ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ސޯޝަލް މީޑިއާ ކެމްޕެއިން: މިވަނީ ކިހިނެއް؟

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންޑިއާ މިލިޓަރީގެ ޕްރެޒެންސް އެބައޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް އާއްމުން ދަނީ “އިންޑިއާ އައުޓް” ގެ ނަމުގައި ހޭޝްޓެގް ކެމްޕެއިނެއް ކުރިޔަށް ގެންދަމުންނެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރު އަރާފަދަ ގޮތަކަށް އިންޑިއާގެ އަސްކަރިއްޔާގެ އޮފިސަރުން ތިބިކަމުގެ ތުހުމަތުތައް ކުރެވޭތާ ވަނީ ދުވަސްތަކެއް ވެފައެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު 2010 ވަނަ އަހަރުގެ ތެރޭގައި ވީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެނައި ހެލިކަޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބިއިރު ގިނަ އާއްމުން ނުރުހުން ފާޅުކުރަމުންދަނީ އެ ފުރުސަތު ދިވެހި އޮފިސަރުންނަށް ނުދޭތީއެވެ. މި އެއްބަސްވުމުގެ މައްސަލައިގައި އެތައް ބައެއްގެ ނުރުހުން އަމާޒުވާން ފެށުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްމްގެ ސަރުކާރުގައި ހެލިކަޕްޓަރު އަނބުރާ ގެންދަން ވެސް އެންގިއެވެ. އަދި އެއާއި އެކު އިންޑިއާ ސިފައިން ވެސް ރާއްޖެއިން ފޭބުމަށް އެނގިއެވެ.

އެ މައްސަލަ ހައްލު ނުވެ ވަނިކޮށް، ވެރިކަން ބަދަލުބެ މި ސަރުކާރުން ވަނީ އެއްބަސްވުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާކޮށްފައެވެ. އެއާއި އެކު އިންޑިއާއި އެކު އޮތް ގުޅުން ބަދަހިކޮށް މިވީ ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ ސިފައިންތައް ރާއްޖެ އައިސް އެކިކަންކޮޅުތަކުގައި ތިބި ކަމުގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަރުކާރާއި އެކު އެއްބަސްވުމެއްގެ ދަށުން އައްޑޫ ސިޓީގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު

އައްޑޫގެ ވަކި ހިސާބެއްގައި އިންޑިއާގެ ސިފައިން އާބާދު ކުރަން އުޅޭކަމުގެ އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު ވިދާޅުވެފައިވާ ގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނީ ހެލިކަޕްޓަރު ބެލެހެއްޓުމުގެ “ނަމުގަ” އެވެ. އަދި ރާޑަރު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ މިލިޓަރީ ބޭސް ގާއިމް ކުރުމުގެ ބޭނުމުގައި ކަމަށް އުމަރު ތުހުމަތުކޮށްފައި ވެއެވެ.

މިވާހަކަތައް އެންމެ ބޮޑަށް ގުޅުވާލަނީ އައްޑޫގެ ޕޮލިސް އެކެޑެމީ އާއި އެވެ. ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއާ ގުޅުވައި ވާހަކަތައް ދެކެވޭތާ ވަނީ އެތައް ދުވަހެއް ވެފައެވެ. އައްޑޫ ޕޮލިސް އެކެޑެމީގެ އަޑުތައް އަނެއްކާވެސް ގަދަވެގެން އައީ “އިންޑިއާ އައުޓް” ކެމްޕެއިންގެ ދަށުން އާއްމުން ކުރަމުން އައި ޓްވީޓުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ރައްދުގެ ސަބަބުންނެވެ. ޝާހިދު ވިދާޅުވެފައިވަނީ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި އިސްރޯލެއް އަދާކުރީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށެވެ. އެއީ 2012 ވަނަ އަހަރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ގާއިމްވި ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައެވެ. އޭރު ޑރ. ޖަމީލް ހުންނެވީ އެ ސަރުކާރުގެ ހޯމް މިނިސްޓަރަކަށެވެ.

2014 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫއު ލ އަތޮޅު ގަމަށް ބަދަލު ކުރަން ކުރި މަޝްވަރާތަކުގެ އިސްކޮށް ހުންނެވީ އުމަރުކަމަށް ޝާހިދު ވިދާޅުވިއެވެ.
ބޭރުގެ ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހިންގުމަށް ހުއްދަ ދިންކަމަށް ދެކެވޭ ވާހަކައަށް މި ސަރުކާރުން ތަކުރާރުކޮށް އިންކާރު ކުރެއެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ މިއީ ރާއްޖެ އާއި ބޭރު ދުނިޔޭގެ އެހެން ގައުމުތަކާއި އޮންނަ ގުޅުން ހީނަރު ކުރުމަށް ބަޔަކު އިސްވެ ތިބެ ހިންގާ އަމަލެއްކަމަށް ސިފަކޮށްފައެވެ. އަދި މި މައްސަލަ ބެލުމަށް ވެސް ގިނަ ބަޔަކު ގޮވާލަމުންދާއިރު ސަރުކާރަށް ތާއީދު ކުރާ މީހުން ވަނީ އިންޑިއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭހެން ޓްވީޓުތަކެއްކޮށް، ވީޑިއޯތަކާއި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ދަތުރު ހިމެނެއެވެ.

އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ވެސް އެހީވާ ގައުމަށް ވާއިރު ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ނުލިބުނު ނަމަ ގައުމަށް މިނިވަންކަން ނުލިބުނީސްކަމަށް ދޭހަވާ މޭރުމަކުން ސަރުކާރުގެ ބައެއް އެކްޓިވިސްޓުން ވަނީ ޓްވީޓުކޮށްފައެވެ.
މޯދީ ރާއްޖެއަށް ކުރެވި ދަތުރުގެ ތެރޭގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ކޮޗިން އާއި ރާއްޖެއާއި ދެމެދު ކުރާ ފެރީގެ ދަތުރުތައް ހިމެނެއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ނުވަ ޕްރޮޖެކްޓަކަށް ބޭނުންވާ 85 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. މިއީ އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ޝުޝްމާ ސްވަރާޖް 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި އިންޑިއާގެ ސަރުކާރުން ދޭން އެއްބަސްވި ފައިސާގެ އެހީއެވެ. ހަމަ އެ ދަތުރުގައި، ރަށްރަށަށް އިޖުތިމާއީ އަދި އިގްތިސާދީ ފައިދާ ކުރާނެ މަޝްރޫއުތައް ކުރިއަށް ގެންދަން އިތުރު 106 މިލިއަން ރުފިޔާ ދޭން ވެސް އެއްބަސްވެފައިވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިން

މި އެއްބަސްވުންތަކަށް ވެސް އިދިކޮޅުގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވީއިރު، ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތު ކުރާ ގޮތުން މިއީ މަޑުމަޑުން ގޮސް ގައުމަށް އަތް ގަދަ ކުރުމެވެ. ނުވަތަ ތަފާތު އެކި އެހީތަކާއި، ލޯނުތަކުގެ ނަމުގައި ނުފޫޒު ރާއްޖޭގައި ބޭއްވުމެވެ.

ސަރުކާރުގެ މަޖިލީސް މެމްބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި އާއި، އަދި އެކި ޓީވީ ޕްރޮގްރާމްތަކުގައި އިދިކޮޅުން އެހެން ގައުމުތަކާއި މެދު ނަފްރަތު އުފައްދަމުން ދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނެވެ.

އިދިކޮޅުން ސަރުކާރަށް ކުރާ ތުހުމަތުތަކާއި، އެކު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ޕީޕީއެމް، ޕީއެންސީއަށް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވަނީ ޗައިނާއި އާއި މެދު ސިއްރު މަޝްވަރާތަކެއް އިދިކޮޅުން ކުރިޔަށް ގެންދާކަމަށް ވިދާޅުވެފައި ވެއެވެ.

އާޒިމް މި ތުހުމަތުތަކެއް ކުރެއްވިއިރު، ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ކުއްލި ގޮތަކަށް ޗައިނާއަށް ފުރާ ވަޑައިގެންފައެވެ. ސައީދުގެ މިނިސްޓަރު ކަމުގައި ޗައިނާ އާއި އެކު ގުޅުންތަކެއް ބަދަހި ކުރިއިރު ސައީދަކީ ވެސް ޗައިނާ އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އާޒިމް ތުހުމަތު ކުރައްވާފައިވާ ގޮތުން ޗައިނާއިން ފަންޑުކޮށްގެން ގައުމު ހަލަބޮލި ކުރުމަށް އިދިކޮޅުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް ރައްދު ދީ އިދިކޮޅުން ބުނެފައިވަނީއެއްވެސް ގައުމަކާ ގުޅިގެން ސިޔާސީ މަސައްކަތް ނުކުރާ ކަމަށެވެ.

އިދިކޮޅުގެ އަޑުތައް ގަދަވެ އެންމެ ފަހުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ނެތް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން ވެސް ހަރަކާތްތެރި ނުވާ ކަމަށެވެ.

“މިލިޓަރީ ޕްރެސެންސެއްގެ ގޮތުގައި އަޅުގަނޑުމެން މި ސިފަކުރަނީ ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ، އެ މީހުންގެ މަގްސަދުތަކެއް ހާސިލްކުރަން ތިބޭ ބައެއް ތިބޭ ނަމަ އަޅުގަނޑުމެން ސިފަކުރާނީ މިލިޓަރީ ޕްރެސެންސެއްގެ ގޮތުގައި. އެހެން ނޫން ޓެކްނީޝަނުން، ހިއުމަނިޓޭރިއަން ބޭނުމަށް، އަޅުގަނޑުމެންގެ ބޭނުމަށް އަޅުގަނޑުމެންގެ ބޭނުންތައް ފުއްދައި ދިނުމަށް ޓެކްނިކަލް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދޭ” ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

މީގެ އިތުރުން ހެލިކަޕްޓަރުގެ މައްސަލައިގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވާހަކަ ދެއްކެވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ދިވެހި ސިފައިންގެ ތެރޭގައި ސީދާ ޑޯނިއާ ދުއްވުމަށް ޓްރެއިނިން ހަދާފައި ތިބި ޕައިލެޓުން ނެތް ކަމަށެވެ. ގާއުމްކޮށްފައިވާ އެލްއޯއީ ނުވަތަ އެގްރިމެންޓަށް އިޝާރާތް ކުރައްވާ ޝަމާލް ވިދާޅުވީ އޭގައި ބަޔާންކުރާ ގޮތުން އެއާކްރާފްޓް، ނުވަތަ ހެލިކަޕްޓާރ ވިޔަސް އޭގައި ދިވެހިން ދުއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެއާއި އެކު ޓްރެއިނިންގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

SunOnline: Exercise dosti ge kadumathee thamreen
އެކްސަސައިޒް ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ސަން

ދިވެހި ސިފައިންނަށް ހެލިކަޕްޓަރު ދުއްވުމުގެ ފުރުސަތު ނުދޭންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަމާލް ވިދާޅުވީ އޭގެ ތެރޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ސިފައިންގެ ތެރޭގައި އެއާކްރާފްޓު ދުއްވުމުގެ ޓްރެއިނިން ނެތް އޮފިސަރުންނަށް އެ ޓްރެއިނިން ވެސް ކުރިޔަށް ގެންދާ ކަމަށެވެ. ޝަމާލް ވިދާޅުވީ މިހާރު ތިބި ޕައިލެޓުންތަކަށް ހެލިކަޕްޓަރު ދުއްވޭގޮތަށް ޓްރެއިނިން ދީ އެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެއާއި އެކު ޑޯނިއާ އެއާކްރާފްޓު ސްޕެޝިލިސްޓު އޮފިސަރުން އެމްއެންޑީއެފްގެ ތެރޭގައި ނެތް ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ކޮމާޝަލީ ވަރަށް ބޮޑު މާކެޓެއް އެބައޮތް ކަމަށާއި، ކޮމާޝަލް ޕައިލެޓުންނާއި، ވުޒާރާގެ ޕައިލެޓުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް އެބަހުރިކަމަށް ޝަމާލް ވިދާޅުވިއެވެ.
އިންޑިއާއާ ދެކޮޅު ކެމްޕޭނެއް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ފަށައިގެން ކުރިއަށް ގެންދާއިރު، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ ސަޕޯޓަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ގެންދަނީ އިންޑިއާއަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ. އަދި އެގޮތަށް ތައުރީފުގެ ޕޯސްޓުތައް ކުރާތީ އެކަމަށް ވެސް ދަނީ ފާޑުކިޔަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: