ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކަޅުހުކުރު” ގެ ބަދަލުގައި ކަޅުކަންގަދަ ދުވަސްތަކެއްގެ ޢަލާމާތްތައް ފެނުން ތޮޅިލައިފި

'ކަޅު ހުކުރު' ގެ ހަނދާންތަކުގެތެރެއިން. ފޮޓޯ: ނާޖިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހާލަތަށް އެއްޗެކޭ ދަންނަވައިލުމުގެ ކުރިން ހަނދާނާއި ތާރީޚުގެތެރެއަށް ޚިޔާލުތައް ސޮއްސައިލަން ޖެހިއްޖެއެވެ. އެހެންކަމުން ތާރީޚުގެ ފަތްފުށްތައް ނިއުޅައިލަމުން މިއަދު މި ޖެހިލަނީ 2004 ވަނަ އަހަރުގެ މިއަދާއި ހިސާބަށެވެ. އާދެ! އެ އަހަރުގެ އޯގަސްޓުމަހުގެ 12 ވަނަދުވަހާއި 13 ވަނަ ދުވަހާއި ހިސާބަށެވެ.

2004 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 12 ވަނަ  ދުވަހަކީ މި ޤައުމުގައި 30 އަހަރު ވެރިކަންކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޚުދުމުހުތާރު ސަރުކާރު އޮތްކަމަށް ބުނެ ޖަލުގައި ހައްޔަރުކޮށްފައިތިބި ސިޔާސީ ޤައިދީން މިނިވަންކުރުމަށާއި ޑިމޮކްރެޓިކް ރިފޯމަށް އެދި ގޮވާލައި އެންމެ ގިނަ ދިވެހިން ތަނަކަށް ޖަމާވިދުވަހެވެ.

މި ގޮތުން އެ ދުވަހުގެ ހަވީރު ރައްޔިތުންގެތެރެއިން ގިނަ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ރައީސް މައުމޫންގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ޢަމުރުފުޅަށް ސިފައިން ނިކުމެ ރައްޔިތުންގެ ލޮލަށް ކަރުނަ ގޭސްޖަހައި ރައްޔިތުންގެ ގައިގާ މުގުރުބުރިންނާއި ކޮޅުފައިން ތަޅައި އެ އެއްވުން ރޫޅާލައިފައިވަނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހުގެ އިރު ފެނުން ތިރިވާން ކުޑަ ހިނދުކޮޅަކަށްވެފައި ވަނިކޮށެވެ.

އެ ދުވަހުގެ މި ހާދިސާގައި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް އަނިޔާކޮށް އަންހެނުންނާއި މަޖިލީހުގެ މެންބަރުންނާއު ސިޔާސީ ބޭފުޅުން ވަނީ ހުރަގޭގެ ތޭރިތަކުގެތެރޭގައި ޤައިދުކޮށްލާފައެވެ. ބީބީސީން ރިޕޯޓުކުރިގޮތުގައި އެ ދުވަހުގެ ހާދިސާގައި 50 މީހުން ހައްޔަރުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޑިމޮކުރެސީ ތާރީޚުގައި ފެށި މި ދަތުރުގައި އިސްކޮށް އަޑުއުފުލި ބޭފުޅުންގެތެރޭގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އޭރުގެ އދ.އަތޮޅު މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާޢީލް ހިމެނެއެވެ.

2004 ވަނަ އަހަރުގެ އޯގަސްޓު 12 ވަނަދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެތެރެއިން ހައްޔަރުކުރެވުނު ބައެއް މީހުން. ފޮޓޯ: ސޯޝަލް މީޑިއާ
2004 ވަނަ އަހަރުގެ އޯގަސްޓު 12 ވަނަދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެތެރެއިން ހައްޔަރުކުރެވުނު މަޖިލިސް މެންބަރުން. ފޮޓޯ: ސޯޝަލް މީޑިއާ

އާދެ! މިހާ ހިސާބުން ‘ކަޅު ހުކުރު’ ގެ ނަމުން މަޝްހޫރުވެފައިވާ މި ދުވަހާމެދު ރައީސް ނަޝީދު ވިދާޅުވެފައިވާ ބަސްފުޅު ހަނދާންކޮށްލުން މުހިންމުކަމަށް ދެކެމެވެ.

“2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 އަދި 13 އަކީ ވަރަށް ގިނަ ބަޔަކު ސިއްސުވާލި ދުވަހެއް. އެ ދުވަހަކީ ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބުނު ދުވަސް. އެ ދުވަހަކީ ދިވެހިރައްޔިތުންނަށް އެ ރައްޔިތުން ނިކުމެ މި ރާއްޖޭގެ ޚުދުމުހުތާރު ވެރިކަން އަނބުރާލެވިދާނެކަމާއި އަދި މިރާއްޖޭއިން އަނިޔާވެރިކަން ނައްތާލެވިދާނެކަން ޤަބޫލު ކުރާންވެސް ފެށުނު ދުވަސް. ދިވެހިރައްޔިތުންގެ ސީދާ ބާރު ދިވެހި ވެރިކަމަށް ފޯރުކުރެވިދާނެކަމަށް ޤަބޫލުކުރާން ފެށި ދުވަސް،” (ރައީސް ނަޝީދު)

އަދި ވެސް ވިދާޅުވެފައިވެއެވެ.

“ރައްޔިތުން އެދެމުން އައީ މިނިވަންކަމަށް. ރައްޔިތުން ބުނަމުންއައީ އަނިޔާ ނުކުރުމަށް. ރައްޔިތުން އެދިތިބީ ތަރައްޤީ. ރައްޔިތުންގެ ޢާންމު ޙާލަތު އެއިރަށްވުރެ ރަގަޅުވުމަށް” (ރައީސް ނަޝީދު)

2004 ވަނަ އަހަރުގެ އޯގަސްޓު 12 ވަނަދުވަހު ޖުމްހޫރީ މައިދާނަށް އެއްވި އެއްވުމުގެތެރެއިން. ފޮޓޯ: ނާޖިޙް
2004 ވަނަ އަހަރުގެ އޯގަސްޓު 12 ވަނަދުވަހު ޖުމްހޫރީ މައިދާނަށް އެއްވި އެއްވުމުގެތެރެއިން. ފޮޓޯ: ނާޖިޙް

ރައީސް ނަޝީދުގެ މި ބަސްފުޅަށް ވިސްނައިލުމުން އެ ބޭފުޅާގެ ހިތްޕުޅުގައި ޤައުމާމެދު އިޚުލާޞްތެރިކަން އޮތްކަމަށް ހީވެއެވެ. ނަމަވެސް މިއަދުގެ ހާލަތަށް ވިސްނައިފިނަމަ އޭރު އެ ދެއްކީ ‘ފޭކް’ ވާހަކައެއްކަން ހާމަވެއެވެ. ‘ޑިމޮކްރެސީގެ ބާނީ’ އޭ ވިދާޅުވެ މިއަދު އެ ކުރައްވާ ޢަމަލުތަކުން އެހެނެއް ހިއެއްނުވެއެވެ. އެހެންކަމުން ދެން ދަންނަވައިލަން ޖެހޭނީ އިދިކޮޅު ކޯލިޝަނުން ބުނާހެން ރައީސް ނަޝީދު މިއަދު އެ ދައްކަވަނީ ޚުދުމުހުތާރު ގޮތްގަނޑެވެ. އިދިކޮޅު ކޯލިޝަނުން ބުނިހެން ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އެ މަނިކުފާނު އެ ކަން ކުރައްވަނީ ޚުދުމުހުތާރު ގޮތަކަށެވެ. އަދި އެ ކަމަކީ ރައްޔިތުންނަށް ވަންހަނާ ވެގެންވާކަމެއް ވެސް ނޫނެވެ.

ރައީސް ނަޝީދު. ފައިލް ފޮޓޯ

މިއަދު ފެންނަނީ ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ރައީސް ނަޝީދު ‘އަތްބާނުއްވައި’ އެ ސިޔާސަތުތައް އެފުށް މިފުށަށް ޖައްސަވައިލައްވަން މަސައްކަތްކުރާ މަންޒަރެވެ. ރައީސް ޞާލިޙްގެ ވަޒީރުންގެ އިތުބާރު ނެތްކަމަށް ވިދާޅުވެ މަޖިލީހުގެ ބައެއް މެންބަރުންގެ ސިކުނޑިތައް ސަވާރުވެ އެ ބޭފުޅުންލައްވައި ވަޒީރުންގެ އިތުބާރުނެތްކަމަށް ވޯޓުނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މަންޒަރެވެ.

ވީމާ އެ މަނިކުފާނުގެ ޚުދުމުހުތާރުކަމުގެ ވާހަކައަކީ ޚިޔާލެއްނޫނެވެ. އާދޭހެވެ. ފެނިދެނިމިވާ ކަންކަމުން އެއީ ޙަޤީޤަތެއްކަން ވަރަށް ސާފެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް

ވަޒީރުންގެ ވާހަކަ ދައްކާއިރު ރައީސް ނަޝީދު މިއަދު އެ ގެންދަވަނީ އެމްޑީޕީއަށް އަދި މި ސަރުކާރަށް ވެސް ނުހަނު ގިނަ އެހާމެ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ވަޑައިގަންނަވާ ބޭފުޅެއްކަމަށްވާ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ވަޒީރުކަމުން އަޒުލުކުރުމަށް މަޖިލީހުގެ މެންބަރުންގެ ސޮއި ހޯއްދަވަމުންނެވެ. މަޢުލޫމާތު ލިބުނުގޮތުގައި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް ނަޝީދެވެ. ހަމައެއާއެކު މިހާތަނަށް 25 މެންބަރުން ސޮއިކުރިކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރައްވަމުންނެވެ. މި ގޮތުން ބައެއް މެންބަރުން ވަނީ މިނިސްޓަރު ފައްޔާޒަށް އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މެންބަރުން ވަނީ ރައީސް ނަޝީދަށް ވެސް ފާޑުކިޔުއްވާފައެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެއްފަހަރާ ދެ ބޭފުޅުންނަށް ވެރިކަން ނުކުރެެއްވޭނެކަމަށާއި އެ ކަމުން ނިކުންނާނީ ހުސް ގޯސްކަމަށް ވިދާޅުވެފައެވެ.

https://twitter.com/Roxeyna/status/1293839386199482368?s=19https://twitter.com/Roxeyna/status/1293516012898283520?s=19https://twitter.com/mhshifau/status/1293521342990438401?s=19https://twitter.com/AdduShareef/status/1293530002047111173?s=19

މީގެ އިތުރުން އެމްޑީޕީގެ އިސްސަފުގައި ކުރިން މަސައްކަތްކުރެއްވި ބޭފުޅުން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. މި ގޮތުން އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މިނިސްޓަރު ފައްޔާޒްގެ ބޭބޭފުޅު އިބްރާހިމް އިސްމާޢީލް(އިބްރާ) ވަނީ މީގެ 16 އަހަރުކުރިން މި ދުވަހު ޖުމްހޫރީ މައިދާނަށް ނިކުމެ ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެރޭ ތަން ޚަރާބުކުރި މީހުން މިހާރުވެސް އުޅެނީ އެކަމުގައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ މި ރާއްޖޭގެ އިސްތިޤުލާލު ގެއްލިގެންދަނީ އެންމެ ބަޑިއެެއް ވެސް ނުޖަހާކަމަށާއި ތަނެއްދޮރު ނުފިލާހުރި ސިކުނޑިތަކެއްގެ މައްޗަށް ބަޔަކު ވެރިވެގެންކަމަށެވެ.

https://twitter.com/ibramandhu/status/1293554754811920384?s=19

ހަމައެއާއެކު އެމްޑީޕީގެ އިސްސަފުގައި ކުރިން މަސައްކަތް ކުރެއްވި މޫސާ މަނިކު(ރީކޯ) ރައީސް ނަޝީދަށް ޓެގުކުރައްވާ ކުރެއްވި ޓްވީޓެއްގައިވަނީ އެމްޑީޕީ ހަލާކު ނުކުރެއްވުމަށާއި އެމްޑީޕީއަކީ ވަރަށްގިނަ ބައެއްގެ މަސައްކަތްތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙާއި ނުސީދާކޮށް ދިމާކުރައްވާއިރު އެ މަނިކުފާނު 8 ކުޅި ކުރިއަށް ކުޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށާއި އެހެންކަމުން ބަސްއަހައިގެން ހުންނެވުމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

‘ކަޅު ހުކުރު’ ދުވަހަށް 16 އަހަރުވީއެވެ. އެ ދުވަހުން އާ ދުވަހަކަށް އަލިވެ އުންމީދުގެ އަލިކަމުގެ ދޮރުތައް ކުރިން ހުޅުވުނު ނަމަވެސް ރައީސް ނަޝީދު ހައްދަވާ ގޮތުން ކަންކަން އެއަށް ވުރެ ގޯސްވެއްޖެއެވެ. އެމްޑީޕީ ބައިބައިވަނީއެވެ. ރައީސް ޞާލިޙް ހަނާވަނީއެވެ. ރައްޔިތުން އިނދަޖެހެނީއެވެ. ޤައުމު އޮޔާދަނީއެވެ. އެހެންކަމުން ‘ކަޅު ހުކުރުން’ ޑިމޮކުރެސީގެ މިނިވަންކަމަށް އަލިވިލުމަށްފަހު ދޮރުތައް ހުޅުވި މިއަދު އެ ދޮރުތައް ބަންދުވެ ޑިމޮކުރެސީ ވަޅުޖެހިއްޖެއެވެ. ޤައުމުގެ ހާލަތު މިހެންދާނަމަ ކުރިއަށް އޮތީ ކަޅުދުވަސްތަކެކެވެ. އާދޭހެވެ. ކަޅު ހުކުރުން ކަޅު ބުރާސްފައްޗެއް ނިކުމެ ކަޅުކަންގަދަ ކަޅުދުވަސްތައް ފެށިއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: