ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ޙަވާލުކޮށްގެން ޖޭއެސްސީން ތިބޭ ތިބުމަކީ ބޮޑު އިހުމާލެއް: ހައިލަމް

ފުލުސް އޮފީހުން ނިކުމެވަޑައިގެން ހައިލަމް މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީއަކާ ޙަވާލުކޮށްގެން ޖޭއެސްސީން 9 މަސް ދުވަހު ތިބި ތިބުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިލާފްވުން ކަމަށާއި އެއީ ޖޭއެސްސީން ވެފައިވާ ބޮޑު އިހުމާލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓަށް އިސް ފަނދިޔާރަކު އައްޔަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައި ވާތީ ޖޭއެސްސީއަށް ފާޑުވިދާޅުވެ ހައިލަމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުން އޭނާ ވަކިކުރަން 1 ޑިސެންބަރު 2019 ވަނަ ދުވަހު ޖޭއެސްސީން ނިންމެވިފަހުން މިއަދާ ހަމައަށް 9 މަސް ވެގެން ދިޔައިރު ޖޭއެސްސީން ކްރިމިނަލް ކޯޓަށް އިސް ޤާޟީއެއް ޢައްޔަންކުރެވޭވަރެއް ނުވި ކަމަށެވެ.

ހައިލަމް ވިދާޅުވީ  އިސް ޤާޟީކަމަކީ ހަމައެކަނި މަސްއޫލިއްޔަތެއް ނޫން ކަމަށާއި އިސް ޤާޟީގެ މަޤާމަކީ ކޯޓުގެ އެހެން ޤާޟީންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި މުސާރައިގެ ގޮތުން ބެލިކަމުގައިވިޔަސް ތަފާތު ވަޒީފާއެއް ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި  ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ޙަވާލުކޮށްގެން ޖޭއެސްސީން 9 މަސް ދުވަހު ތިބި ތިބުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ވ)އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ ކޮމިޝަނާ މަތިކުރުވާފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ވެފައިވާ އިހުމާލެކެވެ.

އެގޮތުން  ޖޭއެސްސީން މިފަދަ އިހުމާލެއްވިކަން ޕްރޮސިކިއުޓަރ ޖެނެރަލަށް އެނގިވަޑައިގެންފިނަމަ ކޮމިޝަންގެ މެންބަރުންގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ހިންގަން ކޮމިޝަންގެ މެންބަރުން ޤަޞްދުގައި ހުރަސްއެޅުއްވީކަމަށް ބައްލަވައި، (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 533 ވަނަ މާއްދާގެ ދަށުން ކޮމިޝަންގެ ހުރިހާ މެންބަރުންގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢްވާ ކުރައްވަފާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް އިތުރަށް ވިދާޅުވީ މިނިވަން ފަނޑިޔާރުގެއަކާއި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނެއް ޤާއިމްކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި އިޖުތިމާޢީ ޢަދާލަތުފަދަ ޟަރޫރީ ކަންކަން ކަށަވަރު ކުރެވޭނޭކަން އެޖެންޑާ19 ގައި ހިމެނިފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ވަމުން ނުދާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުންތަކުން އެއްކަމެއް ސާފުވެގެން ހިނގައްޖެ ކަމަށާއި އެއީ ކޯޓުތަކުގެ ހިންގުން ވަގުތީގޮތުން ޙަވާލުކުރުން އެޖެންޑާ 19 ހެން ފިސާރި ތަފާތު ކަމަށް ހައިލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: