ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެގޭނީ ދީފައި އޮތް ބަނޑުހަނޑުލެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖެހިލުންވާންވީ ކީއްވެތޯއެވެ. ހާސްވާންވީ ކީއްވެތޯއެވެ. ކަންބޮޑުވާންވީ ކީއްވެތޯއެވެ. ބިރު ގަންނަންވީ ކީއްވެތޯއެވެ. މޮޅިވާންވީ ކީއްވެތޯއެވެ. އެއްގޮތްނެތިއްޔާ އަނެއްގޮތް އޮންނާނެނޫންތޯއެވެ. ތި ގޮތް މިންވަރު ކުރެއްވި އިލާހު އެހެން ގޮތެއް މިންވަރުކުރެއްވުމަށް ވެސް ކުޅަދުންވަންތައެވެ.

އާދޭހެވެ. އަޅުގަނޑުމެންގެ ގިނަ މީހުންނަކީ އަތުން އެއްޗެއް ބީވެދާނެތީ އެކަމާ ވިސްނާ ބައެކެވެ. ރަނގަޅު ވާހަކައެވެ. ބީވެއްޖެ ކޮންމެ އެއްޗަކީ އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. ނަމަވެސް ބީވެގެންދިޔަ އެއްޗަކަށްވުރެ ނުވަތަ ބީވެގެންދިޔަ ކަމަކަށްވުރެ މާ މޮޅުގޮތެއް ވެސް ފެނިދާނެއެވެ. އެ އެއްޗެއް ނުވަތަ އެ ކަމެއް ބީވެގެންދިޔުމަކީ އެ މީހެއްގެ ނަސީބުކަމަށް ވެސް ވެދާނެއެވެ. ތަޤުދީރު ރޭވިފައިވާ ގޮތް އެނގޭނީ ކާކަށް ހެއްޔެވެ. މިއީ ދުނިޔެ ދައްކާ ޙަޤީޤަތެވެ.

ދުނިޔޭގެ ޤާނޫނަކީ މިއެވެ. ނަމަވެސް ހާލަތު ހުރީ އެހެން ގޮތަކަށެވެ. ގިނަ މީހުންގެ ހާލުހުރީ އެހެން ގޮތަކަށެވެ. ސަރުކާރުގެ ނުވަތަ އެނޫންވެސް އެހެން ތަނެއްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް ފިއްތުންތައް އަންނަ މަންޒަރު ފެނެއެވެ. ނުވަތަ ބިރުދައްކައިގެން އޮބިއަޅުވައިލާ މަންޒަރު ފެނެއެވެ.

ޙަޤީޤަތަށް ދަންނަވާނަމަ އެ ފަދަ ފަރާތްތަކަށް އެހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ޚިޔާލު ތަފާތުވުމެވެ. ވެރިޔާގެ ޚިޔާލާއި އެއްގޮތް ނުވުމެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ މަސައްކަތްކުރާ މާހައުލުގެ ކަންކަން ހިނގާގޮތަށް ފާޑުކިޔުމުންނެވެ. މި ގޮތުން ބަލާއިރު މި ސަރުކާރު އައީ ކޯލިޝަނެއްގެތެރެއިންނެވެ. މިނިސްޓަރުން ވެސް އެ ތިއްބެވީ އެކި ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ޖުމްހޫރީ ޕާޓީ ނުވަތަ ޢަދާލަތު ނޫންނަމަ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. ސްޓޭޓް މިނިސްޓަރުން ވެސް އެ ފަދަ އެވެ. މީގެ އިތުރުން ދެން ފެންނަނީ ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ބޭފުޅަކަށް ކެމްޕެއިން ކޮށްދީގެން ބައެއް ފަރާތްތަކަށް ސަރުކާރުގެ އިސް މަޤާމުތައް ލިބިފައި ހުންނަ މަންޒަރެވެ.

އިސްވެ މި ދެންނެވި ބޭފުޅުންނަށް ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔުމުން ވަޒީފާ ގެއްލޭ މަންޒަރު ފެނެއެވެ. ވަޒީފާ ނިގުޅައިގަތުމަށް މަސައްކަތްތަކެއް ކުރެއެވެ. ވަޒީފާއިން ވަކިކުރާނަމޭ ބުނެ ބިރުދައްކައެވެ. ބައެއްފަހަރު ދޮގު އިލްޒާމު އަޅުވައި އިތުބާރުނެތްކަމަށް ބަލައެވެ. މި ގޮތުން ވުޖޫދުގައި ނުވެސް ނެތް އައު މައްސަލައެއް އުފައްދައިގެން އެ ބޭފުޅަކު ނުވަތަ އެ މީހަކު ބޭރުކޮށްލުމަށް މަސައްކަތްކުރެއެވެ. ކަން މިހެން ހުރުމާއެކީ ވަޒީފާގައި އުޅޭ ގިނަ ފަރާތްތަކަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ޤައިދުވެފައެވެ. ނުވަތަ އެ ފަދަ ފަރާތްތަކަށް އެކަން ކުރަން ނުމެކެރޭމެއެވެ.

ކަންމިހެން ހުރި އިރު ވިކި ހުސްވެފައި ނުހުންނާށެވެ. އެޅިހާ ބަތަކަށް ރިހަ ވެގެން ނުހުންނާށެވެ. ޖަހާހައި ބެރަކަށް ނެށުމުގެ ބޭނުމެއްނެތެވެ. ނެގޭނީ ދީފައި އޮތް ބަނޑު ހަނޑުލެއްތާއެވެ. ނަސީބަކީ ކަތީބަކު ދޭއެއްޗެއް ވެސް ނޫނޭ މުސްކުޅިން ބުނެއެއް ނޫންހެއްޔެވެ.

އެހެންކަމުން ޚިޔާލު ފާޅުކުރުމުގައި ހުރަހެއް ނެތެވެ. ފާޑުކިޔުމުގައި މައްސަލައެއް ވެސް ނެތެވެ. މި ކަންކަން އޭގެ މިންގަނޑުގައި ކުރެވޭނަމައީ ރަނގަޅުކަމެކެވެ. ނުގަންނާން ހުންނަ ދޮނގެއްހެން ނުހުންނާށެވެ. އަދި ވެސް އެއްފަހަރު ހަނދާންކޮށްދެމެވެ. ނެގޭނީ ދީފައި އޮތް ބަނޑު ހަނޑުލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: