭގަ އުޅޭ ބިދޭސީންގެތެރޭގައި ހިމެނޭ އަންޑޮކިއުމެންޓެޑް މީހުން ނުވަތަ އެއްވެސް ލިޔެކިޔުމެއްނެތް މީހުން، އެ މީސްމީހުންގެ ޤައުމަށް ފޮނުވާލުމުގެ ކެޕޭސިޓީ ދިވެހި ދަޢުލަތުގައި އެބަހުރިކަމަށާއި، އެކަމާ ދައްކާނެ އިތުރު ވާހަކައެއްނެތްކަމަށް ވިދާޅުވެ،ރައީސް ވަޙީދު، ރައީސް ނަޝީދަށް ރައްދުދެއްވާފައިވަނީ، ދާދި މިދާކަށް ދުވަހު ”ބޭރުމީހުން“ ގެ ނަމުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ މަޒުމޫނާއި ގުޅިގެން، ”ސަންގުން“ ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

”ބޭރުމީހުން“ ގެ ނަމުގައި، މި މަހުގެ 18 ވަނަ ދުވަހު ރައީސް ނަޝީދު ލިޔުއްވައި، ޝާއިއުކުރެއްވި މަޒުމޫނުގައި ވަނީ، ރާއްޖޭގައި މި ވަގުތު ތިބި ބިދޭސިންގެ ހައްލަކީ ރާއްޖެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެތެރެއިން ކާކުކަން ނޭނގޭ މީހުންގެ މައްސަލަ ހައްލުކުރަން އޮތް މަގަކީ އެ މީހުން ފޮނުވާލުންކަމަށްދެކޭނަމަ، އެ މައްސަލަ ހައްލުނުވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ލިޔެކިޔުމެއްނެތި އެ ގޮތަށް އުޅޭ ބިދޭސީން ފޮނުވައިލުމަކީ ނުވާނެކަމެއް ކަމަށާއި، ދިވެހި އެއްވެސް ވެރިއަކު އެކަން ކުރައްވާނެކަމަށް ވިދާޅުވާނަމަ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ވިދާޅުވާ ބަސްފުޅުތަކެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެ ގޮތަށް އުޅޭ ބިދޭސީ މީހާއަކީ، ކާކުކަން ދިވެހި ސަރުކާރަކަށް ވެސް، އަދި އޭނާގެ އަމިއްލަ ޤައުމަކަށް ވެސް ސާފުކުރެވޭނެ ގޮތެއް ނެތެްކަމަށާއި، ސަރުކާރުން އޭނާ ފޮނުވައިލަން ބޭނުންވިޔަސް، އޭނާ ފޮނުވުމަށް މަސއްކަތްކުރާ ޤައުމުގެ ސަރުކާރުން، އޭނާ އެ ރަށަށް ގެންދިއުމަށް އެއްބާރުލުން ނުދޭނަމަ، ރާއްޖެއިން ފޮނުވާލާނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި މިހާރު ވެސް 70،000 އާއި ގާތްކުރާ ޢަދަދަކަށް ރާއްޖޭގައި ބިދޭސީން އުޅޭ ކަމަށާއި، އެންމެން ހިފައި ހައްޔަރުކޮށް ތަންތަނުގައި ބޭތިއްބުމަކީ ވާނެކަމެއް ނޫންކަމަށް ވެސް ރައީސް ނަޝީދުގެ މަޒުމޫނުގައި ވިދާޅުވެފައިވެއެވެ.

މި ގޮތުން، ”ސަންގަށް“ ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި، ރައީސް ވަޙީދު ވިދާޅުވީ، ރައީސް ނަޝީދު އެ ދެއްކެވީ ވަރަށްބޮޑަށް ވިސްނަންޖެހޭކަހަލަ ވާހަކަފުޅެއްކަމަށެވެ.

މީގެ އިތުރުން ރައީސް ވަޙީދު ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެތެރޭގައި ހިމެނޭ އަންޑޮކިއުމެންޓެޑް މީހުން، އެ މީސްމީހުންގެ ޤައުމަށް ފޮނުވާލުމުގެ ކެޕޭސިޓީ ދިވެހި ދަޢުލަތުގައި އެބަހުރިކަމަށާއި، އެކަމާ ދައްކާނެ އިތުރު ވާހަކައެއްނެތްކަމަށެވެ. އަދި ބޭރުމީހުންނަށް ވެސް، ދިވެހިރާއްޖޭގައި އުޅެވޭނީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅޭ މީހުން ނޭނގެނީއެއް ނޫންކަމަށެވެ. އަދި ޤާނޫނާއި ޚިލާފަށް އުޅޭ، ޤަވާއިދާއި ޚިލާފަށްއުޅޭ މީސްމީހުންނަކީ ކޮބައިކަން އެނގިތިބެ، އެ މީސްމީހުންނާއި ދޭތެރޭގައި ފިޔަވަޅުނޭޅީމާ އެއީ އެ މީހުންގެ މައްސަލައެއްނޫންކަމަށާއި، އެއީ ދިވެހި ސަރުކާރުގެ މައްސަލައެއްކަމަށް ވެސް، ރައީސް ވަޙީދު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1284455417465040896?s=20

”އަޅުގަނޑު ދަންނަވާނީ ވަރަށްބޮޑަށް ވިސްނަންޖެހޭކަހަލަ ވާހަކަފުޅެކޭ އެ ވިދާޅުވީ. އަޅުގަނޑު ޤަބޫލުކުރަނީ އެ ގޮތަކަށްނޫން. އަޅުގަނޑު ޤަބޫލުކުރާގޮތުގަ ދިވެހިރާއްޖޭގަ އުޅެވޭނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ބޭރު މީހުންނަށް ވެސް، އެހެންވީމަ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅޭ މީހުން އަޅުގަނޑުމެންނަށް ނޭނގެނީކީ ނޫން. އެހެންވީމަ އަޅުގަނޑުމެންނަށް އެނގިތިބެ ޤާނޫނާއި ޚިލާފަށް އުޅޭ، ޤަވާއިދާއި ޚިލާފަށްއުޅޭ މީސްމީހުނާއި ދޭތެރޭ އަޅުގަނޑުމެން އެ ފިޔަވަޅުނޭޅީމާ އެއީ އެ މީހުންގެ މައްސަލައެއްނޫން. އެއީ އަޅުގަނޑުމެންގެ މައްސަލައެއް. އަޅުގަނޑުމެން އެކަމަށް އިހުމާލުވީމާ ވާކަމެއްއެއީ. އެކަމަކަށް އަޅުގަނޑުމެން ދައްކާނެ އެއްވެސް، އުޒުރެއް ބަހަނާއެއް އޮވެގެން ނުވާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގަ ދިވެހި ދަޢުލަތުގަ އެބަހުރި، އެ ކެޕޭސިޓީ، ރާއްޖޭގަ އުޅޭ ބިދޭސީންގެތެރޭގަ އަންޑޮކިއުމެންޓެޑް މީހުން، ލިޔެކިޔުން ނެތް މީސްމީހުން، އެ މީސްމީހުންގެ ޤައުމަށް ފޮނުވާލުމުގެ ކެޕޭސިޓީ އެބަހުރި. އެކަމަކާ އަޅުގަނޑުމެން ދައްކާނެ އިތުރު ވާހަކައެއްނެތް.“ ރައީސް ވަޙީދު

މީގެ އިތުރުން ރައީސް ވަޙީދު ވަނީ، ދިވެހިރާއްޖެއަށް ބޭރުމީހުން އައުމުގެ ޕޮލިސީ އޮތީ ކިހިނެއްތޯ ބައްލަވައިލައްވަންޖެހޭކަމަށް ވިދާޅުވެ، އެ ކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ. މި ގޮތުން، ދިވެހިރާއްޖެއަށް ޙައްޤު މިންވަރަކީ ބޭރު ޤައުމުތަކުގައި ތިބޭ އެންމެ ނިކަމެތި، އެންމެ ނުކިޔަވާތިބި، އެންމެ ސިއްހީގޮތުން ދެރަވަރު މީހުން ރާއްޖެ ގެނެސް ފުރާލުމެއްނޫންކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. އަދި އެ ކަން ކުރަންޖެހޭނީ، ދުނިޔޭގެ އެހެން ޤައުމުތަކުގަ ވެސް އެކަން ކުރާގޮތަށްކަމަށާއި، ރާއްޖެ ގެންނަންވާނީ، އެ ބައެއްގެ ސަބަބުން ވެސް ރާއްޖެއަށް ފައިދާވާނެ ޢިލްމީ މީހުންކަމަށާއި، އެ ކަންކަމުގެ މައްޗަށް ބިނާކޮށްފައި، އިމިގުރޭޝަން ޕޮލިސީގެދަށުން އެ މީހުން ގެނެވޭނެ ގޮތަށް ޕޮލިސީ ބައްޓަންކޮށްގެންކަމަށް ވެސް ރައީސް ވަޙީދު ވިދާޅުވިއެވެ. ރައީސް ވަޙީދު ވިދާޅުވީ، އެފަދަ ޤާނޫނުތައް ބައްޓަންކުރުމުގެ ބާރު، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށެވެ.

”އާދެ، މި ކަން މި ވާހަކަ ދައްކާއިރުގައި، އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަންޖެހޭކަމަކީ ދިވެހިރާއްޖޭގެ އިމިގުރޭޝަން ޕޮލިސީ އަޅުގަނޑުމެން ކިހިނެއްތޯ. ދިވެހިރާއްޖެއަށް ބޭރުމީހުން އައުމުގެ ޕޮލިސީ އޮތީ ކިހިނެއްތޯ. ދިވެހިރާއްޖެއަށް ޙައްޤު މިންވަރަކީ ބޭރު ޤައުމުތަކުގަ ތިބޭ އެންމެ ނިކަމެތި، އެންމެ ނުކިޔަވާތިބި، އެންމެ ސިއްހީގޮތުން ދެރަވަރު މީހުން ރާއްޖެ ގެނެސް ފުރާލުމެއްނޫން. ދުނިޔޭގެ އެހެން ޤައުމުތަކުގަ ވެސް އެކަން ކުރާގޮތަށް، ރާއްޖެއަށް އެންމެ ފައިދާހުރި މީސްމީހުން، ރާއްޖެއަށް ވެސް އެ ބައެއްގެ ސަބަބުން، އެބައެއްގެ އަތްމަތި ތަނަވަސްވުމާއި، އެބައެއްގެ ތަޢުލީމާއި، މި ކަންކަމުގެ މައްޗަށް ބިނާކޮށްފަ އޭގެ ސަބަބުން ރާއްޖެއަށް އެންމެ ފައިދާ ބޮޑުބައެއް އެ ޕޮލިސީގެދަށުން ގެނެވޭނެ ގޮތަށް ޕޮލިސީ ބައްޓަންކުރުން. ޤާނޫނުތައް އެ ގޮތަށް ބައްޓަންކުރުން. އެހެންވީމަ މިއަދު ރައްޔިތުންގެ މަޖިލިސްގަ އެބައޮތް އެ ބާރު. ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ މި ބާވަތުގެ މީހުނޭ، މިކަހަލަ ތަޢޫލީމީ ފެންވަރުގެ މީހުންނޭ. މީގެ ތަޖުރިބާ ހުރި މީސްމީހުންނޭ. މިހެން ބުނެވޭނެ ޖާގަ އެބައޮތް. އެހެންވީމަ އެ ގޮތަށް އެ ޕޮލިސީ ބައްޓަންކުރެއްވީމަކާ، މި ދުވަހެއް އަޅުގަނޑުމެންނަކަށް ކުރިމަތިލާކަށް ނުޖެހޭނެ މުސްތަޤުބަލަކު.“ ރައީސް ވަޙީދު

ރާއްޖޭގައި އުޅޭ ބިދޭސިންތަކެއް. ފޮޓޯ: ސޯޝަލްމީޑިއާ
ރާއްޖޭގައި އުޅޭ ބިދޭސިންތަކެއް. ފޮޓޯ: ސޯޝަލްމީޑިއާ

ބިދޭސީންގެ މައްސަލައާއި ގުުޅޭގޮތުން ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގަވައިލައްވަމުން ރައީސް ވަޙީދު ވިދާޅުވީ، ރާއްޖެފަދަ ކުދި ޤައުމުތަކުގައާއި، ޔޫއޭއީ، ކުވެއިތު ފަދަ ޤައުމުތަކުގައި، އެ ޤައުމުތަކުގެ އާބާދީއަށްވުރެ ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެ ޤައުމުތަގެ ޤަވާއިދުތައް އޮންނަނީ ވަކި ގޮތަކަށް ކަނަޑައެޅިފައިވާ ކަމަށާއި، އެހާ ފަސޭހައިން އެހެން ޤައުމުތަކުގެ މީހުންނަކަށް، އެ ޤައުމުތަކުގެ ރައްޔިތުންނަކަށް ނުވެވޭނެކަމަށެވެ. ނަމަވެސް އެ ޤައުމުތަކުގައި މަސައްކަތްކުރާހައި ހިނދަކު، ވޯކް ވިސާގައި އެ ޤައުމުތަކުގައި ތިބެވިދާނެކަމަށާއި، ކުންފުންޏެއްގަ މަސައްކަތްކުރާ މީހެއްވެއްޖެނަމަ ރެޒިޑެންޓް ވިސާ ލިބިދާނެކަމަށެވެ. އަދި އެއީ އެ ކުންފުންޏެއްގަ އެ މީހަކު މަސައްކަތްކުރާހައި ހިނދަކުކަމަށާއި، މުޅި ދުނިޔެ ޢުމުރަކަށް ނޫންކަމަށް ވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.

”ދެން ހަމަ އެހެން އަޅުގަނޑުމެންފަދަ ކުދިކުދި ޤައުމުތަކުގައި، އެބަހުރި މެދު އިރުމަތީގެ ބައެއް ޤައުމުތައް ވެސް. މިސާލަކަށް ޔޫއޭއީ ކަހަލަ ޤައުމުތައް. ނޫނީ ކުވެއިތުކަހަލަ ޤައުމުތައް. އެ ޤައުމުތަކުގެ އާބާދީއަށްވުރެ ގިނަ ޢަދަދެއްގެ ބިދޭސީން އެ ތަންތާގަ މަސައްކުރާކަން. އެހެންނަމަވެސް އެ ތަންތާގަ އެ ކަންތައް އޮންނަނީ ވަކި ގޮތަކަށް ކަނޑައެޅިފަ، އެ މީސްމީހުންނަށް އައިސް އެތާގެ ރައްޔިތުންނަށް ވެވޭނެގޮތްތަކެއްނޯވޭ. މަސައްކަތްކުރާހާ ދުވަހަކު އެތާގަ ތިބެވިދާނެ. ވޯކް ވިސާގަ. ދެން ހަމަ އެހެން ކުންފުންޏެއްގެ މަޤާމެއް އަދާކުރާ މީހެއްކަމަށްވިއްޔާ ރެޒިޑެންސް ވިސާއެއް ވެސް ލިބިދާނެ. އެހެންނަމަވެސް އެއީ އެކަން ކުރާހާ ދުވަހަކު. މުޅި ދުނިޔެ ޢުމުރަކަށް ނޫން އެ ކަންކަން އޮންނަނީކީ. އަދި ހަމަ އެހެން މި ކަހަލަ ކުދި ޤައުމުތަކުގަ ބިދޭސީން އައިސް އެ ތަންތާގެ ރައްޔިތުންނާ ކައިވެނިކުރުމަށް ވެސް، އޮންނަ ޤަވާއިދުތަކެއް އޮވޭ. ޚާއްސަ ޤަވާއިދުތަކެއް އޮވޭ. އެއީ އަޅުގަނޑުމެންނަށް ވެސް އެބަ ވިސްނަންޖެހޭ އަޅުގަނޑުމެންގެ ދަރިންނާ ބޭރުގެ މީހުންއައިސް އިނދެފަ ފެމިލީއެއް އުފައްދާފަ ކުއްލިއަކަށް ފުރައިގެން ދިޔައިމަކާ އެ މީހުންނަކަށް އެއީވެސް ޙައްޤުގޮތެއް ނޫން. އެއީ އެކަން ވާންވީ ގޮތެއްނޫން. އެހެންވީމަ އެއަށްވުރެ ހަރުދަނާ ގޮތްތަކެއް ހުންނަންވާނެ. ބިދޭސީންނާ ދިވެހިންނާ ކައިވެނިކުރުމުގަވެސް. އެއަށްވުރެ މާބޮޑަށް އަޅުގަނޑުމެންނަށް ދޫކޮށްލެވިފަ މި އޮންނަނީ.“ ރައީސް ވަޙީދު

ރައީސް ވަހީދު ވަނީ، ބިދޭސީން ވެސް ގެންނަންވީކަމަށާއި، ނަމަވެސް އެ މީހުން ގެންނަންވާނީ، ހަރުދަނާ ސިޔާސަތެއްގެ ދަށުންކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުން ގެންނަންވާނީ ރާއްޖެއަށް މަންފާކުރާނެ ގޮތަށްކަމަށް ވެސް ރައީސް ވަޙީދު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ބިދޭސީންތަކެއް ނިކުމެ ކުރި މުޒާހަރާގެތެރެއިން. ފޮޓޯ: އަވަސް
ބޮޑު ފިނޮޅުގައި ބިދޭސީންތަކެއް ނިކުމެ ކުރި މުޒާހަރާގެތެރެއިން.

ރައީސް ވަޙީދު މި މޭރުމުން ވާހަފުޅު ދެއްކެވި އިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ވަނީ ފެންމަތިވާން ފަށާފައެވެ. ނަމަވެސް ބިދޭސީންގެ މައްސަލަތައް ފެންމަތިވާން ފަށާފައިވަނީ، އެ މީހުންގެ ޢަމަލުތައް ހުންނަގޮތުން ނޫންކަން ފާހަގަކޮށްލަމެވެ. އަދި އެފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ، ސަރުކާރަށް ހަރުދަނާ ޤަވާއިދުތަކެއް އެކުލަވާލެވިފައި ނެތުމާއި، އެ ބިދޭސީން ގެންނަ ދިވެހި މީހާ އިހުމާލުވުމުގެ ސަބަބުންކަން ވެސް މިހާރު ވަނީ ހާމަވެފައެވެ. މި ގޮތުން ބަލާއިރު ފަހަކަށް އައިސް ބިދޭސީންގެ މުޒާހަރާތައްދަނީ ގިނަވަމުންނެވެ. މި ގޮތުން އެތަކެއް މަހެއްގެ މުސާރަނުލިބިި ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރަން އުޅުނު ބިދޭސީންތަކެއް ނިކުމެ ދިވެހިންތަކެއް ރަހީނުކޮށް، އެ ރަށުގެ ތަކެއްޗަށް ގެއްލުންދީ ހިންގި ހަމަނުޖެހުން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، ހުުޅުމާލޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނިކުމެ ހިންގި ހަމަނުޖެހުން ވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: