އިންޑިއާއާއި ރާއްޖޭގެ ގުޅުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ 21ވަނަ ގަރުނުގައި މީހުން ދައްކާޒާތުގެ ވާހަކަތަކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ޢަލީ ނިޒާރު ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުމަކީ އެތައް ސަތޭކަ އަހަރެއްވީ ބަދަހި ގުޅުމެއްކަމަށެވެ. އަދި އިންޑިއާއަކީ އަވައްޓެރި ބޮޑު ތަނަވަސް ގައުމެއް ކަމަށާއި، މިވީހާތަނަށް ދިވެހިން އެހީއަށް ނުވަތަ މަދަދަށް އެދުނު ކޮންމެ ވަގުތެއްގައި އެޙިތެރިކަން ފޯރުކޮށްދިން ގައުމަކީ އިންޑިއާ ކަމަށްވެސް ޢަލީ ނިޒާރު ފާހަގަކުރެއްވިއެވެ.
އިދިކޮޅުން ފަށައިގެން އުޅޭ ”އިންޑިއާ އައުޓް“ ކެމްޕެއިނަކީ ބަޔަކު ސިޔާސީ މަންފާއެއް ހޯދަން ކުރާ މަސައްކަތެއް ކަމަށާއި، އެގޮތަށް ސިޔާސީ މަންފާ ހާސިލުކުރުމަށް ފިތުނަ ފަސާދަ އުދެއްފުމަކީ ނުރައްކާތެރިކަމެއް ކަމަށްވެސް ޢަލީ ނިޒާރު ވިދާޅުވިއެވެ.
”ބަޔަކު ސިޔާސީ މަންފާ ހޯދަން އިންޑިއާއާއި ދިވެހިންގެ ޒަމާންވީ ގުޅުމަށް ބުރޫ އަރާޒާތަށް މި ފަތުރާ ފިތުނައަކީ، ވަރަށް ނުރައްކާތެރިކަމެއް. އޭގެއިން މަންފާއެއް ނުވާނެ ނާތަހުޒީބީ ޢަމަލެއް. މި ޒަމާނާއި ނުގުޅޭ ބޯދާ ވާހަކަތަކެއް“ ޢަލީ ނިޒާރު
ނިޒާރު އިތުރަށް ވިދާޅުވީ، މިދައްކާ ވާހަކަ ތަކަކީ މި ޒަމާނާއި ނުގުޅޭ ބޯދާ ވާހަކަ ތަކެއްކަމަށާއި، އެއީ 21ވަނަ ގަރުނުގައި ދައްކާ ކަހަލަ ވާހަކަތަކެއް ނޫންކަމަށެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ޚާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ އެކަމާއި ދެކޮޅަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި ބައެއް އާންމު ރައްޔިތުން ދަނީ މީސް މީޑިއާގައި މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
އިންޑިއާއިން ވަނީ ދާދި ފަހުން ރާއްޖެއަށް އިންޓަރެސްޓް ކުޑަ ލޯނެއްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.

