ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ތެރޭގައި އާދައިގެ ޒުވާބެއް ކޮށްގެން، އަދި ޕާޓީ ފަޅައިގެންނެއް ނުދާނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރަސީގެ ހަމަތަކަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި، ދެ ބަސްވުމެއް އުފެދުމުގެ މާނައަކީ ޕާޓީ ދެކަފިވެގެން ދިއުން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށް ވާހަކަ ދެކެވޭތާ ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ޕާޓީގެ ސްލޮޓުގައި އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި އެކު މިވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ފާއިތުވީ 24 ގަޑިއެއްހާއިރުގެ ތެރޭގައި މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި އޮތީ މި މައްސަލައާއި ގުޅޭ ވާހަކަތަކެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަންކަން ހައްލު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި، ޕާޓީގެ ތެރޭގައި އޮންނަ އާދައިގެ ހިޔާލުތަފާތުވުމެއްގެ ސަބަބުން  އެމްޑީޕީ ދެކަފިވެގެން ނުދާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ އެމީހެއްގެ ހިޔާލެއް ގައުމީ މަޖިލީހަށް ހުށަހަޅާ، އެއަށް ބަހުސް ކުރުން އެއީ އެމްޑީޕީގެ ތެރޭގައި އަބަދު ވެސް އޮންނަ އާދައެއް ކަމަށެވެ. އަދި ވާހަކަ ދައްކާ، މައްސަލައެއް އުޅޭނަމަ އެކަމަށް ވެސް “ޖަދަލު” ކުރާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެކަކު ކުރާ ގޯސް ކަމެއްގެ ވާހަކަތައް ދެއްކުމަކީ ވެސް އެމްޑީޕީގެ އާދައެއްގެ ގޮތުގައި ބޮންޑެ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ޕާޓީގެ ގައުމީ މަޖިލީހުގެ ރީތި ސިފައެއްކަމަށް ބޮންޑެ ވިދާޅުވިއެވެ. އެހެން ނަމަވެސް ޕާޓީއިން ވަކި ގޮތެއް ކަނޑައެޅުމާއި އެކު ދެން އެކަމަށް ދެކޮޅު ހަދާ ޖަދަލު ކުރާނެ މީހެއް ނުހުންނާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

“އާދެ…. ރައީސް ނަޝީދު އެވާހަކަތައް ދައްކަނީ އެވާހަކަ ހައްލު ކުރެވޭތޯ.. ވަރަށް މަސައްކަތް އެބަކުރޭ. ދެން އެމްޑީޕީއަކީ ޑިމޮކްރަސީއަށް އަނެއްގޮތަށް ދަންނަވާނަމަ، އެތެރޭގެ ޑިމޮކްރަސީ ވަރަށް ވެސް ވަރުގަދަ ޕާޓީއެއް. އެމްޑީޕީގެ ތެރޭގައި އަދި އާދައިގެ ގޮތަކަށް ޒުވާބެއްކޮށްލައިގެން، އެމްޑީޕީއެއް ފަޅައިގެންނެއް ނުދާނެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެކަހަލަ ސަގާފަތެއް އަށަގެންފައި އޮތީ އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލު ކުރުން، ބަހުސް ކުރުން. ޖަދަލު ކުރުން، ވާހަކަ ދެއްކުން. ހުރި މައްސަލަތަކުގެ ވާހަކަތައް ދެއްކުން. އަދި ޖެހިގެން ހުރި މީހާ ވާހަކައެއް ދެއްކީމަ އޭނަގެ ވާހަކަ ވެސް ދެއްކުން، އޭނައަށް އިނގިލި ވެސް ދިއްކުރުން. އެ ސަގާފަތެއް އޮންނާނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރޭގައި އަށަގެންފައި. އެއީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރީތި ސިފައަކީ. ވަރަށް ޒުވާބު ވެސް ކުރާނެ، ހަމަ ހީވާނީ ދެންމެ ދެންމެ ގަޔަށް އަރާފާނެހެން. އެކަމަކު ވެސް އެ ނިންމުން ނިންމީމަ، އެހާހިސާބުން އެ ނިމުނީ.” ބޮންޑެ

ބޮންޑެ ވިދާޅުވީ ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަތައް ބޭރަށް ނުނެރި ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތައް އޮއްބާލުމަށް އެކި ޕްލެޓުފޯމްތަކުގައި އެހެން ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބޮންޑެގެ ވާހަކައިގައި ވިދާޅުވިއެވެ.

މައްސަލަތަކުގެ ވާހަކަތަކާއި އެކު ބޮންޑެ ވިދާޅުވީ، ކޮރަޕްޝަނާއި އަދި އެ ނޫންވެސް ވާހަކަތައް އެއްފަރާތްކޮށް އިންޑިއާއެއްގެ ވާހަކަ ދައްކާހެން ރައްޔިތުންނަށް މިހާރު ހީވާން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އެންމެ ބޮޑުވެގެން އުޅެނީ އިންޑިއާގެ މައްސަލައެއް ނޫން ކަމަށާއި، ގައުމުގެ ރައްޔިތުން އަނގަޔާއި އަތާ ދިމާނުވާ މައްސަލަ ވެސް އެއީ ބޮޑު މައްސަލައެއް ކަށެވެ. އެހެން ކަމުން ދައްކަން ވީ ވާހަކައަކީ މިއީ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ވެރިމެއް ރައްޔިތުން ބަދަލު ކުރަނީ އުންމީދުތަކަކާއި އެކު ކަމަށެވެ. އަދި އެ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމާއި، ތަނަވަސްކަމާއި މެދު ވިސްނާނެ ކަމަށެވެ.

އިންޑިއާގެ ސިފައިންގެ ޑޯނިއާ ފްލައިޓެއް ހަނިމާދޫ އެއާޕޯޓަށް ޖެއްސުމުން އެ ވާހަކަތައް އިދިކޮޅުން ދައްކަމުން ދިޔައިރު މިއީ އަބަދުވެސް ހިނގާ ކަންތަކެއްކަން ބޮންޑެ ފާހަގަ ކުރިއެވެ. އޭގެ ތެރޭގައި ވަކި ގައުމެއްގެ ނަން ވަކި ވަކީން ފާހަގަ ނުކުރިޔަސް އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ތަމްރީނުތަކަށް އަންނަކަމަށް ބޮންޑެ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ވާހަކަތައް ބަޔަކު ދެއްކުމުން އޭގެ ދިފާއުގައި އެހެން ބަޔަކު ނިކުމެ ވާހަކަ ދައްކާނަމަ “ކެޔޮގަނޑު ކަނޑާލިހެން” ހީވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރެއިން ބަޔަކު ނިކުމެ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ދިފާއު ކުރަން ވެސް ނުޖެހޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ މިއީ ފެންނަން ވެސް ނެތް، އަދި ލީޑަރެއް ވެސް ނެތް ޕާޓީއަކާއި ޒުވާބު ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި އިދިކޮޅުން ދައްކާ ކޮންމެ ވާހަކައަކަށް އެމްޑީޕީން ވެސް “ވާހަކަ ގިނަ ކުރަން ނުޖެހޭ” ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ވެސް އިސްލާހު ކުރަންޖެހޭ ކަންތަކެއް ހުރިއިރު، އިދިކޮޅާއި ޒުވާބު ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ބޮންޑެ ވަނީ ވިދާޅުވެފައެވެ.

#Khabarahfahu

#Khabarahfahu

Posted by Sangu TV on Wednesday, 9 September 2020

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: