ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރުންގެ މަގާމަށް 41 މީހަކު ކުރިމަތިލައިފިއެވެ.
ހޯމް ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލުމުން ވަރަށް ފުރިހަމަ އިޖާބައެއް ލިބުނު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ސީއެސްސީއަށް ކުރިމަތިލި 41 މީހުންގެ ނަންތައް ހާމަކުރައްވައިފަ އެވެ.
ސީއެސްސީ އަށް މެމްބަރުން އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުން، ކުރިމަތިލާ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
ސީއެސްސީގެ ހަތަރު މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުން އެ މެންބަރުން ވަކިކުރަން ނިންމުމުންނެވެ. މަޖިލިހުން ވަކިކުރީ މެމްބަރު އިބްރާހިމް ޝަހީގު އެވެ.
ސީއެސްސީގައި މިހާރު އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އެކަމަކު މި ސަރުކާރުގައި 2018 ގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އާމިރާ ވަކިކުރަން ކޮމިޓީން ފާހެއް ނުވިއެވެ.

