ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭބާ؟

ޖޭއެސްސީގެ ބައެއް މެމްބަރުން، ކޮމިޝަންގެ ރައީސް ހިސާން އާއި، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭއިންސާފަށް، އިންސާފު ހޯދަން ކުރާ މަސައްކަތަކީ ދިގު ދަތުރަކަށްވާއިރު އެކަމުގެ މަގު ކޮށައިދޭ ތަނަކީ ކޯޓުތަކެވެ. އެއީ ތިމާގެ އަމިއްލަ މުދަލާއި ގުޅުން ހުރި އާދައިގެ ކުދި މައްސަލަތަކުން ފެށިގެން ގޮސް ޖިނާއީ މައްސަލަތަކުގައި ކަން ކުރަން އޮތް އުސޫލެވެ. އާއިލާއެއްގެ ތެރޭގައި ވާރުތަ މުދަލާއި މެދު ދެބަސްވުމުން، ކޯޓު މެދުވެރިކޮށް ހައްލު ހޯދުމާއި ތިމާއަށް ލިބޭ އަނިޔާއެއްގެ އަޑުއިއްވުމަށް ވެސް ގޮސް ޓަކިޖަހަން ޖެހިފައި ވަނީ ފަނޑިޔާރުގޭގަ އެވެ.

ފަނޑިޔާރުން ގޯހެއް ހަދައިފި ނަމަ އެކަމެއް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ބަޔަކު ތިބުމުގެ މުހިންމުކަމަކީ ވެސް އެއީ އެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑެއް ކަނޑައެޅުމަށް ފަހު އެއާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅުތައް އަޅައި މައްސަލަ ބެލުން އޮތީ އެ ކޮމިޝަނުގެ ޒިންމާއެއްގެ ގޮތުގަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނެއް އޮތުމުގެ އެންމެ މުހިންމު އަސާސްގައި ނުހިފި، ދިހަ އަހަރެއް ހާ ދުވަސް ވެގެން ގޮސްފި އެވެ. ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތައް ފުނިޖެހެމުން ދިޔައިރު ވެސް އެއަށް ވާނުވާއެއްގެ ތެރޭގައި ތިބެން ޖެހުނެވެ.

އެއަށް ފަހު އެމްޑީޕީން ވެރިކަމަށް އައުމުގެ ގޮތުން 2018 ގެ ރިޔާސީ އިންތިހާބަށް އެކުލަވާލި އެޖެންޑާ-19 ގައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމެނި އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާއި މެދު ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ފެށި އެ މަސައްކަތް މިދިޔަ ފަސް އަހަރުގެ ތެރޭގައި ދިޔައީ ކިހާ ހިސާބަކަށް ތޯ ސުވާލު އުފެދެ އެވެ.

ފަނޑިޔާރުންނާއި ގުޅޭ މައްސަލަތައް ފުލުފުލުގައި ތަހުގީގުކޮށް، ފިޔަވަޅު އަޅަމުން ދިޔައިރު މިހާރު މިއޮތް ކޮމިޝަން ވެގެން ދިޔައީ އުއްތަމަ ފަނޑިޔާރަކު ވަކިކުރަން ފޮނުވި ކޮމިޝަނަށެވެ. އެ މައްސަލައިގައި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ އަހުމަދު ނެރުއްވާފައިވާ ބަޔާންތަކުގައި ވިދާޅުވެފައި ވަނީ ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި 15 ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި ޖޭއެސްސީގެ ދުސްތޫރީ މެންޑޭޓުގެ ދަށުން އެ ކޮމިޝަންއަށް ބެލުމުގެ ބާރު ލިބިގެންވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އަދި އެއިން ކޮންމެ ކަމަކީވެސް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ގަޟާއީ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ޖޭއެސްސީގެ ނިމިދިޔަ އެކި މައްސަލަތަކަކީ، މީޑިއާތަކުގެ ސުރުހީތަކުން އޭރު އެންމެ ބޮޑަށް ޖާގަ ވެސް ހޯދަމުން ދިޔަ މައްސަލަތަކެވެ. ކޮމިޝަނުގެ ބައެއް ތަހުގީގުތައް ވެގެން ދިޔައީ ޝަރީއަތަކަށެވެ. އެގޮތުން ބަލާއިރު ޓޫރިޒަމް މިނިސްޓަރުކަމުގައި އަލީ ވަހީދު ހުންނަވަނިކޮށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދެއްވީ ކުރީގެ ފަނޑިޔާރު ހަސަން ސައީދެވެ. ހަސަން ސައީދުގެ މައްސަލަ ހުޅުވާލެވިފައިވާ ބޮޑު އަޑުއެހުމެއްގެ ގޮތުގައި ކުރިޔަށް ގެންދިޔައީ، މީޑިއާތަކާއި އާންމުންގެ ހާޒިރުގައި ޓީވީ ސްޓޭޝަންތަކުން ލައިވްކޮށްގެންނެވެ. ބާރު ސްޕީޑުގައި ފަނޑިޔާރުން ވަކިކުރި ނަމަވެސް ހަސަން ސައީދަށް ދިނީ ޕްރޮމޯޝަނެއްކަަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަންތަކެއް އެ މައްސަލައިގެ ތެރޭގައި ހިނގައިދިޔަ އެވެ.

މަގާމުން އެކި ގާޒީންނާއި، ފަނޑިޔާރުން ބާރު ސްޕީޑެއްގައި ވަކި ކުރަމުން ގޮސް ހަސަން ސައީދާއި ހަމައިން ޖޭއެސްސީން ބޮޑު ތަހުގީގަށް ދިނީ ފިނި ޕްރޮމޯޝަނެކެވެ. ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވަމުން، ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތު ހަސަން ސައީދަށް ކުރެވުނެވެ. މީޑިއާތަކާއި، އާއްމުންނަށް ހުޅުވާލައިގެން މިދެންނެވި ”ތަހުގީގު“ ކުރިޔަށް ގެންދިއުމަށް ފަހު ކޮމިޝަނުން ނިންމީ ހަސަން ސައީދު ފަނޑިޔާރުކަމުން ވަކި ކުރާށެވެ. އެކަމަކު އޭނާ ބަދަލު ކުރީ ފަހުން ކްރިމިނަލް ކޯޓަށެވެ. މަސްއޫލިއްޔަތުތަކަށް ބަލާއިރު، އެއީ ޕްރޮމޯޝަނެއްގެ ގޮތުގައި ގިނަ މީޑިއާތަކުން އެކަން އޭރު ރިޕޯޓު ކުރި އެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ގިނަ ނުފޫޒުތަކެއް އަބަދުވެސް ފޯރުވައެވެ. މިނިވަންކަމުގެ ވާހަކައަކީ ހަމައެކަނި ދައްކާލާ ވާހަކައެއްހެން ހީވެ އެވެ.

ޖޭއެސްސީ މިހާރުވެފައި ވަނީ، އެކުލަވާލަން ވީ ގޮތާއި މެދު ވެސް ސުވާލު އުފެދޭ ކޮމިޝަނަކަށެވެ. އެއްގޮތުން ނުފޫޒު ނެތިއްޔާ، އަނެއް ދެ ގޮތުން ނުފޫޒު ވަންނާނެ އެވެ. ކޮމިޝަނަށް ދާން ތިބީ، ވެސް ސިޔާސީ ކޮންމެވެސް ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: