މިންވަރަށް އީމާންވާ މީހަކު ފިތުނައިގެ ސަބަބުން ގުޑުގުޑެއް ނާޅާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިންވަރަށް އިމާންވުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ގަޟާދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުން ދަނީ ހިތްހަމަޖެހުމާ އެކުގައި ކަމަށާއި ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށެވެ.
އަދި ދަތި އުނދަގޫ ކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށާއި މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާ އަށް ސުވަރުގެ މަގުފަހިވެގެންދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މާތްﷲ އާއި އެކަލާނގެ ރަސޫސާ އަންގަވާފައިވާ ގޮތަށް އީމާންވެ، އަގިދާ ވަރުގަދަ ކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފާޅުވެގެންދާނެ ކަމަށް ވެސް ހުތުބާގައި ބުނެގައިވެއެވެ.
”މުސްލިމް އަހުންނޭވެ. ފެންނަ ތަކެއްޗާއި ނުފެންނަ ތަކެތީގައި ވެސް މާތްﷲގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. މާތްﷲގެ އިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުނހިގައެވެ“ ހުތުބާގައި ވެއެވެ.
ހުތުބާގައި ވަނީ މާތްﷲ އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ ނަފްސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށް ބުނެފައެވެ. އަދި ހުރިހާކަމެއް މެދުވެރިވެގެން ދަނީ މާތްﷲގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތް ނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެ ކަމަށް ހުތުބާގައި ބުނެއެވެ.
”މި ކައުމުގައި ހިނގާ ހުރިހާކަމެއް ހިނގަނީ މާތްﷲގެ އިރާދަފުޅުގެ މަތިންނެވެ. އަޅުތަކުން ކިތަންމެ މޮޅަށް ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައި ވިޔަސް އެކަމެއް މާތްﷲގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާނެއެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތްﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުއު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެއެވެ.
މާތްﷲ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތަ ދޫކޮށްލައިގެން ނުވާނެ ކަމަށާއި ހެޔޮ ކަންތައްތަކަށް ގޮވާލުމާއި ނުބައިނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭނޭ ކަމަށާއި ހަލާލުކަންތައް ހަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
”މާތްﷲ މި ކައުމުގައި ލައްވާފައިވާ ހުރިހާ ކަމެއް ލައްވާފައި ވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައެވެ. އެކަން މޮޅަށް ދެނެވޮޑިގެން ވަނީ އެކަލާނގެއެވެ. އެކަލާނގެ ހައްދަވާފައިވާ ތަކެއްޗާއި އެތަކެއްވަށް މިންވަރު ކުރައްވާފައިވާ ގޮތް ދެނެވެޑިގެން ވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެއީ ހުރިހާ އުނިސިފަތަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.“ ހުތުބާގައި ވެއެވެ.

