ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތައް ބެލެހެއްޓުމުގައި އިތުރު ކުރިއެރުން ލިބޭނީ ގާނޫނު އިސްލާހު ކޮށްގެން!

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
  • މަޖިލީޙުގެ ފެށޭ ދައުރަށް އީސީގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާނެ.   

 

ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ބޭނުންވާ ކަމަށާއި އެ ކުރިއެރުން ލިބޭނީ މިހާރު އަމަލު ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ސިޔާސީ ޕާޓީތަކުން ގާނޫނާއި ގަވާއިދުތަކާއި ހިލާފް ކަންކަން ކުރަމުންދާއިރު އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ސިޔާސީ ޕާޓީތަކާއި މެދު އަޅަމުން ނުދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު އަމަލު ކުރަމުންދިޔަ ސިޔާސީ ޕާޓީތަކުގެ ގަވާއިދު އަސްލަކަށް ބަލައިގެން ހަދާފައިވާ ގާނޫނެކެވެ.

އެހެން ކަމުން މިހާރުގެ ހާލަތަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރެއެވެ. ހާއްސަކޮށް ކޮމިޝަނުން ސިޔާސީ ޕާޓީތައް ބެލެހެއްޓުމުގައި ހޯދަން ބޭނުންވާ ކުރިއެރުން ލިބޭނީ ސިުާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޗަރީފް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވި ގޮތުގައި ކޮންމެ ކަމަކަށް ވެސް ކުރިއެރުން އަންނާނީ އެ ކަމަކަށް ވަގުތާއި ހާލަތާއި އެއްގޮތްވާ ގޮތުގެ މަތިން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންނެވެ. އެގޮތުން މާޒީގެ ތަޖުރިބާއަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވަން

ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެންމެ ފުރަތަމަ ގެންނަން ޖެހޭ ބަދަލަކީ ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި މޮނިޓަރ ކުރުމުގެ ބާރު އޮތް ފަރާތަކީ އިލެކްޝަންސް ކިމިޝަންކަން ގާނޫނުގައި ކަނޑައެޅުމެވެ. ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމާ ބައެއް ނިންމުންތަކާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ކޯޓަށް މައްސަލަ ހުށަހަޅާއިރު އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތްކަން ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށް ބުނެ ޕާޓީތަކުން ކޯޓުގައި ޗެލެންޖް ކުރާކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމަށްވަނީ އެކަން ސިޔާސީ ޕާޓީތަކުން ގަބޫލުކުރާ ހާލަތުގައި ކަމަށާއި އެހެން ކަމުން ގާނޫނުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި އޮންނަން ޖެހޭކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މައްޗަށް ކޮމިޝަންގެ ގާނޫނީ ބާރު އޮންނަނީ ޕާޓީތަކުން ކޮމިޝަންގެ އެހީތެރިކަމަސް ބޭނުންވާ ހާލަތުގައި ކަމަށާއި އެކަން އެހެން ދިމާވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބައެއް އިބާރާތްތައް އައިސްފައި ހުންނަ ގޮތުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެންމެ އަވަހަށް ގެންނަން ޖެހޭ އިސްލާހަކީ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމުގައި އަމަލު ކުރަމުންދާ ގޮތަށެވެ. އެގޮތުން މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތް ގޮތުން ޕާޓީތަކަށް ވަގު ފޯމް ހުށަަހެޅުމުގެ ފުރުސަތު ނުވަތަ އޮޅުވާލައިގެން ޕާޓީއަށް މެމްބަރުން ވެއްދުމުގެ ޖާގަ ލިބިދޭ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަވަސް އިސްލާހުތަކެއް ބޭނުންވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި އެކަން ކުރެވޭނީ ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކޮމިޝަނަށް ދީގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ބަދަލުކޮށް މެމްބަރޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރާ މައިގަނޑު ސަބަބަކީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އެހީ އިތުރު ކުރުން ކަމަށާއި އެހެން ކަމުން މެމްބަރޝިޕްގެ ކަންކަން ހަރުދަނާކޮށް ސިޔާސީ ޕާޓީތަކަށް ހަމަހަމަ އުސޫލުން ފައިސާ ދެދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި އަދި މަޖިލީޙުގެ ފެށޭ ދައުރަށް އިސްލާހުތައް ހުށަހަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މެމްބަރޝިޕްގެ މައްސަލަތައް ހައްލު ކުރުމަށާއި ސިޔާސީ ޕާޓީތަަކަށް ފައިސާ ދިނުމުގައި ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި 10،000 މީހުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް އިދާރީފީއެއް ދިނުމަށް ގާނޫނުގައި ކަނޑައެޅަށް ހުށަހަޅާފައިވެއެވެ. މީގެއިތުރުން ޕާޓީތަކަށް ފައިސާ ދިނުމުގައި ގެންގުޅޭެ މިންގަނޑެއްގެ ގޮތުގައި ޕާޓީތަކުން އިންތިހާބުގައި ވާދަކޮށް އެ ޕާޓީއަކަށް ވޮޓް ލިބޭ ނިސްބަތެއްގެ މައްޗަށް ދައުލަތުން ފައިސާ ދޭ ގޮތަށް ގާނޫނުގައި ކަނޑައެޅުމަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ސަބަބެއް ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަގީގީ މެމްބަރޝިޕްގެ އަދަދު އިނގޭ އެއްޗަކީ އިންތިހާބުތަކުގައި ވާދަކޮށް ސިޔާސީ ޕާޓީތަކަށް ލިބޭ ވޯޓު ކަމަށާއި އެހެން ކަމުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ވެސް އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނަށް ކޮމިޝަނުން ހުށަހަޅާ އިސްލާހުތައް ފާސްވެއްޖެނަމަ ސިޔާސީ ޕާޓީތަކުން މެމްބަރޝިޕްގެ މައްސަލަތަކުގައި ކުރަމުންދާ ޝަކުވާތަކަސް ހައްލެއް ލިބިގެންދާނެ ކަމަސް ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި ސިޔާސީ ޕާޓީތައް ހަރުދަނާ ކުރުމަސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އިތުރު ކުރިއެރުން ލިބިގެންދާނެކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: