ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި، ފައްޔާޒްގެ ކޯޅުން: އަސްލު ވެގެން މި އުޅެނީ ކިހިނެއް؟

ރައީސް މުހައްމަދު ނަޝީދާއި، ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެންމެ ގަދަވެފައިވާ ވާހަކައަކީ އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމެއްގެ ވާހަކައެވެ. ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދި، ޕާޓީގެ ސްލޮޓުގައި ވަޒީރުކަމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރު ކުރުމަށް އެންމެ ގަދަ ފައި ވިއްދާލާފައި ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅޭ ކަމާއި، އަދި އެކަމުގެ އެންމެ ކުރީގައި ހުންނެވީ ރައީސް ނަޝީދުކަމަށް މީޑިއާތަކުގައި ފެންމަތިވެގެން ދިޔައީ އޮގަސްޓު މަހުގެ ތެރޭގައެވެ. ފައްޔާޒަށް އިތުބާރު ނެތް ކަމަށް ވޯޓު ހަމަ ކުރުމަށް، ފޯމާއި އެކު މެމްބަރުންގެ އަރިހަށް ވަޑައިގެންނެވީ ވެސް ހުދު ރައީސް ނަޝީދެވެ.

މީޑިއާތަކުގައި ހަބަރުތައް ފެންމަތިވެގެން ދިއުމާއި އެކު، އެމްޑީޕީގެ އެކި އެކި މެމްބަރުންގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގިގެން ދިޔައީ މައްސަލައިގައި 30 މެމްބަރުން ސޮއިކޮށްފައިވާ ކަމެވެ. އެހެން ނަމަވެސް އޭގެ ފަހަތުން އަޑު އިވިގެން ދިޔައީ ނުފޫޒުގަދަ ބައެއްގެ ސަބަބުން މައްސަލައިގައި ސޮއި ކުރި ބައެއް މެމްބަރުން ސޮއި އަނބުރާ ގެންދިއުމަށް ބޭނުންވާ ވާހަކައެވެ.

ފާޅުގައި މެމްބަރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކެއް ވަގުތުން ޓްވީޓު ކުރައްވަން ފެއްޓެވިއެވެ. މި ސަރުކާރުގައި ރަނގަޅަށް ފަންކްޝަން ނުކުރާ އެތައް މިނިސްޓްރީއެއް، އަދި ޒިންމާ އަދާ ނުކުރާ މިނިސްޓަރުންތަކެއް ތިބިއިރު ފައްޔާޒަށް އަމާޒުކޮށް މިފަދަ މައްސަލައެއް ހުށަހަޅަންވީ ސަބަބާއި މެދު ސުވާލު އުފެއްދިއެވެ. އަދި ފައްޔާޒަކީ ސަރުކާރު އުފެދުނު ފަހުން މިނިސްޓްރީގެ މެންޑޭޓުގައި އެންމެ ރަނގަޅަށް ހިފަހައްޓާ، އެތައް މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ފަށާ، އޭގައި ކުލަ ވެސް ޖެއްސެވި މިނިސްޓަރު ކަމަށް މަޖިލީހުގެ އެމްޑީޕީ ޕީޖީ މެމްބަރުން ވެސް ދިޔައީ ވިދާޅުވަމުންނެވެ. ބައެއް މެމްބަރުން އެކަން ނިންމާލީ ކުރު ގޮތަކަށެވެ. ޓްވީޓު ކުރެއްވި ހަމައެކަނި އިބާރާތަކީ “ފައްޔާޒަށް އިތުބާރު އެބައޮތް” ކަމަށެވެ.

ރައީސް ނަޝީދު ކުރައްމުން ގެންދެވި މަސައްކަތާއި ދެކޮޅަށް ފާޅުގައި މެމްބަރުން ނިކުންނެވިއެވެ. އެއާއި އެކު އެމްޑީޕީގެ އެކި މެމްބަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކާއި އަދި، ހުރި ރުޅިވެރިކަން ސޯޝަލް މީޑިއާއިން ފެނިގެން ދިޔައެވެ. ބައެއް މެމްބަރުން ކުޅިވަރު ބަލަން ދުރުގައި ތިއްބެވި ނަމަވެސް އެ މީހުން ވެސް ތިބީ ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަމުން ދިޔަ ކޮންމެވެސް އެއް މެމްބަރެއްގެ ފަހަތުގައެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވާހަކަތައް ދެކެވުމަށްފަހު، ހަފްތާއެއް ހާ ދުވަސް ފަހުން އެ ވާހަކަތައް ހިނދިގެން ދިޔައެވެ. އޭރު ބެލެވުނީ މެމްބަރުންގެ ސޮއި ހަމަ ނުވުމުން ހަތިޔާރު ތިރިކޮށް ރައީސް ނަޝީދު އަމާން ދޭން ޖެހުނީ ކަމަށެވެ. އެހެން ނަމަވެސް އެކަން ވީ އެހެންނެއް ނޫނެވެ. އޭގެ މަހެއް ހާ ދުވަސް ފަހުން އަނެއްކާވެސް ވާހަކަ ހިލިގެން އައެވެ.

ފައްޔާޒް މަގާމުން ދުރު ކުރުމުގެ ވާހަކަތަކުގެ އަޑުތައް ކެނޑިގެން ދިޔައީ ފައްޔާޒަށް އިތުބާރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި އެކުއެވެ. މި ވާހަކަތައް މަޑު ޖެހުމުގެ ކުރިން ވެސް ގިނަ ކަންތަކެއް ހިނގައިދިޔައެވެ. ދެ މީހުންގެ ދެމެދުގެ ބޮޑު ކޯޅުމުގެ ދުވަސްވަރު ރައީސް ނަޝީދުގެ ދެރަދުން ފޮތް އިފްތިތާހު ކުރުމަށް މާލޭގެ އެކި ބުކްޝޮޕްތަކުގައި ރަސްމިއްޔާތުތައް ބޭއްވިއެވެ. ގަޑިތަކަކަށް ބަހާލައިގެން އެކި ބުކްޝޮޕްތަކަށް ވަޑައިގެންނެވިއިރު ދެރަދުން ފޮތް ބައްލަވައިގަތުމަށް މަޖިލީހުގެ އެތައް މެމްބަރުނެއް ވަޑައިގެންނެވިއެވެ. އަދި ސިޔާސީ އެކި ބޭފުޅުންތައް ވަޑައިގެންނެވިއިރު، މި ފޮތް ބުކްޝޮޕްއަށް ވަޑައިގެން ރައީސް ނަޝީދުގެ އޮޓޯގްރާފާއި އެކު ފޮތް ގަތް ބޭފުޅަކަށް ފައްޔާޒް ވާނެއެވެ.

ޕާޓީގެ ތެރޭގައި “ބްރޯ” ހެދިގެން ނޫޅުމަށް ފައްޔާޒަށް ގޮވާލިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މިފަދަ މަންޒަރުތައް ފެންނަ ފޮޓޯތައް މީޑިއާތަކުން ފެންނަން ފެށުމާއި އެކު އެންމެން ވެސް ބުނަން ފެށީ ރައީސް ނަޝީދާއި ފައްޔާޒާއި ދެމެދު އޮތް މައްސަލައެއް ނަމަ ހައްލުވެފައިވާ ކަމަށެވެ.

މިއީ އެއްގޮތަކަށް ވެސް ދެ ބޭފުޅުން ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ވަރުގެ މައްސަލައެއް ނޫންކަން އެންމެ ބޮޑަށް އެނގިގެން ދަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ލީކުވީ ސްކްރީން ޝޮޓުތަކުންނެވެ. ެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޒް ވެސް އެމްޑީޕީގެ ތެރޭގައި “ބްރޯ” ވާން ނޫޅުމަށް ގޮވާލާފައެވެ. ރައީސް ނަޝީދު ވެސް ފައްޔާޒަށް ގޮވާލެއްވީ ނިޒާމުގެ ތެރޭގައި އުޅުއްވުމަށެވެ.

“ފައްޔާ ވެސް މި ޕާޓީ ތެރޭ ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުގެ ތެރޭގައި އުޅުއްވާ. މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒް ފޯރުވައި ކޮންޓްރެކްޓްދީ ހުރިހައި ތަނަކަށް އަތްލާ ތަން. އެހެނެއް މިކަމެއް ނުވާނެ…. ފައްޔާ ޕީޕީއެމް ނިޔާއަށް ލައްވާ ގުޅުއްވައިގެން ތިކަމެއް ނުވާނެ.. ފައްޔާއަށް އިނގޭނެ ގަތް ގަނޑު. ދެން ޖެހެންޏާ ޖެހެންވީ..” ރައީސް ނަޝީދު

ރައީސް ނަޝީދުގެ ވާހަކަތަކަށް ފައްޔާޒް ރައްދު ވެސް ދިނެއެވެ. އޭގެ ފަހުން ރައީސް ނަޝީދު ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ މަޅީގައި ޕާޓީއެއް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކަށަވަރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކުޑަކުއްޖެއް ނޫން ކަމަށާއި، ވަކި ޕަވާ ބޭސްތަކާއި ނެޓްވޯކުތައް (ފެކްޝަންތައް) ނެހެދޭނެ ކަމަށެވެ. އަދި އެމްޑީޕީ ކައިރިއެއް ނުކުރެވޭނެ ކަމަށާއި، ފައްޔާޒްއަށް އިތުބާރު ނެތްކަމަށް 30 މެމްބަރުން ބުނުމުން ދެން ދިމާކުރަންވީ އެ މެމްބަރުންނަކާއި ނޫން ކަމަށެވެ.

“ރޮޒޭ މެން މަޅީގައި މި ޕާޓީގެ އެއްވެސް މެމްބަރެއް ނުޖެހޭނެ… ވަރަށް ކަށަވަރު… އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވާ ބޭސް އާއި ނެޓްވޯކެއް ނެހެދޭނެ. އެމްޑީޕީއެއް ކައިރިއެއް ނުކުރެވޭނެ. ފައްޔާގެ އިތުރުބާރު ނެތްކަމަށް 30 އެމްޕީއިން ބުނީމަ ދެން ދިމާ ކުރާންވީ އެމްޕީސްއަކާއި ނޫން.. އަޅުގަނޑު ވެސް ދެން މި ނިކުތީ” ރައީސް ނަޝީދު

ޗެޓު ލޮގުތަކުގެ ތެރޭގައި ރޮޒެއިނާގެ ވާހަކަ އައުމަކުން ހައިރާނެއް ނުވެއެވެ. ސަބަބަކީ އެމްޑީޕީގެ ތެރޭގައި އޮންނަ ކޯޅުމެއްގެ ތެރެއިން އަބަދުވެސް އެކަމަކާއި ދެކޮޅު މީހަކަށް ހުންނާނީ ރޮޒެއިނާއަށް ވީތީއެވެ. އަދި ރޮޒެއިނާ އަކީ ފާޅުގައި އޭނާގެ ހިޔާލެއް ސޯޝަލް މީޑީއާއަށް ގެނެސް ދޭ ފާރާތެއް ވެސް މެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ދައްކަވާ ވާހަކަތަކަށް ވެސް ރައީސް ނަޝީދު ރައްދު ދެއްވާއިރު، އެންމެ ފަހުން ބޭއްވި ޖަލްސާގައި އެކަމާއި ނުރުހުންފާޅުކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަޑުގަދަ ކުރެއްވިއެވެ. އަދި ބޭނުންހާ ގޮތަކަށް މަޖިލީސް ނުހިންގޭނެކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ނުސީދާ ފާޑުކިޔުންތައް އަމާޒުކުރުން ވަނީ އާއްމުވެފައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެއް މެމްބަރަކު ފާޅު ކުރާ ހިޔާލަކަށް އަނެއް މެމްބަރު ދެ ބަސްވެ އެޔަށް ރައްދު ދިނުމާއި އަދި އެހެން މެމްބަރުން ވެސް މެމްބަރުންގެ މެދުގައި ބަދަލުކުރާ ބަސްތަކަށް، ރައްދު ދިނުން ހިމެނެއެވެ.

ފަހަކަށް އައިސް ރޮޒެއިނާ ވަނީ ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށް ބުނެ ޓްވީޓުތަކެއްކޮށްފައެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ ތެރޭގައި އުފެދިގެން އަންނަ ބައެއް މައްސަލަތަކުގައި، ރޮޒެއިނާ އެކަމަށް ފާޑުކިޔާފައިވެއެވެ. އަދި ފާޅުގައި ރައީސް ނަޝީދަށް ވެސް ރޮޒެއިނާ ފާޑުކިޔުންތައް އަމާޒު ކުރެއެވެ.

އިކޮނޮމިކް މިނިސްޓްރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށުމާއި އެކު އެމްޑީޕީގެ މެމްބަރުން ފައްޔާޒްއަށް އިތުބާރު އޮތްކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް ރޮޒެއިނާ ވަނީ ގިނަ ޓްވީޓުތަކެއްކޮށް، ގައުމެއްގެ ވެރިކަން ދެ މީހަކަށް ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

އެގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެރިކަން ހަވާލުކޮށް، ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދީފައިވަނީ ސަރުކާރަށް ޖެއްސުން ކުރުމަށް ނޫން ކަމަށް ވެސް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން، މިއީ ޑިއާރުޕީ ފެކްޝަނެއްގެ މައްސަލަތަކެއްކަމަށް ބުނެ ރޮޒެއިނާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެހެން ނަމަވެސް އެއަށް ރައްދު ދީ ރޮޒެއިނާ ވިދާޅުވެފައިވަނީ ފާއިތުވީ 07 އަހަރުގެ ތެރޭގައި ވެސް މަސައްކަތް ކުރީ އެމްޑީޕީ ކުރިއެރުވުމަށް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށެވެ.

މިހުރިހާ ކަމެއްގެ ތެރެއިން ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މީޑިއާތަކަށް ފެންމަތިވީ ސިޓީއެއްގެ ވާހަކައެކެވެ. ފައްޔާޒް އަމިއްލަފުޅަށް ދުރަށް ޖެހިވަޑައިގަތުމަށް ރައީސް ނަޝީދު އެންގެވިއެވެ. އެހެން ނަމަވެސް ފައްޔާޒް ވެސް ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. މަގާމުމް އިސްތިއުފާ ދޭން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެކަން އަންގަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މަގާމުން ދުރުވާން އެދި ރައީސް ނަޝީދު ފޮނުވި ސިޓީގައި އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ ފައްޔާޒްގެ ސަބަބުން އެމްޑީޕީއަށް ގެއްލުންތަކެއް ވުމެވެ.

“ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެއް. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަން…. މި ޕާޓީގެ ސާފު އެއް ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަމެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ވެސް މި ޕާޓީ އަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހައަކީ ކޮރަޕްޝަންގެ ވާހަކަ” ރައީސް ނަޝީދު

މި މައްސަލާގައި “ސަންގު”އާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް އޭނާގެ ފަރާތުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި ވާނީ ފައިދާ ކަމަށެވެ. އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުރިއަށްދާނީ ރައީސް އަންގަވާ ގޮތެއްގެ މަތީން ކަމަށާއި އެގޮތުން ރައީސް އަންގަވައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނޯންނާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން ނަޝީދު ކުރައްވާ ތުހުމަތުތައް ބެލުން ރަނގަޅު ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

ނަޝީދު ފޮނުއްވި ސިޓީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ ސިޓީގައި މިނިސްޓަރު ފައްޔާޒަށް އެއްވެސް އެއްޗެއް ދަންނަވަން ޕާޓީގެ ރައީސް ނަޝީދު އަންގަވާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ އެސިޓީގައި އޮތް އެއްޗެއް އެމްޑީޕީގެ އާއްމު މެމްބަރުންނަށް އަންގައިދޭން ކަމަށާއި އެމްޑީޕީގެ ގުނަންތައް މެދުވެރިކޮށް އެމަސައްކަތް ކުރައްވާނެ ކަމަށް ހަސަން ލަ ތީފް ވިދާޅުވިއެވެ.

ގޯހެއް ނަހައްދަވާ ކަމަށް ފައްޔާޒް ވިދާޅުވުމާއި އެކު، އެމްޑީޕީގެ މެމްބަރުން ވެސް ތާއީދު އޮތުމުން ފައްޔާޒާއި ރައީސް ނަޝީދާއި މެދު އޮތީ އާދައިގެ މައްސަލައެއް ނޫންކަން ސާފެވެ. ފައްޔާޒްގެ މައްސަލަ ގައުމީ މަޖިލީހުގެ ތެރެއިން ދާނީ ކޮން ގޮތަކުން ތޯ ސުވާލި އުފެދެއެވެ. ބޮޑު ގަދަ ހިފުމެއްގެ ތެރެއިން ކުރި ހޯއްދަވާނެ ބޭފުޅެއް ހަގީގަތުގައި ވެސް އަންދާޒާ ކުރަން ދައްޗެވެ.

ރައީސް މުހައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

ފައްޔާޒާއި ރައީސް ނަޝީދާއި މައްސަލަ ޖެހުނު ދުވަސް ވަރަކީ ކަންދިމާ ކުރިގޮތުން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ގަދަ ވީ ދުވަސްވަރެއް ވެސް މެއެވެ. ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމާއި، އަދި 12 އަހަރުވެފައިވާ ދިވެހި ގާނޫނު އަސާސީ ތަންފީޒު ކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ވެސް ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

އިއްވާފައިވާ 13 އަހަރުގެ ހުކުމުގެ ސަބަބުން ރައީސް ނަޝީދަށް އޭރު ވެރިކަމަށް ކުރިމަތިލެވޭނެ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އޭރު އިންތިގާލީ ވެރިކަމެއް ގާއިމް ކުރުމަށް ވާހަކަ ދެކެވުނެވެ. މާނައަކީ ވަގުތީ ސަރުކާރެއް އެކުލަވާލާ، ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމެވެ.

ތިން އަހަރެއްހާ ދުވަހު އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައިގައި ވެސް ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ކުރާކަމެވެ. އައު ޤާނޫނު އަސާސީއަށް ފަހު ބޭއްވި 7 އިންތިހާބުގެ ނަތީޖާއިން ވެސް ދެއްކި ނަތީޖާއިން ރާއްޖެއަށް ރިޔާސީ ނިޒާމް ފުރިހަމަ ނޫން ކަމަށް އެ އިންތިޚާބުތަކުން ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމްގެ ތެރެއިން ކޯލިޝަން ހެދުމެއް ނެތި އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބުކުރެވިފައި ނެތުމާއި ތިން ބާރުއެކުވެ، މުޅި ދައުލަތުގެ ނިޒާމް ގަނޑުބަނޑުވެފައިވުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އާ ގާނޫނުއަސާސީ ހެދުމުގެ މަސައްކަތުގައި ވެރިކަމުގެ ނިޒާމްގެ ބާބު އެކުލަވާލުމުގެ ކުރިން ނިންމީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޭރުވެސް ނަޝީދާއި އެމްޑީޕީން ވަކާލާތު ކުރީ އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެރިކަން ކުރާ، ބަރުލަމާނީ ނިޒާމް ގެންނާށެވެ. ރާއްޖޭގެ ތަޖުރިބާ އަށް ބަލާއިރު މި އުޅެނީ ނިޒާމްގެ މައްސަލައެއް ނޫނެވެ. މި އުޅެނީ ވެރިކަން ކުރާ ބައެއްގެ އިޚުލާސްތެރިކަން ނެތުމާއި ގިނަ ދިވެހިންނަށް ގަބޫލުނުކުރެވޭ ގޮތަށް ވެރިކަން ކުރުމުގެ އާދައެކެވެ.

ރާއްޖެ އަށް ކުރިމަތިވެގެން މިއުޅެނީ ވެރިކަން ކުރާ ނިޒާމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ، ނިޒާމަށް ތަބާނުވުމެވެ. އަމިއްލަ އެދުން ބޭނުންވުމެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 59%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: