ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ބަލި ގަބޫލުކޮށް އަމާން ދިނީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ 12 ވަނަ ދުވަހު ކުއްލިއަކަށް ފެތުރެން ދިޔަ ހަބަރަކީ އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިބެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށި ހަބަރެވެ. އެކަމުގައި އިސްވެ އުޅުއްވީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް، އެމްޑީޕީ މެމްބަރުންގެ ހިތްތަކުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން 32 މެމްބަރެއްގެ ސޮއި ހޯދުނެވެ. ނަމަވެސް ހަތަރު މެމްބަރަކު ވަނީ އެ މެމްބަރުން ކުރެއްވި ސޮއި އަނބުރާ ގެންދެވާފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީީ ރައީސް ނަޝީދު ފައްޔާޒަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގައި ދެއްވި އިންޒާރަކާ ގުޅިގެންނެވެ. އެ ގުރޫޕުގެ ޗެޓްލޮގް ސްކްރީން ޝޮޓްތަކެއް އާންމުވެ އަދި އެ މެސެޖްތަކުގެ ސައްހަކަން ވަނީ ކަށަވަރު ވެސް ވެފައެވެ.

އެ ގްރޫޕުގައި ރައީސް ނަޝީދު ވަނީ ފައްޔާޒުއަށް ވަރަށް އިހްތިރާމްކަން ކުޑަ ރާގަކަށް ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންފައިވެއެވެ. ހާއްސަކޮށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އާއި ޕީޖީގެ ނައިބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އާ ނުބެހުމަށް އެ ގްރޫޕުގައި އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

އެ ގްރޫޕުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކުން ހާމަވާ ގޮތުގައި ފައްޔާޒުގެ މައްޗަށް އޮތް މައްސަލައަކީ އެމްޑީޕީގެ ތެރޭގައި “ބްރޯ” ހެދިގެން އުޅުއްވުމެވެ. ފައްޔާޒު ބްރޯ އެއް ގޮތަށް އެ ސިފަ ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވުމަށް ފަހު ނައިބް ރައީސް ކަމަށް ވަޑައިގަތް އަހުމަދު އަދީބު އުޅުއްވެވި ގޮތް ކަމަށް ބެލެވެއެވެ. އޭރު ޒުވާނުން ތެރޭ ވަރަށް ބޮޑަށް މަގްބޫލުވި އަދީބަށް މުހާތަބު ކުރަމުން އައީ “ބްރޯ” ގެ ނަމުންނެވެ.

ފަޔާވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުތެރޭގައި އުޅުއްވާ،” ނަޝީދުގެ އެ ގްރޫޕުގައި ފޮނުވި މެސެޖުގައި ވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް “ސަންގަށް” މައުލޫމާތު ދެއްވަމުން އެމްޑީޕީ މަޖިލިސް މެމްބަރަކު ވިދާޅުވީ ރައީސް ނަޝީދު އެކި ގޮތް ގޮތުން މެމްބަރުންނަށް ޕްރެޝަރު ކުރެއްވި ކަމަށާއި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ނުކޮށްފި ނަމަ ފަހުން ދެރަވާނެ ކަމަށް، ވިދާޅުވަމުން ގެންދެވިއެވެ.

އަދި ބައެއް މެމްބަރުންގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ރައީސް ނަޝީދު ފޮނުއްވީ ސީދާ ފެޓިޝަންގައި ސޮއި ނުކޮށްގެން ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

ފައްޔާޒުގެ ވޯޓާއެކު އެމްޑީޕީ ތެރޭގައި ބޮޑެތި ހިޔާލުތަފާތުުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން އެތަށް މެމްބަރުންނެއް ވަނީ ފާޅުގައި ނުކުންނަވާ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓް ފެއިލް ކޮށްލާނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ. އަދި އެއީ ސަރުކާރަށް ކުރާ ޖެއްސުމެއްގެ ގޮތުގައިވެސް އެ ބޭފުޅުން ސިފަ ކުރައްވަ އެވެ.

ދެން ތިއްބެވީ ރައީސް ނަޝީދުގެ ދިފާއުގައި ތިއްބެވި މެމްބަރުންނެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އެ ނިކުންނެވީ ސަރުކާރު ހަމަމަގަށް އަޅުވާ ކޮރަޕްޝަން ނައްތާލަންށެވެ. މިކަމުން ވެސް ހާމަވީ އެމްޑީޕީ ތެރޭގައި ބައިބައިވުން އޮތް މިންވަރެވެ. ސޯޝަލް މީީޑިއާގައި މާބޮޑަށް އެ ވާހަކަ ނުދެކެވުނަމަވެސް އެމްޑީގެ ތެރޭގައި ފެކްޝަން އުފެދިފައިވާ ކަމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

މިކަމަށް ބާރުދެނީ މިކަމުގައި ރައީސް ނަޝީދު އިސްކޮށް އުޅުއްވުމެވެ، އެމަނިކްފާނަކީ އެމްޑީޕީގެ ރައީސެވެ. ފައްޔާޒަކީ އެމްޑީޕީ ސްލޮޓްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމަށްވާނަމަ ފައްޔާޒާއި މައްސަލައެއް އޮތުމުން އެމްޑީޕީގެ ރައީސް، އޭނާއާއި ބައްދަލުކޮށް އެކަން ހައްލުކުރާނީއެވެ. ނަމަވެސް ރައީސް ނަޝީދު އަމަލުކުރެއްވިގޮތުން، ފައްޔާޒުގެ ކޮންޓްރޯލް ރައީސް ނަޝީދުގެ ނެތްކަމާއި، ޕާޓީގެ ފެކްޝަންތައް ހުރި މިންވަރު ސާފުވިއެވެ.

ދެން މަސައްކަތްކުރެއްވީ އިތުބާރުނެތްކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅައިގެން، ތްރީލައިން ވިޕެއް ނެރުމަށްފަހު ފައްޔާޒު ބޭރުކުރުމަށެވެ. ނަމަވެސް އެއަދަދަށް އެމްޑީޕީ މަޖިލިސް މެމްބަރުންގެ ތާއީދެއް ރައީސް ނަޝީދަށް ނުހޯދުނެވެ.

މިހުރިހާ ކަމެއް ހިނގައި ދިޔަ އިރުވެސް މިނިސްޓަރު ފައްޔާޒު މާގިނަ ވާހަކައެއް ނުދައްކަވައެވެ. ދެއްވީ ޑިޕްލޮމެޓިކްކޮށް ޖަވާބު ތަކެވެ. ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރޭ ނުތަނަވަސްކަން އުފެދޭ ކަމަކަށް ނުހެދުމަށް ވަރަށް އާދޭހާ އެކު އެދޭ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތް ކުރާތަން ފެނުމަކީ، ރާއްޖޭގެ ޑިމޮކްރަސީއަށް ޖަގާ ލިބޭކަން ހާމަވާ ކަމެއް ކަމަށެވެ.

އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައިވާ އޮތް ގޮތަަކަށް ނިމިދާނެ. ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން،” ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އޭނާއަކީ އޭނާއާ ނުބެހޭ ކަންތައްތަކާ ބެހޭ މީހެއް ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށާއި އެއީ ހަގީގަތެއް ކަމަށެވެ. ދާއިރާއެއްގައި ކަމެއް ނުވެގެން ރައްޔިތުން ނުވަތަ މަޖިލިސް މެމްބަރުން ގުޅުއްވުމުން، އިކޮނޮމިކް މިނިސްޓްރީގެ ކަމެއް ނޫން ނަމަވެސް، އެކަމަކާ ގުޅޭ މިނިސްޓަރުންނަށް ގުޅުއްވައިގެން އެކަމެއް ކޮށްދެވޭނެ ގޮތެއް އޮތްތޯ ބައްލަވާ ކަމަށެވެ. އެއީ ނުބެހޭ ކަންކަމާ ބެހުން ކަމަށް ވާނަމަ ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އަމަލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ފައްޔާޒު ގުރުބާންކުރައްވަން ރައީސް ނަޝީދުގެ ފެކްޝަނުން ކުރެއްވި މަސައްކަތް ރަސްމީކޮށް ނާކާމިޔާބުވީ ރައީސުލްޖުމްހޫރިއްޔާ، އެމްޑީޕީގެ އެންމެ އިސް ލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަސް ވިދާޅުވި ހިސާބުންނެވެ. އެމަނިކުފާނު ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތްކަން ހާމަ ކުރައްވާ އެމަނިކުފާނުގެ ދިފާއުގައި ހުންނެވިކަން ހާމަކުރެއްވާފައެވެ.

ރައީސްގެ މި ވާހަކަފުޅުންނާއި އިވޭ އަޑުތަކުން އެނގޭ ގޮތުގައި މިނިސްޓަރު ފައްޔާޒަކީ ރައީސް ވަރަށް އިތުބާކުރައްވާ ވަރަށް އަރިސް މިނިސްޓަރެކެވެ. އެހެންކަމުން މި މުޅި މައްސަލާގައި ކޯޅެމުން މި ދަނީ ރައީސް ސޯލިހާ ރައީސް ނަޝީދުންކަން ހަގީގީ މަންޒަރު ބަލައިފި ކޮންމެ މީހަކަށް ސިފަވާނެއެވެ. އަދި މި ހުރިހާ ކަމަކުން ރައީސް ނަޝީދު އަންގައިދޭން ބޭނުންވި ކަމަކީ ރައީސް ސޯލިހަކީ ހަމައެކަނި ނަމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ބެލެވިދާނެއެވެ.

ކޮންމެއަކަސް މިފަހަރު ބަލިވީ ރައީސް ނަޝީދުގެ ފެކްޝަނެވެ. ސޮއެ ހަމަނުކުރެއްވުނުތާނގައި، ފައްޔާޒުވަނީ ރައީސް ނަޝީދު އެމަނިކްފާނުގެ ސަޕޯޓަރުންނާއެކު ފޮތް ނެރުމަށް ބޭއްވި “ދެ ރަދުން” ސޮއި ކުރުމުގެ ހަފްލާއަކަށްވެސް ވަޑައިގެންފައެވެ، އާޚިރުގައި ރައީސް ނަޝީދުގެ ސޮއި ލިބުނީ ފައްޔާޒަށެވެ. މިކަމުން ފެނުނީ ފައްޔާޒުގެ ހިތްވަރެވެ، ކެރުމެވެ. ފެނުނީ ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒުކުރިމަތީ އަމާން ދެއްވާ ބަލި ގަބޫލުކުރި ތަނެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: