ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަޙްމަދު މުނައްވަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައި ނުވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް އޭސީސީ އިން ދޮގުކޮށްފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލަގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފާހަގަކޮށް ޕީޖީ އޮފީހުން އަންގާފައިވާ ކަމަށާއި މިމައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ޕީޖީ އޮފީހުން ފާހަގަކުރި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އޭސީސީން ކުރާނެކަމަށެވެ.
ޖިހާދާއި މުނައްވަރުގެ މައްޗަށް ދަޢުވާކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައެވެ. އަދި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރައްވާފައިވަކަމުގެ ތުހުމަތާއި ދައުލަތުގެ މުވައްޒަފެއްގެގޮތުގައި ހުރެ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި އެނގި ހުރެ، ގާނޫނުގައި ހުއްދަ ކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާވެސް ހިމެނެއެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާވެސް މިބޭފުޅުންގެ މައްޗަށް ކުރަން ފޮނުއްވާފައިވާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.
މި ދެ ބޭފުޅުންގެ މައްޗަށް ދަޢުވާ ކުރަން އޭސީސީން ނިންމީ ޓުއަރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކެއްގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއްގައެވެ.
އަދި މިއީ މި އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް “ޕުޓް-އޮޕްޝަން ރައިޓް” ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަމަށްވެސް އެސީސީން ބުނެއެވެ.

