މުޅި ނިޒާމު މަސްހުނިކޮށްފައި ޤާނޫނު އަސާސީގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއްނެތޭ ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) އަށް ފާޑުކިޔުންތައް އަމާޒުކުރައްވައިފިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ޝުޖާއ ފާޑުކިޔުންތައް އަމާޒުކުރައްވާފައި މިވަނީ އިމްތިޔާޒު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އިމްތިޔާޒު ވިދާޅުވީ މިއަދު އެންމެ ހިތްހަމަޖެހިވަޑައިގަންނަވަނީ ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތަކީ ތިމަންނަމެންނޭ ބުނެ ދަޢުވާކުރާނެ ބަޔަކު ނެތް ސްޕްރީމް ކޯޓެއް އެކުލަވާލެވިފައިވާތީ ކަމަށެވެ. މީގެ އިތުރުން
ޤާނޫނުއަސާސީގެ އަސްލު ބެލެނިވެރިންނަކީ ދިވެހި ރައްޔިތުންކަމަށްވެސް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.
އިމްތިޔާޒުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ނިޒާމު މަސްހުނިކޮށްފައި ޤާނޫނު އަސާސީގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއްނެއްކަމަށް ވިދާޅުވެފައެެވެ. މީގެ އިތުރުން ޝުޖާއު ވަނީ ޤާނޫނު އަސާސީއަށް މިއަދު 12 އަހަރު ފުރޭއިރު ސްޕްރީމް ކޯޓުގެ ބެންޗު ހަމައަށްނެތް ކަމަށާއި މިނިވަން މުޢައްސަސާތަކުގެ މަޤާމުތައް ހަމައަށްނެތްކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންނަށް އިމްތިޔާޒުމެން ކުރަނީ މަލާމާތްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ފެހި ޤާނޫނު އަސާސީން ވަކިކުރެވިފައިވާ ތިން ބާރު މިއަދު ވަނީ އެކައްޗަކަށްވެފައި ކަމަށާއި އެ ބާރު މިއަދު އޮތީ ތިން ބާރު ވަކިކުރުމަށް އަޑުހަރުކޮށް ގޮވި އެމްޑީޕީގެ މުށުތެރޭގައި ކަމަށެވެ. އަދި އެ ކަމާ ޒިންމާވާނެ ފަރާތެއް ނެތްކަމަށާއި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމަށް ފުރުސަތެއްނެތް ކަމަށާއި މީޑިއާގެ މިނިވަންކަމެއް މިއަދަކު ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މުޅި ނިޒާމު ވަނީ ޚުދުމުހުތާރުވެފައިކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އިމްތިޔާޒު ކުރެއްވި ޓްވީޓާއި ގުޅިގެން ޝުޖާއު ފާޑުކިޔުންތައް ރައްދުކުރައްވާފައިވާއިރު އިމްތިޔާޒުގެ ޓްވީޓަށް ރިޕްލައިކުރެއްވި ބައެއް ފަރާތްތަކުން ވެސް ވަނީ އިމްތިޔާޒަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ގޮތުން ރިޕްލައިކުރި މީހަކު ވަނީ ރާއްޖޭގައި ސްޕްރީމް ކޯޓެއް އެބަހުރިތޯ ސުވާލުކޮށްފައެވެ.

