ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވެ މައްސަލާގައި ތުހުމަތު ކުރެވޭ ޅިޔަނުގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނީ ފ.ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ކަމަށެވެ. އެނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރެވެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝާފިއު ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ޝަރީއަތް ނިމްނެދެން ހުރީ ބަންދުގައި ބަހައްޓާފައެވެ.
ދާދިފަހުން ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލާގައި ތުހުމަތުކުރެވޭ މީހާއަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. މައްސަލާގައި ތުހުމަތުކުރެވޭ ހއ. ފިއްލަދޫ، ޝެޑޯޒް އަޙްމަދު އައްޠަފްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރެވޭނެއެވެ.

