ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީގެ ފުރިހަމަ މަންފާ އަލުން ހޯދޭނީ ކޮވިޑުން މިންޖުވެގެން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން ހޯދޭނީ ކޮވިޑް-19ގެ ނުރައްކަލުން ވީއެންމެ އަވަހަކަށް މިންޖުވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ ޑިމޮކްރަސީ ދުވަސް މި ބައްދަލުކުރީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރި، ޤައުމުތަކުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް، މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް، އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ، ޤައުމުގެ މަޞްލަޙަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި އަދި ފަރުދީ ފެންވަރުގަޔާއި ޖަމާޢަތުގެ ފެންވަރުގައި، ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީ ޤާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ލިބިގެންވާކަން، ގަބޫލުކުރައްވާ ކަމަށާއި އެ ޙައްޤުތަކާއެކު، ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއްވެސް އެޅިގެންދާކަމީ ޙަޤީޤަތެެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ޑިމޮކްރަސީއަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމުގައި ބުނެވެނީ، މި ޙައްޤުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގެތިފައިވާ ސިލްސިލާގެ ބަދަހިކަމުން ކަމަށާއި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި ސިލްސިލާގެ ގުޅުމަށް ބުރޫއަރައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއްވަނީ މެދުވެރިވެފައެވެ. އެހެން ނަމަވެސް، މި ޙާލަތުގައިވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށެވެ. އޭގެ ތެރެއިންވެސް އެންމެ އިސް ޙައްޤު ކަމުގައިވާ، ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް އަޔަނުދިނުމަކީ، މި ޙާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ“ ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، އެންމެން ގަދައަޅައި މަސައްކަތް ކުރަންވީ، ކޮވިޑް-19ގެ ނުރައްކަލުން ވީއެންމެ އަވަހަކަށް މިންޖުވުމަށް ކަމަށާއި އެގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަކީ، މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަންތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނައުމަށްޓަކައިވެސް، ކޮވިޑް-19އާ ދެކޮޅަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: