ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ބައިތިއްބަން ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން ވަނީ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ޖުމްލަ ފަސް މަރުކަޒެއް ކަނޑައަޅާފަ އެވެ. އެ ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މަރުކަޒުތަކުގައި ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާ ކަމަށެވެ.
އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ހިދުމައް ފޯރުކޮށްދިނުމައް ޖެންޑާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

