ބަރުލަމާނީ ނިޒާމަކީ ޤައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ މަސްލަހަތަށް އެކަށީގެންވާ ނިޒާމެެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީޖުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ޤައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ މަސްލަހަތަށް އެކަށީގެންވާ ނިޒާމެެއް ނޫންކަމަށާއި ނަމަވެސް މަޖިލީހުގެ މެންބަރެއްގެ އަމިއްލަ ފައިދާއަށް ވިސްނާނަމަ އެ ގޮތް ރަނގަޅުވެދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު މި އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލެއްވުމަށް ބައެއް މެންބަރުންނާއި ކުރީގެ ރައީސް ނަޝީދު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އިސްވެ ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވަން އުޅުއްވާކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.
މި ގޮތުން ޖާބިރު ވަނީ ދިވެހި ދަޢުލަތް ހިންގަމުން މިދާ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާކަމަށާއި އެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ކުރައްވާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިކަމަށް ރައްދުދެއްވަމުން ޝަރީފް ވަނީ ވެރިކަމުގެ ނިޒާމަކީ މަޖިލިސް އިން ނެގޭ ވޯޓަކުން އެކަނި ނިންމޭނެ ކަމެއްނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ ކަން ނިންމޭނީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންކަމަށާއި ބައެއް މެމްބަރުންނަށް އެކަން ސާފުނުވަނީކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

