ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ގުޅިގެން 253 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ވަގުތީ ބޯހިޔާވަހިކަން 253 ފަރާތަކަށް ފޯރުކޮށްދީފި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން 253 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަން ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ. 

ކޮވިޑް-19އާ ގުޅިގެން، މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން މާލެ ސަރަޙައްދު ފުރަބަންދުގެ ޙާލަތަށް ގެނައުމާ ގުޅިގެން އަސާސީ ޙައްޤުތަކުން (ކާބޯތަކެތި، އަންނައުނު، ބޯހިޔާވަހިކަން) މަޙްރޫމުވެފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ އަދި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް އެ ފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެ ގޮތުން މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން 253 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެއީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ 6 ތުއްތު ކުދިންނެވެ.

މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން އެ ފަރާތްތަކަށް ކުރިން އެންގުމަށްފަހުގައެވެ. އަދި މިނިސްޓްރީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތެއް ނިސްބަތްވާ ރަށަށް ދިއުމަށް ކޮންމެ ފަރާތަކުން ވެސް އެއްބަސްވުމުންނެވެ. އެ ގޮތުން މިހައިތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު 13 ފަރާތެއް ފިޔަވައި އެހެން ހުރިހައި ފަރާތެއް ހޯމް ކަރަންޓީނުވުމަށް އެ ފަރާތް ނިސްބަތްވާ ރަށެއްގައި ނުވަތަ ދާއިމީ ހިޔާވައްސެއްގައި ވަނީ އިންތިޒާމުކުރެވިފައެވެ.

މާލެ ސަރަހައްދުގެ ފުރަބަންދުގެ ޙާލަތަށް އެޗް.ޕީ.އޭގެ ފަރާތުން ލުއިތަކެއް ދިނުމާއި ސަރުކާރުގެ މުއައްސަސާތަކުން ކޯވިޑް-19އާ ގުޅިގެން ހިންގި ހަރަކާތްތައް ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާތީ، ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ޚިދުމަތްތަކަށް ނިމުމެއް ގެނައުމަށް ޖެންޑަރ މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ނަމަވެސް ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޢާއިލާތައް ތިބުމާއެކު، އެ ފަރާތްތައް ނިސްބަތްވާ ރަށަށް ދިއުމަށް އެދޭ ނަމަ، އެ ކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނޭކަމަށާއި، އެ ނޫން ގޮތެއް ހަމަޖެއްސުމަށް ބޭނުންވާ ނަމަ، އެ ނޫން އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުޞަތު މިއަދާ ހަމައަށް ވެސް އެ ފަރާތްތަކަށް ވަނީ ދެވިފައެވެ. އަދި މިހާރު ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ “ޖޮބް ޕޯޓަލް”ގައި ރަޖިސްޓްރީކޮށް، އެ މިނިސްޓްރީން އެހީތެރިކަން ހޯދުމަށް ލަފާއެރުވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދިގުމުއްދަތެއް ވަންދެން މާލެގައި ދިރިއުޅުން ބިނާކޮށްފައިވާ ޢާއިލާތައް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރިވާތީ، އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވި، އެ ޢާއިލާތަކަށް ފޯރުކޮށްދެވޭނޭ އެހީތެރިކަމާމެދު ގޮތްތަކެއް ނިންމުމުގެ މަސައްކަތް ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ކޮށްފައެވެ.

ކޯވިޑް-19އާ ގުޅިގެން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ފަރާތްތަކުގެ ތެރެއިން މި ވަގުތު ވަގުތީހިޔާގައި ތިބީ 1 ޢާއިލާއަކަށް ނިސްބަތްވާ 13 މީހުންނެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. ދެންނެވިފައިވާ 13 ފަރާތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކަށް ރިޢާޔަތްކުރާއިރު، މި ފަރާތްތަކުގެ އިޤުތިސާދީ ޙާލަތު ބަދަލުވެފައިވާތީއާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވުމުން، މި ފަރާތްތައް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް ދެއްވައިފައިވާ ޢިމާރާތް އެ މިނިސްޓްރީއަށް އަނބުރާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: