74 ބިލިޔަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު އެ ފައިސާ ހަރަދުކުރީ ރަނގަޅަން ނޫން ކަމަށް ސަރުކާރު ހިންގާ ކޯޅިޝަން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.
އަލީ ހުސެން މިފަދައިން ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރައިފައިވާކަން ހާމަވުމާއި ގުޅިގެންނެވެ.
އަލީ ހުސެން ކުރެއްވި ޓުވިޓުގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ބިލިއަނުން އަރައިގެންދާއިރު، އަތޮޅުތެރޭގެ ރައްޔިތުން އަދިވެސް ފެންވަރަނީ ނަޖިސް ފެނުން ކަމަށެވެ. އަދި އޭގެން ސާބިތުކޮށްދެނީ ފައިސާ ހަރަދުކުރީ ރަނގަޅަން ނޫންކޮށް ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.
74 ބިލިޔަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ނަޖިިސްފެނުން ފެންވަރަން ޖެހިފައިވުމުން އެހުރިހައި ފައިސާ ޚަރަދުކުރީ އެންމެރަނގަޅަށް ނޫންކަން ސާބިތުވޭ.
— Ali Hussain (@AleeVoice) September 7, 2020
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި މިހާރު ވަނީ 74 ބިލިއަނަށް އަރާފައެވެ. އަދި ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ހީނަރުކަން އައިސްފައިވާއިރު ސަރުކާރުން އަންނަނީ ދައުލަތް ހިގުމަށްޓަކައި ބޭރުގެ އެކި މާލީ އިދާރާތަކުން ހިލޭ އެހީ އާއި ލޯނުތައް ނަގަމުންނެވެ. އެގޮތުން ސަރުކާރުން މި އަހަރު 12 ފަރާތެއްގެ އަތުން ވަނީ ލޯނު ނަގާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

