ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް، އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެއްވޭކަމަށް ބުނެ ވަކީލުން ނެރުނު ބަޔާން ކަރެކްޝަނަލް ސާވިސްއިން ދޮގުކޮށްފިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާން ދޮގުކޮށް ކަރަކްޝަންސްއިން ބުނެފައިވަނީ އެ ބަޔާނުގައި ބުނެފައިވާ ގޮތަށް، ޖުލައި 14 ގައި ފޮނުވި ސިޓީއާއި އެއްގޮތަށް އުސޫލުތަކުގެ ތެރެއިން ވަކީލުންގެ ބައްދަލުވުންތައް ހަމަޖެހޭނެ ކަމަށް ސާފުކޮށް އަންގާފައިވާނެ ކަމަށެވެ. ކޮވިޑުގެ ބަލު މަޑުކަމުގެ ސަބަބުން ވަކީލުންގެ ބައްދަލުވުންތަކާއި، އަދި ގައިދީންނާއި ގުޅޭ އެހެން ކަންތަކުގައި ބައްދަލުވުންތަކަށް އެދޭ ފޯމު އީމެއިލްގެ ޒަރިއްޔާއިން ކޮންމެ ވަގުތެއްގައި ވެސް ފޮނުވޭނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
އެހެން ކަމުން، ކަރެކްޝަންސްއަށް ސިޓީއެއް ހުށަހަޅާ ވަކީލުންގެ ބައްދަލުވުންތަކަށް އެދުމުން އެ އިންޒތިޒާމުތައް ހަމަހެފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ފުރުސަތު ހަމަޖައްސަދޭނެ ކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ. ކަރެކްޝަންސްއިން ބުނެފައިވަނީ، ވަކީލުންގެ ބައްދަލުވުންތަކާއި ބެހޭ މައުލޫމާތުތައް ރައީސް ޔާމީނަށާއި، އެ މަނިކުފާނުގެ ވަކީލުންނަށް ދީފައިވާނެ ކަމަށެވެ. އަދި މާލޭ ޖަލަށް ހުށަހެޅި ފޯމާއި ގުޅިގެން ވެސް އިރުޝާދުތަކެއް ދީފައިވާނެ ކަމަށް ކެރެކްޝަންސްއިން ވަނ ބުނެފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު އެ ބަޔާނަކީ މާލެ ޖަލުން ދީފައިވާ އިރުޝާދުތަކަށް އަމަލު ކުރުމެއް ނެތި، ހަގީގަތް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއްކަމަށް ބުނެ ކަރެކްޝަންސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހައިކޯޓުން އެންގި އެންގުމާއި އެއްގޮތަށް، ރައީސް ޔާމީނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދީ ގާނޫނު އަސާސީން ރައީސް ޔާމީނަށް ލިބިގެންވާ ހައްގުތަކަށް ކަރެކްޝަންސްއިން ހުރަސް އަޅަމުންގެންދާކަމަށް ބުނެ ވަކީލުން ވަނީ އިއްޔެގެ ވަގުތެއްގައި ބަޔާނެއް އާއްމުކޮށްފައެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ކަރެކްޝަންސްއިން ދަނީ ކޮވިޑުގެ ސަބަބުން ކަމަށް ބުނެ ރައީސް ޔާމީނާއި އެކު ބޭއްވުމަށް މަސައްކަތް ކުރާ ބައްދަލުވުންތަކަށް މާޗު މަހުން ފެށިގެން ހުރަސްއަޅަމުންނެވެ. އަދި ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށްފަހު އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވީ ނަމަވެސް ބައްދަލުވުންތައް ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.
މި މަހުގެ 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަކީލުންނާއި ބައްދަލުނުވާކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރެއްވީ ރައީސް ޔާމީނެވެ. މި ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިމާވި ހާލަތްތަކުގެ ސަބަބުން ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވަކީލުންނާއި ބައްދަލުވަނީ 10 މިނެޓުގެ ފޯނު ކޯލަކުން ކަމަށެވެ. އަދި ވަކީލުންނާއި ސީދާ ބައްދަލުވެ އެ މަނިކުފާނު ވެސް ހިއްސާ ކުރަން ބޭނުންވާ ބައެއް ގާނޫނީ ކަންކަން ހިއްސާ ކުރުމަށް ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، 10 މިނެޓަކީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި، އެންމެ ފަރާތަކާއި ވާހަކަ ދެކެވޭއިރު އެކަކު އަނެކަކާއި ވާހަކަ ދެކެވުމުން އިހުސާސްތައް ބުނެދޭން ވެސް ފަސޭހަ ވާނެ ކަމަށެވެ.
މައްސަލައިގައި ވަކީލުން ބުނެފައިވަނީ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ނުލިބުމާއި، އަދި އެ މީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއި މަޝްވަރާ ކުރުމަށްފަހު ފުރުސަތު ލިބުމަކީ ގާނޫނު އަސާސީގެ 54 ވަނަ މާއްދާ ނުވަތަ ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ހައްގުތަކުގެ ދަށުން ކޮންމެ މީހަކަށް ވެސް ލިއްބައިދޭ ހައްގެއްކަމަށްވާއިރު، އަދި އެ މައްދާގެ ދަށުން ލިބިދޭ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފަހައްޓައިގެން ނުވާނެ ހައްގުތަކެއްކަން ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

