ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރާ މި ދަތުރުގައި ދިވެހިންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ މިހާރު އަމަލު ކުރަމުންމިދާ ފެހި ގާނޫނުއަސާސީއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިދެންނެވި އަގުބޮޑު ހަދިޔާ ދިވެހިންނަށް ލިބިގެންދިޔައީ މީގެ 12 އަހަރު ކުރިން އާދެ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ދުވަހުއެވެ. އެ ދުވަހަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް މުޅިން އަލަށް ގެނެވުނު ގިނަ ބަދަލުތަކަކާއެކު، ޤާނޫނުއަސާސީ ތަސްދީގު ކުރެވުނު ދުވަހެވެ. އެއްބަޔަކުގެ ވާހަކައިން މިއީ އިސްލާހުކުރެވުނު ގާނޫނުއަސާސީ އެވެ. އަނެއްބައެއްގެ ވާހަކައިން މިއީ އާ ގާނޫނުއަސާސީ އެވެ.
މިއަދު އަމަލު ކުރަމުން މިދާ ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރިގެންދިޔައިރު މި ގާނޫނުއަސާސީ ތަސްދީގް ކުރެއްވައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅަށް ބަލާލުމަކީ މިފަދަ ދުވަހެއްގައި ކޮންމެހެން ކުރާން ޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ.
ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ދަރުބާރަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން ތިއްބެވީ، ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ ބަލައިގަތުމަށްޓަކާ ކަމުގައެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން، ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް އުފަންކުރުމަށްޓަކާ ކަމުގައެވެ. ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ މުޅިން އާ ދައުރަކަށް ފަށާފެށުމަށް އިސްތިޤްބާލު ކުރުމަށްޓަކާ ކަމުގައެވެ.

ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ މުޅިން އާ ދައުރަކަށް ފެށުމަށްޓަކައި ގާނޫނު އަސާސީ އިސްލާހުކުރެވި، ތަސްދީގުކުރެވި 12 އަހަރު ވީއެވެ. ސުވާލަކީ މި ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރިގެން ދިޔައިރު ދައުލަތް ހިންގުމުގައި ނުވަތަ ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތީ ކިހާމިންވަރަކަށްކަން މިއީ މިއަދު ކުރާން ޖެހިފައިވާ ބަހުސެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުނުއިރު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ރައްޔިތުންނަށް ލިބިފައިވަނީ ކިހާ މިންވަރަކަށްތޯ މިއީ ވެސް މިއަދު ކުރަން ޖެހޭ ބަހުސްއެއް ކަމަށް އަޅުގަނޑު ދެކެމެވެ.
2008 ވަނަ އަހަރު ތަސްދީގުކުރެވުނު ”ފެހި“ ގާނޫނުއަސާސީގެ ސަބަބުން ސިޔާސީގޮތުން އައި އެންމެ ބޮޑު އެއް ބަދަލަކީ ވެރިކަން ހިންގުމާއި، ދައުލަތުގެ އަދި ގައުމުގެ ކަންކަން ނިންމުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާބަޔަކަށް ދިވެހި ރައްޔިތުން ވެގެންދިއުމެވެ. ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ސަރީހަ އިބާރާތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިންކަމަށާއި އެންމެހާ ބާރުތައް ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ ކިބައިގާކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ މާނައަކީ ދައުލަތުގެ ކަންކަން ހިންގުމަށް ރައްޔިތުން މަތިކޮށްފައިވާ ފަރާތްތަކަކީ ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ބައިވެރިވުން އޮވެގެން މެނުވީ ކަންކަން ނިންމުމުގެ ބާރު އޮތް ބައެއް ނޫންކަމެވެ. ސިޔާސީ، އިޖްތިމާޢީ އަދި އިގްތިސާދީގޮތުން ގައުމުގެ ކަންކަން ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެންމެހާ ފަރާތްތަކަކީ ރައްޔިތުންގެ ހާދިމުންނެވެ. އެއީ ހުރިހާ ރައްޔިތުން ހިމެނޭގޮތަށް ގާނޫނުއަސާސީގެ ބާރު ލިބިގެން އުފައްދާފައިވާ ދިވެހި ދައުލަތުގެ ރައުސުލްމާލުން މުސާރަދީ، ހުރިހާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު، ރައްޔިތުންނަށް އެންމެ މަންފާކުރާނޭގޮތަށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކެވެ.

އެހެންނަމަވެސް ދައުލަތުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ދައުރުގެ މުހިންމުކަމުގެ ވާހަކަ ގާނޫނުއަސާސީގައި ކަޅާއިހުދުން ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް، ސުވާލަކީ ހަގީގަތުގައިވެސް ދިވެހި ދައުލަތުގެ ކަންކަން ނިންމުމުގައި ރައްޔިތުންނަކީ އެހާ މުހިންމު ބައެއްގެ ގޮތުގައި ދެކޭތޯ ކުރެވޭ ސުވާލެވެ؟ ނުވަތަ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އެވާ މަފްހޫމަކީ ވެރިކަމުގައި ތިބި ފަރާތްތަކުން ގަބޫލުކުރާ ކަމެއްތޯ ކުރެވޭ ސުވާލެވެ؟ މި ސުވާލުތަކަށް ވަކި ޖަވާބެއް ދިނުމުގެ ބަދަލުގައި ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ މަސްރަހުން ފާހަގަކޮށްލެވުނު ބައެއް ކަންކަމަށް އަލިއަޅުވާލުމަކީ ގާނޫނުއަސާސީއަށް 12 އަހަރު ފުރޭ ދުވަހެއްގައި ކޮންމެހެން ވެސް ކުރާން ޖެހޭނެ ކަމެކެވެ.
2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގުކުރެއްވި މިހާރު އުވާލެވިފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގިނަބައެއް އެގާނޫނަކާމެދު ނުހަނު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރި ގާނޫނެކެވެ. މަޖިލީހުން މިގާނޫނާ މެދު ބަހުސްކުރަމުން ދިޔަ ވަގުތުގަޔާ ގާނޫނު މުރާޖާކުރުމަށް ކޮމިޓީއަށް ފޮނުވި ހިސާބުންވެސް، އާންމު ރައްޔިތުންނާއި، ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުން ދިޔައީ މިގާނޫނުގެ ސަބަބުން ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި މީޑިއާގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއްކުރިމަތި ކުރުވާނެ ކަމުގައި ބުނަމުންނެވެ.
ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އެނގިތިބެމެ، ދިވެހި ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލުމުގެ މަސްއޫލިއްޔަތު މަތިކޮށް މަޖިލީހަށް އިންތިހާބުކޮށްފައިތިބި މެމްބަރުންނަށް މިކަމުގައި ރައްޔިތުންނާ ނުވަތަ މަދަނީ ޖަމިއްޔާތަކާވެސް އެއްވެސް މިންވަރެއްގެ މަޝްވަރާއެއް ކުރުމެއްނެތި މި ހުރި ކަންބޮޑުވާކަންކަން ހަމަ އެގޮތަށް ބޭއްވުމަށްފަހުވަނީ ބިލް މަޖިލީހުން ފާސްކޮށްފައެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ހަގީގަތަކީ މިއީ ހަމައެކަނި ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ބަސްކޮޅެއް ކަމެވެ. މި ހައްގު ދިވެހިންނަށް ލިބެނީ އެކިއިރު އެކިވަރަށެވެ. މި ހައްގު ލިބުން ގުޅިފައި ވަނީ އެ ވަގުތެއްގައި ރާއްޖޭގައި ވެރިކަން ކުރަމުންދާ ސަރުކާރަކާއިއޭ ބުނުން ގޯހަކަށް ނުވާނެއެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ހަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ. ނަމަވެސް މިއީ ވެސް މަދުން ނޫނީ ކަށަވަރު ނުކުރެވޭ ހައްގެކެވެ. މި ހައްގުގެ ބޭނުން ކޮށްގެން ޖަލުގެ ގޮޅިއަށް ދާން ޖެހުނު މީހުން މަދެއް ނޫނެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި އިހްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތްހުއްޓައިލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވެއެވެ. ނަމަވެސް މި ހައްގަކީ ވަަރަށް ބޮޑަށް ހަނިކޮށްފައިވާ ހައްގަކަށްވާއިރު ގިނަފަހަރަށް މި ހައްގުގެ ބޭނުން ކުރުމުން ވަޒީފާ ގެއްލޭ ކަމީ މިއަދުގެ ހަގީގަތެވެ. ހަމައެހެންމެ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ32 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް އެ ހައްގު މިހާރު އޮތީ ހަމައެކަނި ކާނިވަލުގެ ކުޑަ ގޮޅިއެއްގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ކޮންމެެއަކަސް މިއަދު ގާނޫނުއަސާސީއަށް 12 އަހަރު ފުރިގެންދާއިރު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރެއިން މަދު ހައްގެއް ނޫނީ ލިބިފައިނުވާކަމެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ފުރިހަމައަށް ރައްޔިތު މީހާއަށް ލިބިދެވޭތޯ ކަށަވަރު ކުރަން ޖެހޭ ފަރާތަކީ އެ ވަގުތެއްގައި ދިވެހި ދައުލަތް ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރީއްޔާއެވެ. ނަމަވެސް ހިތާމައާއިއެކު ދަންނަވަން ޖެހެނީ ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ގާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަން ކުރެވިފައި ނުވާ ކަމެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގު އެއްވެސް ވެރިއަކަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމެވެ. އެހެން ކަމުން ފެހި ގާނޫނުއަސާސީއަށް12 އަހަރު ފުރިގެންދިޔައިރު ރައްޔިތު މީހާއަށް އެ ފެހިކަން ނުލިބޭ ކަމީ މިއަދުގެ ހަގީގަތެވެ.

