ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުދު ކާފޫރު ކޮޅެއްފަދަ ނަޒާހާތްތެރިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ކުރެއްވި އެއް ކަމަކީ، ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނެއް އުފެއްދެވުމެވެ. ދައުލަތުގެ ތެރޭގައި އާދައިގެ ކަމަކަށް ވެފައި އޮތް ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ޚިޔާނާތްތެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ޒިންމާ ބައެއްގެ މައްޗަށް މަތިކުރެވުނެވެ.

ދައުލަތުގެ ފައިސާ އަށް އިހުމާލުވި މީހުން މިނިވަންކަމާ އެކު އުޅޭއިރު، ފިޔަވަޅެއް ނޭޅި ލަސްވަމުން ދިއުމަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެހެންވުމުން މިއަދު ރައްޔިތުން އެކަމާމެދު ދެކޭ ގޮތްވެސް ބަދަލުވާން ފަށައިފިއެވެ. ރިޔާސީ ކެމްޕޭންގައި ރައީސް ޞޯލިހު ވައުދުވެވަޑައިގަތް ގޮތަށް، އެ ކޮމިޝަނާ ހަވާލުކުރި ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި އަދި ޒިންމާ ބޮޑު މަސައްކަތް ކުރެވިދާނެ ކަމާއިމެދު ސުވާލު އުފައްދަން ފަށައިފިއެވެ.

އެ ކޮމިޝަނަކީ ކޮންމެހެން ކޮރަޕްޝަންގެ މައްސަލަ ރަނގަޅުގޮތުގައި ތަހްގީގު ކުރަން ބޭނުންވެގެން އުފެއްދި ކޮމިޝަނެއްނޫން ކަމަށް ރައްޔިތުން ޤަބޫލު ކުރަން ފަށައިފިއެވެ. އެއީ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލަން ކުރެވިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރާން ފަށައިފިއެވެ. އެސެޓް ރިކަވަރީ ކޮމިޝަން ހެދީ ޖިނާއީ ތަހްގީގްކޮށް ދައުވާކުރަން ނަމަވެސް 2 އަހަރު ބޮޑުމުސާރަ ނަގައިގެން މިހާތަނަށް ކުރެވުނު ހަމައެކަނި ކަމަކީ ކުރީގެ ރައީސް ޔާމީން ގެ މައްސަލަ ބަލާފަ ބާކީހުރި މައްސަލަތައް އޭސީސީ އަދި ޕޮލިސް ބޮލަށް ކަނޑާލުމަށް ރިޕޯރޓެއް ލިޔެލުމެވެ.

ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރ 17 2018 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުގެ ނަޒާހަތްތެރި ކަމާއިމެދު ރައްޔިތުންގެ ހިތުގައި އެންމެ ފުރަތަމަ ދުވަހުވެސް ސުވާލު އުފެދުނެވެ. ވަކިން ޚާއްސަކޮށް ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދުގެ ވާހަކަތައް ފެންމަތިވިއެވެ. ނަމަވެސް އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ސަރުކާރަކުން ނުދިނެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދީގެން އައި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރެއްވި އަސްއަދު ވަނީ ކުރިން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފައިނޭންސް ކޮންޓްރޯލަރުކަން ކުރައްވާފައެވެ. އަދި އަސްއަދަކީ މި ސަރުކާރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު މުހައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ކޮމިޝަން މެންބަރަކަށް އައްޔަންކޮށް އަދި ރައީސްގެ މަޤާމަށް އަސްއަދު ހަމަޖެއްސެވި އިރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަމް (އޭސީސީ) ން ތަހުގީގު ނިންމައި އަސްއަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަ ހިނގާ އޮތެވެ.

ކްރިމިނަލް ކޯޓުގައި އަސްއަދުގެ މައްޗަށް 2018 ވަނަ އަހަރުގެ މެދުތެރޭގައި ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާގެ މައްސަލައިގައެވެ. ނަމަވެސް ކުއްލިއަކަށް 25 ނޮވެމްބަރ 2018 ވަނަ ދުވަހު އެ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިޔައެވެ.

އަސްއަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވި މައްސަލައިގައިވާ ގޮތުން، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާގެ ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އަސްއަދު އެންގެވުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގެވުމެވެ. އެ ޗާޕްގައި މައްސަލަތައް ހުރެގެން ބޭނުން ނުކުރަން އިސްލާމިކް މިނިސްޓްރީން ދައުލަތަށް އަންގާފައި އޮއްވައި، ފައިސާ ދޫކުރަން އެންގުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން އުޅުން ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެއެވެ.

އެ މައްސަލަ އަނބުރާ ގެންދިޔައީ  ބައެއް ކަންކަން، ދައުވާކުރި އަސާސްއާ ފުށުއަރާތީ ކަމަށެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ހަމައަށް ނުލިބޭކަމަށް ބަޔާންކޮށް ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި ވަނިކޮށް ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބަޔާންކޮށް ނޮވެލްޓީއަށް 30 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައި ދައުވާ އަނބުރާ ގެންދިޔައީ އެ ފޮތްތައް ޗާޕްކުރި ނޮވެލްޓީން ބައެއް ފޮތްތައް ބެހުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިވާކަން އެނގޭ ސިޓީއެއް އޮތުމުން ކަމަށްބުނެއެވެ. އެކަމަކު އައްސަދު އޭސީސީއަށް ދެއްވި ބަޔާނުގައި ޤުރުއާން ތަރުޖަމާ ލިބުނު ކަމަށް ސޮއިކޮށް އިންޓާނަލް މެމޯއެއް ނެރުނު ކަމަށް އެއްބަސްވެފައިވެއެވެ

ގުރުއާން ތަރުޖަމާގެ 150،000 ފޮތް ޗާޕްކުރަން ހަވާލުކުރި ނަމަވެސް ދައުލަތަށް ލިބިފައިވަނީ 51840 ތަރިޖަމާއެވެ. އެ ތަރުޖަމާތަކުގައިވެސް ކުށް ހުރުމާއި ޕްރިންޓިންގެ މައްސަލަތައް ހުރުމުން އެ ފޮތްތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.  އަދި ބާކީ 98160 ޗާޕުވެސް ދަޢުލަތަށް ލިބިފައި ނުވެއެވެ.

މީގެ އިތުރުން އެހެން ތުހުމަތެއްވެސް އަސްއަދު މައްޗަށް ކުރެވުނެވެ. އެއީ އެމްޑީޕީގައި ވަރަށް އެކްޓިވްކޮށް އުޅޭ ފަރާތެއްގެ ހިއްސާއޮތް ކުންފުންޏަކަށް ރާއްޖެ އަށް ބޭސް އެތެރެ ކުރުމުގެ ނަމުގައި 11 މިލިއަން ރުފިޔާ ދޫކުރުމެވެ. އެމްޑީޕީގެ އޮފީހުގައި މަސައްކަތްކުރާ އެ ފަރާތަށް އެކަންކޮށްދީފައިވަނީ ވެސް އައްސަދު ސޮޔާއެކު އޭނާ އިސްވެ ހުންނަވައިގެން ދޫކުރެއްވި ލިޔެކިޔުންތަކުންނެވެ. އެކަމަކު އެތަނުން ބޭސް ގުޅައެއް ރާއްޖެ ގެނައިކަން ދެނަހުރި މީހަކުވެސް ނެތެވެ. ބޭސްކޮޅު ނުލިބުނުތާގައި ދައުލަތުން ގެއްލުނު ފައިސާކޮޅުވެސް ލިބުނީއަކީ ނޫނެވެ.

އަސްއަދުގެ ނަޒާހަތްތެރިކަން އިންސާނެއްގެ ސިކުޑިއަށް ވިސްނައިދޭނެ މަގެއް ނުފެނުނެވެ. ދައުލަތުން ވައްކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނައުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތުގެ ފަސްބައި އެހާމެ ހަޑިއެވެ. އަނެއްކާ ކޮމިޝަނުގެ މަސައްތަކުގެ މިސްރާބުވެސް ހުރީ އެފަދަ ގޮތަކަށެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު ކޮންމެ މީހަކީ ކުށްވެރިއަކަށް ވާން ނުޖެހޭ ކަމަށްވެސް އަސްއަދު ވިދާޅުވެއްޖެއެވެ. އާޚިރުގައި ތިޔަކަންވެސް ދާނީ އިބިލީހުގެ ކައިވެންޏަށް ވެގެންނެވެ. ވާނީވެސް އެހެނެވެ. މައްސަލަ މި ބައްލަވަނީ ހުދު ކާފޫރުކޮޅެއް ފަދަ ނަޒާހަތްތެރި ބޭފުޅެކެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: