ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތަކަށް ހިތްވަރުދޭއިރު ވިސްނާލުން ރަނގަޅު ނުކުތާއެއް!

ހަތެއް ފެބްރުއަރީ ދެހާސް ބާރައިގައި ރާއްޖޭގައި ހިންގި ބަޣާވާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޣާވާތަކުން ވެރިކަން ވައްޓާލުމަށްފަހު އަސްކަރީ ވެރިކަން މިދުނިޔޭގެ އެކިކަންކޮޅުތަކުން ފެނިފައިވަނީކީ، މަދެއްކޮށެއްނޫނެވެ. އާންމުގޮތެއްގައި ފެނިގެންދަނީ ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައެވެ. ކުރިއަރަމުން ތަހުޒީބު ވަމުން އަންނަ، ޑިމޮކްރަސީގެ ޅަފަތުގެ ގައުމުތަކުންނެވެ. ނަމަވެސް ޒަމާންތަކަކަށް ދިގު ދެމުމުން މިފަދަ ޙާލަތަކުން ލިބޭ ތަޖްރިބާ  ވަރަށް ވެސް ހިއްޗެވެ. އަދި ފެންނަނީ ވަރަށް ނާ އުންމީދީ ދުވަސްތަކެކެވެ.

ބައެއްފަހަރު އަސްކަރީ ވެރިކަމަކަށްދަނީ، ރައްޔިތުނަށްލިބޭ ފައިދާއެއް ނެތުމުން ޤައުމުގެ އިސްތިޣްލާލު އަދި ސިޔާދަތު، ރައްޔިތުން އަތުން ބީވެ އަދި ގެއްލި ހިނގައިދާނެކަމުގެ ބިރު އަބަދުވެސް އޮތުމުންނެވެ.  އިސްތިޢުމާރީ ބާރުތަކުން ނުވަތަ ބޭރުގެ ނުފޫޒުތަކަކުން ސަލާމަތްތެރިކަން ހޯދުމަށެވެ. ނަމަވެސް އަމިއްލަ އެދުން އިސްކޮށް ހިންގާ މިފަދަ ޙަރަކާތްތައް މަދެއްނޫނެވެ. އަދި މިފަދަ ބަދަލަކުން ވަގުތީ ފައިދާތަކެއް ރައްޔިތުންގެ މަދުބަޔަކަށް އެވަގުތު ފެނުނަސް ވަގުތު ފާއިތުވާ ވަރަކަށް ފެންނަނީ އެންމެހާ ނުރައްކަލާ ކުރިމަތިލާން އެރައްޔިތުންނަށް ޖެހޭތަނެވެ.

ރާއްޖޭގައި 07 ފެބްރުއަރީ 2012 ގައި، ހިނގާ ދިޔައީ މިފަދަ ކަމެކެވެ. އެކަމުގެ ހެކިތައް އެކިގޮތްގޮތަށް މިއަދު މިއަންނަނީ ފެންނަމުންނެވެ. ޤައުމުގެ ފައިސާއާއި މުދަލަށް ދަހިވެތިވާބަޔަކު، ރައްޔިތުންގެ މެދުގައި އެވަގުތުތިބި ސަރުކާރަށް ވަފާތެރިންގެ އިޚްލާޞްތެރިކަން ނަގާލުމަށްފަހު، ވަގުތީ އަދި ދުނިޔެވީ ދަހިވެތިކަމުގައި އަމިއްލަ  ޤައުމުގެ ބާރުތައް އަތަށް ނެގުމަށްފަހު، އެބައި މީހުންގެ ފައިދާއަށް އެއްވެސް ހުރަހެއް ނޭޅޭނޭހެން ޤައުމުގެ އެންމެހާ ކަންކަން މިޞްރާބު ކުރުވަން ފަށައެވެ. މިފަދަ ވަގުތުތަކުގައި އަސްކަރިއްޔާތަކުން ވެރިކަމުގެ ކޮންޓްރޯލް ނަގައެވެ. އަދި ހަމަޔަކަށް އަޅުވާލަދީ ރައްޔިތުންނަށް އެމީހުންގެ އަތުން ބީވެދާ ވެރިކަން ހޯދައިދެއެވެ.

އަސްކަރިއްޔާ ވެރިކަމުގެ ބާރުގެ ދަށުގައި އޮންނައިރު އެ އަސްކަރިއްޔާގެ އިސް އޮފިސަރުން ބާރުވެރިކުރުވައި، ޤައުމުގެ ސިޔާސީ މަޤާމުތައް ފުރަން ފަށަނީ އެ އަސްކަރިއްޔާގެ ޖެނެރަލް އޮފިސަރުންނެވެ. ނަމަވެސް ހިތާމަޔަކީ އިސާހިތަކު އަސްކަރިއްޔާއެއް އޮތުމުގެ ބޭނުން ހަދާންނެތި މިޞްރާބު ބަދަލުވާން ފަށައެވެ. އަދި އެމީހުންގެ އަޞްލު މަސްޢޫލިއްޔަތާއި ވާޖިބު އާއި ދުރަށް ފިރުކޭތަން ފެނެއެވެ. އަދި މާލަސްތަކެއްނުވެ އެބައިމީހުންގެ އަޞްލު މަސައްކަތް ހަނދާން ނެތިގެން ދެއެވެ. މިކަމުން ޤައުމަށް ލިބިދާނެ ގެއްލުންތައް އެއްކިބާކޮށް ކުރިޔަށްދާތަން ފެނެއެވެ.

މިއަދުގެ ޙާލަތުގައި އަޅުގަނޑުމެންތެރޭން މަދުންނަށްވުރެން ގިނައިން އިވެނީ އަސްކަރިއްޔާ ވެރިކަމަކަށް ގޮވާތަނެވެ. މިއީ މިފަދަ ކަމަކުން ނިކުންނާނެ ނަތީޖާއަކާއި ދޭތެރޭ ނުވިސްނާ ގޮވާގޮމުކެވެ. ކަނޑުވެގެން ދާވަގުތުތަކުގައި ހިފާނެއެއްޗަކަށް އެދޭ ފަދައިންނެވެ. މިފަދަ ޙާލަތްތަކުގައި ވަގުތީ ބޭނުމަކަށް މިފަދަ މުވައްސަސާއެއްގެ އަޞްލު މިޞްރާބު ބަދަލުކުރުމަށް ގޮވާއަޑު އިވެމުންދާތަން އާދެއެވެ. އަސްކަރީ ވެރިކަމަކުން ނިކުމެދާނެ ނުބަޔަކަށް ބަލާނުލައެވެ. އަދި ޤައުމު ކޮންމެ ކަހަލަ ނުރައްކަލަކުން ސަލާމަތްކުރުމުގައި ދެމިތިބުމަށް ގޮވާއަޑު ފަނޑުވާން ފަށައެވެ.

ކޮންމެއަކަސް އަސްކަރީ ވެރިކަމެއްގެ ދެކޮޅު ބަލާލުމަކީ ނެތް ކަމެއް ނޫނެވެ. ކޮންމެ ކަމެއްގެ ފައިދާ އާއި ގެއްލުން ހުންނަހެން މިކަމުގައިވެސް ލިބޭ ފައިދާއާއި ގެއްލުމާއި މެދު ބަލާލުމަކީ ނެތްކަމެއް ނޫނެވެ. މި ގޮތުން ފުރަތަމައަށް ފައިދާ އާއި މެދު ބަލާލަމާހެއްޔެވެ. ކޮންމެ ކަމެއްގެވެސް ފައިދާ އާއި ގެއްލުން ހުންނަހެން އަސްކަރީ ވެރިކަމެއް ގެ ފުރަތަމަ ފައިދާއަކީ ކަންކަން ނިންމުމުގައި އަވަސް ކަމެވެ. ވަރަށް އަވަހަށް ކުރަންވީކަމެއް ނުވަތަ ހަދަންވީގޮތް ނިންމާލައެވެ. އަސްކަރިއްޔާ ބިނާވިފައި ވަނީ އަވަސްކޮށް ޙަރަކާތާއި ގޮތް ނިންމާފައި އަވަހަށް ރައްކާތްތެރިކަން ހޯދަދޭ ބަޔަކަށް ވީހިނދު މިފަދަ ކަންކަން އަވަހަށް ގޮތް ނިންމުމަކީ، އެބައިމީހުންނަށް ވަރަށް ފަސޭހަކަމެކެވެ. އެކަމަކު މިފަދަ ލައިނުގަނެ ނިންމާ ނިންމުންތައް އަވަސް ވެގެންދިޔައަސް އެ ނިންމުމަކީ، ކުރިމަގަށް އެހާފައިދާހުރި ނިންމުމަކަށް ނުވުމަކީ، ދުރުކަމެއް ނޫނެވެ.

އަސްކަރީ ވެރިކަމެއް ފެށުމާއިއެކު، އެ ޤައުމަކުން ކުށް މަދުވެގެން ދާނެއެވެ. ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓިގެންދާތަން ފެނެއެވެ. ކޮންމެއަކަސް ބިރުވެރިކަމުގެ މާޙައުލެއް އުފެދި ކަންކަން ނުބައިކޮށް ހިންގުމުގައި އުޅޭފަރާތްތަކަށް ފަސްޖެހުމެއް އާދެއެވެ. ވުމާއިއެކު، ރައްކާތެރި ކަމުގެ މާޙައުލެއް އާންމުކޮށް އޮންނާތީ އެއީ މިފަދަ ދަނޑިވަޅު ތަކުގައި ލިބޭ ފައިދާއަކަށް ގުނޭނޭ ކަމެކެވެ. ނަމަވަސް ހިތާމައަކީ، މިއަދު ރައްޔިތުންނަށް ދިމާވެގެން އުޅޭ މިއަދުގެ ޙާލަތުގައި އަދި މާޙައުލުގައި މިފަދަ ކަމެއްވެސް ފެންނަން ނެތުމެވެ. އަދި ކިއެއްތަ ކޮރަޕްޝަން އިހުނަށްވުރެން ބާރަށް ހިނގާކަން އެނގުމެވެ.

މަސްތުވާތަކެތީގެ ވާހަކަތަކަށް ހަގުނައޭ ކިޔާ ވަރަށް ބޮޑުވެފައި އިތުރުވުމެވެ. މާރާމާރީ އާއި ޖަރީމާ އިތުރުވެގެން ދިޔުމެވެ. ވަގުފައިސާގެ މުޢާމަލާތްތައް ގިނަވެފައިވާ ކަމެވެ. އަދި މަތީ މަގާމުތަކުގެ އިސް ވެރިން މީގެތެރައަށް ވަންވަނުން މިކަމުގެ ބޮޑުކަން އިތުރަށް ނުބައިވެ ނުބެލޭނެކަމަކަށް ސިއްކަޖަހާ އެއީ އާންމުކަމަކަށް އެކަމުގެ ފާރަވެރީން ހަދާތަން އައުމެވެ. އަދި އެފަދަ ފަރާތްތަކަށް ލުއިގޮތް ހޯދުމަށް ބޮޑުން މަސައްކަތް ކުރާތަން ފެނުމެވެ. މިފަދަ ވެރިކަމެއްގެ އަނެއްސިފައަކީ، އަވަސްކޮށް ކަންކަން ކޮށް ނިންމާލުމެވެ. ނަމަވެސް އެކުރަނީ އެންމެ ފައިދާހުރި ގޮތަކަށްތޯ ނުބެލި އެންމެ އަވަހަށް ކަންކޮށްފަ ދެއްކުމަށް އަވަސް ވާނެއެވެ. މިފަދަ އިން ކަންކޮށް ނިންމުމުން ކުރުމުއްދަތަކަށް އުއްމީދުތަކެއް މަދު ބަޔަކަށް ލިބުނަސް ދިގު މުއްދަތެއްގައި ވަގުތުފާއިތުވާ ވަރަކަށް ގިނަ ބަޔަކަށް ފެންނަމުން އަންނަނީ އެ ކުރިކަމެއްގެ ނާ އުންމީދުތަކެވެ. ގެނެސްދެނީ މާޔޫސް ކަމެވެ. އަދި ފެންނަމުންދަނީ ވެފައިވާ ޚިޔާނާތެވެ.

އަސްކަރިއްޔާގެ ވެރިކަމެއްގައި އެއްބައި ފަހަރު އިންސާނީ ޙައްޤުތައް ދަމަހައްޓާތަން ފެނިގެން ދެއެވެ. ވަރަށް ރަގަޅަށް ރައްޔިތުންގެ އެންމެހާ ކަންކަމުގައި ޚިދުމަތް ފޯރުކޮށް ދިނުމުގައި މަސައްކަތް ކުރާތަން ފެނިފައިވަނީކީ މަދެއްކޮށެއް ނޫނެވެ. ރައްޔިތުން ނެތިފައިވާ ހައްޤުތައް ހޯދާ ދިނުމުގައެވެ.އަދި އެކަންކަން ދަމަހައްޓާ ދިނުމުގައެވެ. ހީވާނީ އަލަތުކައިވެންޏެއްކޮށްގެން އުޅޭދުވަސްވަރެއް ހެނެވެ. ނަމަވެސް މިފަދަ ކަމެއްގެ އަނެއްކޮޅަށް ހިނގާއިރު މިފެންނަނީ ޖަރީމާ ހިންގުމުގައި ސަރުކާރެއްގެ އިސް ފަރާތްތައް ފޫގަޅާލާ ފޮރުވިގެން ތިބޭތަނެވެ. އަދި މައްސަލަތަކުގެ ތަޙްޤީގެއް ނުހިންގޭތާގައި ޝަރިއްޔަތެއްވެސް ނުހިންގޭތަނެވެ.

ނަމަވެސް ދުނިޔޭގެ ތަޖްރިބާއަށް ބަލާއިރު އަސްކަރީ ސަރުކާރުތަކުން ކުށްތަކަށް އަރާގަންނަނީކީ މަދެއްކޮށެއް ނޫނެވެ. އެފަދަ ޙާލަތްތަކުގައި އެއްވެސް ފަރާތަކުން އިދިކޮޅު ނުވުމާއިއެކު، ރައްޔިތުންގެ ތެރޭން އެ ފަދަ ކަމަކާއި އުޅޭމީހަކު ނުވަތަ ފާޑެއް ކިޔާލާ މީހަކަށް އޮތް ބިރުވެރިކަން ބޮޑެވެ. އެ ފަދަފަރާތްތައް ދުނިޔެއިން ގެއްލި ނިމިދިޔުމަކީ، ގާތްކަމަކަށް އޮންނަނީ ވެފައެވެ. ނުވަތަ ދިގު މުއްދަތަކަށް ތޭރިތަކުގެ ބިއްދޮށަށް ކޮންމެވެސް ކަމެއް ފައްތާލައިގެންވެސް ލާނެއެވެ. މިފަދައިންވެސް އެބައިމީހުންގެ ވެރިކަން ދެމެހެއްޓޭތޯ ބަލާނެއެވެ.

އަސްކަރީ ވެރިކަމެއްގައި ފައިދާވާ ވެރިކަން ނިސްބަތުން ވަރަށްވެސް މަދެވެ. ލީބިޔާއަށް އިރާގަށް ބަލާލާއިރު އެޤައުމުތަކުގައި އިސްތިޢުމާރީ ބާރުތަކާއި ދެކޮޅަށް ތެދުވެ ވެރިކަން ކުރަންފެށިއެވެ. ފުރަތަމަ އަހަރު ތަކުގައި ފެނިގެންދިޔައީ ވަރަށްވެސް މަތިވެރި އިންޤިލާބީ ތަރައްޤީއެވެ. ނަމަވެސް ފަހުކޮޅަށް ދިޔަވަރަކަށް ޤައުމު ފަނާވެގެން ދިޔަތަން ފެނުނެވެ. މިއަދު މި އެއިން ކޮންމެ ޤައުމެއް އެވަނީ މަރާމާތުކުރުމަށް ފަސޭހަނޫން ވަރަކަށް ފަނާވެ ގޮސްފައެވެ. ރާއްޖޭގެ މާޙައުލުވެސް އެ މިޞްރާބަށް ޖަހާފައިވާ ވާހަކަ ބުނުމުން އެއީ ކުށަކަށް ނުވާނެއެވެ.

އަސްކަރިއްޔާ ވެރިކަމަށް އަންނަނީ ޤާނޫނުތައް މުގުރާލާފައެވެ. އެއާއި ވިދިގެން ދުވަސްތަކަކަށް ދެމިއޮތުމަށްފަހު، އަނެއްކާވެސް ފެންނަނީ މިޙާލަތައް ފެތޭ ކޮންމެ ޤައުމެއް ފުނޑިގެންދާތަނެވެ. އިސްތިޢުމާރީ ބާރަކާ ދެކޮޅަށް ތެދުވުމަށްފަހު ޤައުމު 30 އަހަރަކަށް ދާއިރު އަނެއްކޮޅުން އަންނަނީ ޙަލާކުގެ ތެރެއަށް ވައްޓާލަމުންނެވެ. މިފަދަ ޙާލަތަކަށް ޤައުމު ވެއްޓޭއިރު އަސްކަރިއްޔާއެއްގެ ބޭނުން ނަހަމަގޮތުގައި ހިފާ އަދި އެބައިމީހުންވެސް ހަލާކުގެތެރެއަށް ފައްތާލާތަން ފެންނާނީ ކޮން އިރަކުންކަން ވެސް ނޭގެއެވެ.

އަސްކަރީ ވެރިކަމަކަށް ދާއިރު ވެރިކަމަށް އަންނަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ބަޣާވަތަކުންނެވެ. އެއަށްފަހު ޤާނޫނީ ވެރިކަމުގައި ދެމިތިބުމަށް ރައްޔިތުންގެ ބާރު ކެނޑިފައި އޮތްއޮތުން ދަމަހައްޓައެވެ. ބިރު ވެރިކަމެއްގެ ތެރޭގައި އެރައްޔިތުން އެތަކެއް ދުވަހު ދެމިތިބެންޖެހެއެވެ. މީގެ ވެރިކަމަކަށްފަހު ރައްޔިތުންގެ ވެރިކަމެއް އައުމަށްފަހުވެސް ގިނައިން ފެންނަނީ އަނެއްކާވެސް  އެގޮތް ކަމުނުގޮސްގެން ރައްޔިތުން އަތުން ވެރިކަން ބީވެ އަސްކަރިއްޔާ އަތްމައްޗަށް ދީލިގެން ދާތަނެވެ.

އަސްކަރިއްޔާގެ ވެރިކަމެއް އައުމަށްފަހު ސިޔާސީ ހަމަޖެހުމެއް ހޯދަދޭންކަމަށް ބުނެ އަޙުދުވާނެއެވެ. ވަކި ފަލްސަފާއަކަށް ހިނގައިދާނެ ކަމުގެ ބިރު އެމީހުން ކިބައިގައި އޮވެ ދައްކާނީ އާންމު ފަރުދުން ކަންކަން ކުރުމުގައި ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށެވެ. ޤައުމު އޮންނާނީ މާޝަލް ލޯ ނުވަތަ ސްޓޭޓް އޮފް އިމަރޖަންސީ ހިންގަން ތައްޔާރު ވެގެންނެވެ. ފުލު ފުލުގައިވިޔަސް މިފަދަ ޙާލަތްތަކަށް އިސްކަން ދޭނެއެވެ. އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުންނެވެ.

ޑިމޮކްރަސީއެއްގައި މިނިވަންކަމާއިއެކު އިޚްތިޔާރު ފަރިތަ ކޮށްލުމުގެ ބާރު ލިބުނަސް އަސްކަރިއްޔާއެއްގެ ބާރުގެ ދަށުގައި ތަފާތުވާނެއެވެ. މާބޮޑު އިޚްތިޔާރުތަކެއް ނޯންނާނެއެވެ. އަދި އެއްގޮތަކަށް ރައްޔިތުންނަށް ބާރު ނޯންނަ ހިސާބަށްވެސް ކަންތައްތައް ގޮސްފައި ތާރީޚްގައި އެބަހުއްޓެވެ. އަދި އެފަދަ ވަގުތު ތަކުގައި ރައްޔިތުން ބޮޑެތި ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައެވެ. އަދި އެހެންމެ އިލެކްޝަންއަކީ މުށްދަށު ލައިގެން ހިންގާ ކަމަކަށް ހަދާނެއެވެ. ހެދިފައިވާ ހަރުދަނާ ޤާނޫނު ތައް މުގުރާލާނެއެވެ.

މިފަދައިންވާ އަނެއްކަމެއްކަމަށް ފެންނަނީ  އިންސާނި ޙައްޤުތައް ބޮލާލާ ޖަހާތަނެވެ. މިފަދައިންވާ އަނެއްކަމެއްކަމަށް ފެންނަނީ  އިންސާނި ޙައްޤުތައް ބޮލާލާ ޖަހާތަނެވެ. އަސްކަރީ ވެރިކަމެއް އައުމާއިއެކު ދެންފެނިގެންދަނީ ޑިމޮކްރެސީ އާއި ދިމާ އިދިކޮޅަށް ކަންކަން ހިގަން ފަށާތަނެވެ. ޚިޔާލުފާލުކުރުމުގެ މިނިވަންކަމަށް އަރާގަނެ މިނޫނަސް ކަންކަން ނިންމުމުގައި އިންޞާފެއްނެތި ޙައްގުތަޢް ގެއްލުވާލާ ތަނެވެ. އެތަކެއް ރައްޔިތުންގެ މަސްގަނޑާ ފުރާނަޔާ ވަކިކޮށް ޒަޚަމްކޮށް އަނިޔާވެރިވުމާއި ބިރުދެއްކުމަށް އިސްކަންދޭތަނެވެ. މިކަންކަން ކުރުމުގައި ސިފައިންނާއި ފުލުހުން ބޭނުންކޮށް އަދި އެފުލުހުންގެ ތަޙްޤީގަށް ނުފޫޒުކުރުވާތަނެވެ.އެފުލުހުން ދެ އަނގައިން ވާހަކަ ދައްކަން މަޖްބޫރު ކުރުވައެވެ. އަދި މިވަރުން ނުވެގެން ޝަރިއްޔަތަށް އަތްބާނާލާ ހަދާކަށްފަސް ނުޖެހޭނެއެވެ.

ކޮންމެ މުވައްސަސާއެއްގެ  އެންމެ މުޙިންމު ރައުސުލްމާލުކަމުގައިވާ އިންސާނީ ވަޞީލަތްތައް އެއްކޮޅުން ތަރައްޤީކުރާއިރު، އަނެކޮޅުން އެކަން ޙަލާކު ވެގެންދާތަން ފެންނާނެއެވެ. އިސްޞާފުވެރި ކަމާއިއެކު ކަންކަން ނުދިއުމުގެ ސަބަބުން އެބައިމީހުންގެ މެދުގައި ބޮޑުންގެ މައްޗަށް ނަފްރަތު އިތުރުވާނެއެވެ. އަދި އެތަކެއް ބައެއްގެ ނަޒާހަތްތެރިކަން ގެއްލިގެންދާނެއެވެ. ޤައުމަށް ވުރެން އަމިއްލަ އެދުން ބޮޑު ކުރާތަން ފެނިގެންދާނެއެވެ.

މިފަދައިން ލިބޭ ގެއްލުންތަކުގެ ތެރޭގައި އެބައިމީހުންގެ ބޮޑުންގެތެރޭގައި ކޮރަޕްޝަން މަތިވާނެއެވެ. އަދި މިކަމުން މިފަދަ މުވައްސަސާ ސަލާމަތް ކުރަން އުދަގޫ ވާނެއެވެ. އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އަދި ޤައުމުގައި މިކަން އިންތިހާއަށް ފެތުރިގެން ދާނެއެވެ. ޔުގެންޑާ ފަދަ ގައުމުތަކުން އީޑީ އަމީން ފަދަ ބޭފުޅުންގެ ޢަމަލުތަކަށް ބަލާއިރު މި ފަދަ ކަންކަން ފެނިގެން ގޮސްފައި ވެއެވެ.

އަސްކަރީ ސަރުކާރުތައް އައުމަށްފަހު އިންފްލޭޝަން (ލާދަ) މައްޗަށް ދެއެވެ. އުފެއްދުންތެރިކަން  ދަށްވެގެންދެއެވެ. މި ތަޖްރިބާތައް ބްރެޒީލްގަ، ނައިޖީރިޔާގަ، ޕާކިސްތާނުގަވެސް ފެނިގެން ގޮސްފައި ވެއެވެ. މިފަދަ އަސްކަރީ ވެރިކަން ހިންގާފަވާ ޤައުމުތަކުގައި ވަރަށް އަވަހަށް މި ދެންނެވި ޙާލަތައް ވައްޓާލައެވެ. އިންފްލޭޝަން މައްޗަށްގޮސް އިޤްތިޞާދު ދަށްވުމުން އެކަމުން އަރާގަތުމަށް ދެން ޚިޔާރު ކުރަނީ ވަރަށް ޤާނޫނުން ބޭރު ގޮތްގޮތެވެ. ވަގުފައިސާ ފަދަ ވިޔާފާރިއާއި ކުށަށް އަރައިގަނެގެންވެސް ލާރިހޯދުމާއި މިންގަޑެއް ބަލާލުމެއްނެތި ޓެކްސް ނެގުމާއި އެކު ސަރުކާރު ޚިއްސާވާ ކުންފުނިތައް ދަރުވާލާތަނެވެ. މީގެން ޚާއްސަ ގޮތެއްގައި މަނީލޯންޑަރިންގެ އެކިކަހަލަ ކަންކަމުގައި ސިފައިންނާއި ފުލުހުންބާނުވާ މަޅީގަ ޖައްސާ ނެއެވެ.

މި ފަދަ ޙާލަތްތަކުގައި އިލެކްޝަން އާއި ދުރަށް ދާނެއެވެ. އިރު އިރުކޮޅުން ޔަޤީންކަން ދޭނެއެވެ.ރައްޔިތުން މިނިވަންކަމާއިއެކު އިންތިޚާބު  ބޭއްވުމަކީ ދުރުކަމެކެވެ. އަދި އިލެކްޝަނަށް އަތްބޭނުމަކީ އެ ފަދަ ފަރާތްތަކުގެ ވަރަށްވެސް ބޮޑު އާދައެކެވެ. އަދި މިކަން ކުރުމަށް ސިފައިން ނާއި ފުލުހުންގެ ބޭނުން ހިފާނެއެވެ.އަދި ބޭނުން ހިފުމަށްފަހު ފަހުން ގޮޅިއަކަށް ފައްތާލާނެއެވެ.

ބަޢާވާތަކަށްފަހު އެކިކަހަލަ ހެކި ނައްތާލުމަށް އަވަސްވުމުގެ ތެރޭގައި ގޮތްނޭގޭ މަރުތަކެއް ހިނގާނެއެވެ. އަދި އެކަމެއް ރަގަޅަކަށް ތަޙްޤީގް އެއް ނުކުރާނެއެވެ. ދިގު ދަންމާ ކޯޓް ތަކުގެތެރެއަށް ނުފޫޒުކުކޮށް އެކަމެއްގެ ތަޙްޤީގު ބޭނުންވާގޮތަށް އަނބުރާލުމަށް މަސައްކަތްތަކެއް ކުރާނެއެވެ. މިކަންކަން ހިނގަނީ އެބައިމީހުން ހިންގާ ފޮރުވާފައިހުރި ޖަރީމާތައް އިތުރަށް ފޮރުވުމަށް ޓަކައެވެ. މިބީދައިން ލިޔެކިޔުންތައް އޮޅުވާލުމާއި އެކު، ރިކޯރޑްސް ނައްތާލުމާއި، މިކަންކުރުމުގައި ސިފައިންނާއި ފުލުހުންގެ ތެރޭން ބަޔަކު ނަގައިގެންވެސް މިކަން ކުރާނެއެވެ.

މިފަދަ ވެރިކަމުގެ ތެރޭގައި ޤާނޫނުތައް ބަދަލު ކުރުން އަދި އަރައިގަތުން ވަރަށް އަވަސްވާނެއެވެ. އަދި މިގޮތުން ބަޣާވާތުން ދިފާޢުވާން އަސްކަރިއްޔާ ތެރެއަށްވެސް މިފަދަ ޤާނޫނުތައް ހެދޭތޯ މަސައްކަތް ކުރާނެއެވެ. އަދި ހިތްހަމަ ނުޖެހޭ އެންމެންނަށް އަދަބުދިނުމަށް ކޮންމެކަމެކާއި ގުޅިގެން އިސާހިތަކު ޤަވާއިދުތައްހަދާ ބަދަލުކުރާނެއެވެ. މީގެ އިތުރުން ތާރީޚް އޮޅުވާލާ ލިޔުންތައް ނެރޭނެއެވެ. އަދި ލިޔުންތައް ބަދަލުކޮށް އަޞްލު އޮޅުވާލުމަށް ހުރިހާ ގޮތަކަށްވެސް މަސައްކަތް ކުރާނެއެވެ. އޭގެ އަޞްލު ފެންނާނީ ވަގުތު ހިނގާ ދާވަރަކަށެވެ.

މިފަދަ ޙާލަތުގައި މޫނުމަތި ރީތިކުރުން އެއީ ވަރަށް ބޭނުންތެރިކަމެއްގެ ގޮތުގައި ކޮންމެފަދަ ޚަރަދެއްވެސްކޮށްގެން މިކަން ކުރެވޭތޯ ބަލާނެއެވެ. މި ޚަރަދުތައްކުރަނީ އަމިއްލަ ނުކުޅެދުންތެރިކަން ފޮރުވުމަށްކަން އަދި ހޭދަ މިކުރަނީ ރައްޔިތުންގެ ފައިސާކަން ކުޑަވެސް ބެލުމެއް ނެތިއެވެ. މިކަމަށް ދޮގުހަދަން ކުޅަދާނަ ބަޔަކު ތަންފީޒީ އިދާރާތަކުން ހޮވާނެއެވެ. އަދި އެމުވައްސަސާތަކުން ބޭރުގެފަރާތްތަކާއި ޖަވާބުދާރީ ވަމުން ގެންދާނެއެވެ.

އަސްކަރިއްޔާގެ ވެރިކަމަކަށް ބަދަލު ވުމުން އެންމެ އަޅައި ގަންނާނީ އެބައިމީހުންގެ ދައުރު އޮޅި ޤައުމު ހިންގުމަށް މަސްޣޫލުވުމުން ކުރިންދިޔަ ދިފާޢީ މިޞްރާބު ބަދަލުވެގެން ދާތަން ފެނުމެވެ. އަދި ވެރިކަން ހިންގުމުގެ އެންމެހާ ކަންކަމުގައި އާންމުންނަށް އަދި އެބައިމީހުންގެ ވާޖިބާއި،  ޒިންމާ އޮޅި ޤައުމުގެ ދިފާއަށް ދޭންވާ ސަމާލުކަން ކުޑަވެގެން ދާތަން ފެނިގެންދާނެއެވެ. ދުވަސް ގުނެމުންދާވަރަކަށް ރައްޔިތުންގެ އަތުން ބާރު ނިއުޅިގެންގޮސް އަދި ޤައުމު އަނދަވަޅަކަށް ނުވެއްޓި އޮތީ ކިތައް ޤައުމުތޯ ބަލާލުމަކީ ނެތްކަމެއް ނޫނެވެ.

ޤައުމުގެ ސިޔާދަތު ދެވަނަފަހަރަކަށް ނުވަތަ އެއަށްވުރެން ގިނަފަހަރަކަށް ގެއްލި އިސްތިޣްލާލް  ގެއްލިގެންދިޔުމަށް ފުރުޞަތު ބޮޑުވެގެން ދާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. ބޭރުގެ ނުފޫޒުތަކުން ވަނުމަށް ބާރަކަށް ވެއެވެ. ގައުމު އާޚިރުގައި ހަލާކުގެ ތެރެއަށް ގަންބާލައެވެ. މުވައްސަސާތައް އަދި އޭގެ އެންމެހާ ގުނަވަންތަކުގެ ބާރުކެނޑި އޭގެ ބޭނުންނުހިފޭތަނަށް އާދެއެވެ. ވެރިކަމުގެ ތެރޭން ޤައުމަށް ފައިދާވާ ނިންމުންތަކަށްވުރެން ބޮޑީ އަމިއްލަރައްކާތެރިކަން ހޯދުމަށް ނިންމާ ނިންމުންތަކަށް ވުމާއިއެކު، އެކަމުގެ އެންމެހާ ނުރައްކާތެރިކަންކަމުން ޤައުމުސަލާމަތް ކުރުމަށް ކުރަންޖެހޭ ޚަރަދުފަހަށް ބޮޑުވެގެން ދެއެވެ.

މިނޫނަސް އަސްކަރިއްޔާއިން ހިންގާ ދާޚިލީ ޙަރަކާތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެންވާ އިތުބާރު ގެއްލުމުގެ ސަބަބުން  އެމީހުންގެ ޙަރަކާތްތައް ހިނގުމަށް އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ނުރައްކާތެރި ޙާލަތްތަކުގައި މިކަން ބޮޑުވެގެން ދާނެއެވެ. އެއްދުވަހުން އަނެއްދުވަހު  ތަންފީޒީ އިދާރާތަކުގެ ނަންކިލަނބުވެ، ރައްޔިތުންގެ ހިތްތައް ތަޣައްޔަރުވެ، އެމީހުންގެ ފަރާތުން އެއިދާރާތަކަށް ލިބެންވާ ޤަދަރާއި އިޙްތިރާމް ދުވަހުން ދުވަހަށް ގެއްލިގެން ދާތަން ފެނިގެން ދެއެވެ.

މި ޒާތުގެ ވެރިކަން އައުމުން ބައިނަލް އަޤްވާމީގޮތުން މިފަދަ އިދާރާތަކަށްލިބޭ އެހީތައް ކުޑަވެގެން ދެއެވެ. އަދި އެޤައުމުތަކަށް ލިބޭ ފުރުޞަތު ކުޑަވެ އަދި އެޤައުމުގައި ތަމްޞީލް ކުރާއިރު އަންނަ ގޮންޖެހުތައް އިތުރު ވެގެން ދެއެވެ. ތިމާގެ އަމިއްލަ ޤައުމު ފަޚުރު ވެރިކަމާއި އެކު ކިޔާލަން ލިބޭ މިފުރުޞަތު ހަނިވެގެން ދެއެވެ. ބޭރުގެ ނުފޫޒު ގަދަވެ ކުރިމަތިލާންޖެހޭ ގޮންޖެހުތައް ކުޑައެއްނޫނެވެ.

ބަޣާވަތަކަށްފަހު އަސްކަރިއްޔާއަކަށް ލިބޭ ފައިދާއަކަށްވުރެން ބޮޑީ ލިބޭ ގެއްލުމެވެ. ހުރިހާގޮތަކުންބަލާއިރު ވަގުތީފައިދާތަކެއް މަދުބަޔަކަށް ލިބުނަސް ދާއިމީ ބޮޑު ގެއްލުމަކަށް ގިނަބަޔަކަށް ވެގެން ދެއެވެ. ޤައުމު ޚަރާބުގެ ތެރެއަށް ވައްޓާލައެވެ. އަދި އޭގެ ސަބަބުން ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ހުރަހަކަށް ވެގެން ދެއެވެ. ދުނިޔޭގެ ތަޖްރިބާއަށް ބަލާއިރު މިއަށްވުރެން ބޮޑަށް ތަޖްރިބާ ކުރެވިފައިވީ މިފަދަ ކަމެއްވެސް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: