”ދޮވެމި އެރައިވަލް ޝޮޕް“ އިން ވިއްކާ މުދާތަކަކީ ކަސްޓަމްސްއަށް ޑިއުޓީ ދައްކައިގެން ނެރެފަ ހުންނަ މުދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ގައުމުގައި ހިނގާ ހުރިހާ ކަމެއްގެ ތެރެއަށް ވަދެ އެކަމަކާ ބެހެން އުޅޭނަމަ ބައެއް ފަހަރަށް ކޮސް ގޮވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް، ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ، ޑިއުޓީ ފްރީ ޝޮޕްތަކުން ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި މެމްބަރުން ވަނީ ވާހަކަ ދައްކާފައެވެ. ޑިއުޓީ ފްރީއިން ގެންގުޅެނީ ވިޔަފާރީގެ އުސޫލުތަކެއް ނޫންކަމަށް ބުނެ އެސްއޯއީ ކޮމިޓިން ވަނީ ވީއައިއޭގައި ހިންގާ ”ދޮވެމި“ ޑިއުޓީ ޝޮޕްއިން އާއްމުކޮށް މުދާ ވިއްކަން އުޅޭ ކަމަށް ބުނެފައެވެ. އަދި ޑިއުޓީ ފްރީއިން ޑެލިވަރީގެ ހިދުމަތް ވެސް ދޭން ނިންމާފައިވާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާކަމަށް ބުނެ އެސްއޯއީ ކޮމިޓީން ވަނީ އޭގެ ސަބަބުން މާލޭގައި ހިންގާ ކުދިކުދި ވިޔަފާރިތަކަށް ގެއްލުންތަކެއް ވަމުންދާކަމަށް ބުނެފައެވެ.
އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ، އެރައިވަލްގެ ބޭރުގައި ހުންނަ އެ ފިހާރައިގެ މަސައްކަތްތަކަށް ފާޑުކިޔުންތައް އަމާޒުކޮށް ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވަނީ، މިއީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަތުން ކަމަށެވެ. ދޮންވެމިއަކީ ޑިއުޓީ ފްރީ ޝޮޕްއަކަށްވާއިރު ދެން އެންމެންގެ ވެސް އަމާޒު ހުންނާނީ ވެސް އެ ފިހާރައަކަށް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދެވެ. އަދި މައްސަލައިގައި ނިހާދު ވިދާޅުވެފައިވަނީ އެމްއޭސީއެލްއިން ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި އެއީ ކުދިކުދި ވިޔަފާރިތަކުގެ ތެރެއަށް ނުވަނުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ކުދި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުންޏަކުން ވަދެގެން ނުވަނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
https://twitter.com/a_usham/status/1288406795254292483
އެސްއޯއީ ކޮމިޓީން އެމްއޭސީއެލްއަށް، މިގޮތަށް އަންގާފައިވާތީ އުޝާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ”ދޮވެމި އެރައިވަލް ޝޮޕް“ އަކީ ޑިއުޓީ ފްރީ މުދާ ވިއްކާތަނެއް ނޫން ކަމަށެވެ. އަދި ދޮވެމި ޝޮޕްގައި ހުންނަ މުދާތަކަކީ ކަސްޓަމްސްއަށް ޑިއުޓީ ދައްކައިގެން ނެރެފައި ހުންނަ މުދާތަކެއްކަމަށް އުޝާމް ވިދާޅުވިއެވެ. އެހެން ކަމުން އެތަނުން ވިއްކާ މުދަލަށް ޖީއެސްޓީ ދައްކަންޖެހޭއިރު، ގައުމުގައި ހިންގާ ހުރިހާ ކަމެއްގެ ތެރެއަށް މަޖިލީހުން ވަންނަން ޖެހިއްޖެނަމަ ކޮސް ގޮވޭނެކަމަށް އުޝާމް ވިދާޅުވިއެވެ.
ޝަކުވާތަކެއްކަމަށް ބުނެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން ކޮމާޝަލް ޑީޕާޓްމެންޓުގެ ސެކްޝަނުން ހިންގާ އެ ފިހާރައިން ވަނީ އޮންލައިން ވިޔަފާރީތައް ފެށުމަށް ވެސް ނިންމާފައެވެ. އަދި މިއީ ކުދި ވިޔަފާރިތަކަށް އަންނަ ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

