ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި

ޕީޕީއެމް، ޕީއެންސީގެ ފަރާތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑްރިންގ ގެ ކުށުގައި 5 އަހަރުގެ ޖަލުހުކުމެއް ތަންފީޛުކުރަމުންދާ  ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދު ﷲ އާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. 

ރައީސް ޔާމީންއަށް ޖަލުން ދެމުން ގެންދާ ހިދުމަތްތައް އިތުރު ކުރުމާއި ބެހޭ ގޮތުން މިނިސްޓަރ އިމްރާންއާއިއެކު ބޭއްވި ބައްދަލުވުމަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ފަރާތުން މިނިސްޓަރ އިމްރާންއާއި ބައްދަލު ކުރެއްވީ ރައީސް ޔާމީންއަށް ގާނޫނީ ބައްދަލުވުންތަކާއި އެ ނޫންވެސް އަސާސީ އެހެނިހެން ހައްގުތައް އެކަށީގެންވާ ގޮތުގެ މަތިން ލިބެމުން ނުދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. 

އެގޮތުން އިދިކޮޅު ކޯލިޝަންގެ ފަރާތުން މިނިސްޓަރ އިމްރާންއާއިއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުއާއި ވެސް ބައްދަލުވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލެއް އަބްދުއްރަހީމް ދެއްވާފައެއް ނުވެއެވެ. 

ރައީސް ޔާމީނާއި ބައްދަލު ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތަށް ކަރެކްޝަންސްއިން ހުރަސް އަޅަމުންގެންދާ ކަމަށް ބުނެ، އެމަނިކުފާނުގެ ގާނޫނީ ޓީމުންގެ ފަރާތުން ބަޔާނެއް ވެސް ނެރުނެވެ. ގާނޫނު އަސާސީން ރައީސް ޔާމީނަށް ލިބިދީފައިވާ ހައްގުތަކަށް ހުރަސްއަޅާ، ކޮވިޑުގެ ނަން ބޭނުންކޮށް ވަކީލުންގެ ބައްދަލުވުންތަކަށް ހުރަސް އަޅަމުން ގެންދަނީ މާޗު މަހުން ފެށިގެންކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހައިކޯޓުގެ އެންގުމާއި އެއްގޮތަށް އަދިވެސް ބައްދަލުވުންތަކަށް ފުރުސަތު ނުދޭކަމަށް ބުނެ، ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ބުނެ ކަރެކްޝަންސްއިން ސިޓީއެއް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީ ދެއްކުމުން ވެސް ބައްދަލުވުމެއް ކުރިޔަށް ގެންދިއުމަށް އިންކާރު ކުރި ކަމަށެވެ.

މި ބަޔާނާއި ގުޅިގެން ކަރެކްޝަންސްއިން  ބަޔާނެއް ނެރެ ބުނެފައިވަނީ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ކަރެކްޝަންސްއިން ބުނެފައިވަނީ، ވަކީލުންގެ ބައްދަލުވުންތަކާއި ބެހޭ މައުލޫމާތުތައް ރައީސް ޔާމީނަށާއި، އެ މަނިކުފާނުގެ ވަކީލުންނަށް ދީފައިވާނެ ކަމަށެވެ. އަދި މާލޭ ޖަލަށް ހުށަހެޅި ފޯމާއި ގުޅިގެން ވެސް އިރުޝާދުތަކެއް ދީފައިވާނެ ކަމަށް ކެރެކްޝަންސްއިން ވަނ ބުނެފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު އެ ބަޔާނަކީ މާލެ ޖަލުން ދީފައިވާ އިރުޝާދުތަކަށް އަމަލު ކުރުމެއް ނެތި، ހަގީގަތް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއްކަމަށް ބުނެ ކަރެކްޝަންސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަރެކްޝަންގެ ބަޔާނާއި އެކު، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ އެއަށް ރައްދުދީ އިތުރު ބަޔާނެއް އާއްމުކޮށްފައެވެ. ކަރެކްޝަންސްގެ ބަޔާން ދޮގުކޮށް، ގާނޫނީ ޓީމުން ބުނެފައިވަނީ ރައީސް ޔާމީނާއި ބައްދަލު ކުރުމަށް އެތައް ފަހަރެއްގެ މަތީން ފޯމު ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް ސީދާ ބައްދަލުވުންތަކުގެ ބަދަލުގައި، ހުއްދަ ދެވޭނީ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަކަށް ކަމަށް ކަރެކްޝަންސްއިން އެންގި ކަމަށެވެ. އޭގެ އިތުރުން އީމެއިލްކޮށް ފޯމެއް ހުށަހެޅިޔަސް، ސީދާ ގާތުން ބައްދަލު ކުރެވޭނެ ކަމަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ނުދޭ ކަމަށް އެ ބަޔާނުގައި ވެއެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިހެން ބުނެފައިވަނީ ކަރެކްޝަންސްއަށް ސިޓީއެއް ހުށަހަޅާ ވަކީލުންގެ ބައްދަލުވުންތަކަށް އެދުމުން އެ އިންޒތިޒާމުތައް ހަމަހެފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ފުރުސަތު ހަމަޖައްސަދޭނެކަމަށް އެންގިކަމަށް އެ ސާވިސްގެ ބަޔާނުގައި ބުނެފައިވާތީ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ބުނެފައިވަނީ، ކަރެކްޝަންސްއިން ބަޔާން ނެރެފައިވަނީ ރަސްމީ ގަޑި ނިމެން ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި ބޮޑު ބަންދަކާއި ވެސް ދިމާކޮށް ކަމަށެވެ. އެހެން ކަމުން ކަރެކްޝަންސްގެ ނިޔަތާއި މެދު ވެސް ސުވާލު އުފެދޭކަމަށް ބަޔާނުގައި ވެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މި މައްސަލައިގައި ވިދާޅުވެފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު ވަކީލުން ރައީސް ޔާމީނާއި ބައްދަލު ކުރައްވަން އެދުމުން އެކަން ހަމަޖައްސައިދެއްވާނެ ކަން އެންގި ކަމަށެވެ. އަދި އެކަން ލިޔުމުން ވެސް ވަކީލުންނަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ  މަހުގެ 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަކީލުންނާއި ބައްދަލުނުވާކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރެއްވީ ރައީސް ޔާމީނެވެ. މި ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިމާވި ހާލަތްތަކުގެ ސަބަބުން ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވަކީލުންނާއި ބައްދަލުވަނީ 10 މިނެޓުގެ ފޯނު ކޯލަކުން ކަމަށެވެ. އަދި ވަކީލުންނާއި ސީދާ ބައްދަލުވެ އެ މަނިކުފާނު ވެސް ހިއްސާ ކުރަން ބޭނުންވާ ބައެއް ގާނޫނީ ކަންކަން ހިއްސާ ކުރުމަށް ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، 10 މިނެޓަކީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި، އެންމެ ފަރާތަކާއި ވާހަކަ ދެކެވޭއިރު އެކަކު އަނެކަކާއި ވާހަކަ ދެކެވުމުން އިހުސާސްތައް ބުނެދޭން ވެސް ފަސޭހަ ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: