ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތަކަށްފަހު އަސްކަރިއްޔާ އަކަށް ލިބޭނޭ ހިތިކަން

ޝެއާރކޮށްލާ ކަހަލަދޯ؟

ބަޣާވަތަކަށް ފަހު ޤައުމަށް ނުރަނގަޅު އަސަރުތަކެއް ކުރެއެވެ. އަދި މިކަން ކުރުމަށް ޤާނޫނަށް ބަދަލު ގެނައުމަށް އަވަސްވެގަނެއެވެ. މިފަދަ ކަންކަން ނުވެގެންދާއިރު އެކަމުގެ ތެރެއަށް ތަންފީޒީ ބާރުތައް ވައްދުވައެވެ. އެމީހުންލައްވާ ގޯސްތައް ހެއްދުމަށް ބާރުއަޅުވެއެވެ. ވޯޓަށް އަތްބޭނުވުމާއި ހެކި ނައްތާލަން އަވަސް ވެގަނެއެވެ. މީހުންގެ ފުރާނައަށް ވެސް ބެލުމެއް ނެތިއެވެ. ދިވެހި ރާއްޖޭގައި ވެސް ފެންނަމުން މިއަންނަނީ މިފަދަ ހިތި އެތަކެއް ތަޖްރިބާތަކެއް އަދި ކުރަމުން އަންނަ މަންޒަރެވެ.

ބަޣާވާތަކަށްފަހު ޤެއުމުގެ އިޤްތިޞާދަށް އިންވެސްޓަރުންގެ އިތުބާރު އުފެއްދުމަށް ކުރާ މަސައްކަތް ކުޑަވެ އެބައިމީހުން އެނބުރިދާ ގޮތަށް ވެގެންދެއެވެ. އަދި ޤައުމުގެ އިޤްތިސާދު ކުރިއެރުމަށް ބޭނުންކުރާ ފައިސާގެ ކަޅުބާޒާރުގެ ފައިސާ އަށް ބަދަލުވެގެން ދެއެވެ. އިޤްތިޞާދުގެ ދަތިކަމުން ކުރިމަތިވާ ފައިސާގެ މައްސަލަ ޙައްލުކުރުމަށް ދިފާޢީ އަސްކަރިއްޔާގެ އެންމެހާ ކަންތައްތައް ތަރުތީބުން ފުލަށް ދާންފަށައެވެ. މިހެން މިކަން ދިޔުމުގެ ސަބަބުން އަސްކަރިއްޔާއަށް ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ނުލިބުމާއި އަދި ބަޖެޓްކޮށްގެން އުދަގުލުން ލިބޭ ފައިސާކޮޅު އެހެން ބޭނުންތަކަށް ނެގުމާއި މިފަދަ އެތަކެއް ކަންތައްތަކެއް ހިނގަން ފަށައެވެ. ސަރުކާރުން ލިބެންވާ ފައިސާ ހޯދުމަށް މަހުޖަނުންނަށް އަޅުދާސްވެ ތިބޭ އަސްކަރީންތަކެއް އުފެދިގެން ދެއެވެ.

އަސްކަރީންނަކީ އަބަދުވެސް ޤައުމަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި ޙަރަކާތްތެރިވެ އެ ރައްޔިތުންގެ ލޯބި ހޯދައިގެން ތިބޭ ބަޔަކަށް ވާއިރު ކުރިމަގުގައި ހިނގާ މިފަދަ ކަންކަމުގައި އެއްބާރުލުން ނުލިބުމުގެ ސަބަބުން ހިންގާ ޙަކަރަކާތްތަކުގައި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ. މިގޮތުން ބޮޑެތި ރޯގާ ފަދަ ނުރައްކާތެރި ކަންކަމުގައި އެކަން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ އަދި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެއް ދުވަހުން އަނެއް ދުވަހަށް ޤާނޫނު އަސާސީގެ ބާރު ކެނޑެމުންދެއެވެ. މިކަމުގެ ސަބަބުން ތަންފީޒީ ބާރުތައް އަދި މުވައްސަސާތަކުގެ މަޤްބޫލުކަން އަދި އަގު، ރައްޔިތުންގެ ކުރިމަތީގައި ގެއްލި ކަތިލެވިގެން ދެއެވެ. އަދި ވަޒީފާއަށް ލިބިފައިވާ ޤަދަރުކުޑަވެ އެއްދުވަހުން އަނެއްދުވަހަށް ވަޒީފާއަށް ފޫހިވާތަން ބައެއް ފަރާތަކަށް އާދެއެވެ. ކޯޓުތަކުގެ ބާރު ކެނޑި އަދި މުޅި ތަންފީޒީ ބާރުތަކުގެ ވެސް ބާރު ކެނޑި އާޚިރުގައި އެއްބަޔަކު އަނެއްބަޔަކާއި ޖެހި، ރައްޔިތުން އަތަށް މީގެ ކުރިން ލިބިފައިވާ އޮތް ވެރިކަން ބީވެ ޚުދުމުޚުތާރު ވެރިކަމަކަށް ފަހިކުރުވައެވެ.

އެންމެ ބޮޑު ގެއްލުމަކީ ޤައުމުދިފާޢު ކުރުމުގެ އަޞްލު ޒިންމާ ހަނދާން ނެތި، ވަކި ބަޔަކަށް ބައިއަތު ހިފައިގެން ސިޔާސީވެ ތިބެ، އެބައެއްގެ ނުފޫޒުގައި ޖެހި އެބައި މީހުންގެ ތެރޭގައި ޒަމާނުއްސުރެން ޤާއިމްވެފައިވާ އަޤީދާ ބަލިކަށިވެ އަސްކަރިއްޔާއެއްގެ އެކި ގުނަވަންތައް ފަނާވާން ފެށުމެވެ. އަދި އެބައިމީހުންގެ ގެތެރޭގައި އޮންނަންޖެހޭ އެއް ބައެއްވަންތަކަން ނެތިދިއުމެވެ. ސަފުތަކުގެ ބަދަހިކަން ގެއްލުމެވެ. މިކަން ފެށިގެން އަންނަނީ ފުރަތަމަ އަށް “ބަޣާވާތް” ހިނގުމުގެ ކުރީންނެވެ. އަދި މިކަން ފެށިގެން އަންނަނީ ސަރުކާރު ދެކެ ރުޅި އަންނަހާ ގޮތް ގޮތަށް އިސްސަފުތަކުގައި ތިބި ބަޔަކު ސިއްރާ ފާޅުގައި ކުރާ ޢަމަލުތަކަކުންނެވެ. އަދި ދައްކާ ވާހަކަތަކުންނެވެ. މީގެ އެންމެ ބޮޑު ނުރައްކަލަކީ ސަފުތަކުގެ ބަދަހިކަން ގެއްލުވާލާން ފެށުމުގެ ސަބަބުން ބޭރުގެ ނުފޫޒް އަސްކަރިއްޔާގެ ތެރެއަށް ވަނުމަށް ޖާގައަކަށް ވެގެން ދިޔުމެވެ.

މިފަދަ ކަމަކުން ރައްޔިތުންގެ ކުރިމަތީގައި ޤަދަރުކުޑަވެ އިތުބާރު ގެއްލިގެންދާގޮތް ވެއެވެ. އެކި ތަންތަނުން ރައްޔިތުންގެ ބަދުބަސްތަކުންނާއި، ނަފްރަތުގެ ބަސްބަހުން ޖަރީކޮށްލަ ދެއެވެ. ޙަރަކާތްތެރިވާންޖެހޭ ޙާލަތެއްގައި ރައްޔިތުންގެ ފަރާތުން ލިބެންވާ އެހީތެރިކަން ގެއްލި ދެއެވެ. އަދި އެކަމުގެ ސަބަބުން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ބުރޫ އަރައެވެ. ނެރެން ބޭނުންވާ ނަތީޖާ ނުނެރެވެއެވެ. މިއަދު އެވަނީ މިފަދަ ބަދު ބަސްތަކުން ރައްޔިތުން ޖަރީކުރަމުން ދާބަޔަކަށް ވެފައެވެ. އަދި ބަޣާވާތް ދެމެހެއްޓުމަށްޓަކައި ޤާނޫނާއި ޚިލާފު އެންމެހާކަންކަން ހިނގަން ޖެހުމުން އަސްކަރިއްޔާގެ ތަންފީޒީ ބާރުތަކަށް ސިއްރާއި ފާޅުގައި ޤާނޫނާއި ޚިލާފު ހިކި އަދި ކޮށި އަމުރުތައް ސީދާކޮށް ނުވަތަ ނުސީދާކޮށް އަންނަތަން އާދެއެވެ. އަދި މިކަމުގައި ދެވަނަ ވިސްނުމަކަށް މަޖްބޫރު ކުރުވައެވެ. ނުރުހޭ ހާ ބަޔަކަށް އަނިޔާވެރިވުމުގެ ޝަގާފަތެއް ޤާއިމްކުރެއެވެ. އަދި އެކަމަށް އެހީތެރިވެދޭނޭ ބަޔަކު އުފައްދައެވެ.

މިފަދަ ކަންކަން މެދުވެރިވަނީ، އަމިއްލަ އެދުމުން ފުރިތިބި ބަޔަކު އަސްކަރިޔާގެ އިސް ސަފުތަކުގައި ތިބެ ދިވެހި ޤައުމު، މިއަދު އެދޭގޮތަށް ޑިމޮކްރެސީއަކަށް ކުޑަކޮށްވެސް ނުވިސްނާންތިބެ އަމިއްލަ އެދުމަށްކުރާ ނޭދެވޭ ޢަމަލުތަކުންނެވެ. އަދި ފާއިތުވި ތަނުގައި އަސްކަރިއްޔާގެ އޮފިސަރުން ހޮވުމުގައި އިޚްލާޞް ތެރިކަން ގެއްލިފައިވާ މީހުން ވެސް ބަލައިގަތުމާއި، ތިމާއަށް ފުތުވާ މީހުން ގެނެސް މަގާމުތަކަށް ލުމާއި، މިންގަޑުތަކަށް ނުބަލާ އެ މަޤާމުތަކަށް ގެނައުމުގައި، ނާގާބިލުމީހުން އެއީ ޤާބިލު މީހުންކަމަށް ބަލައިގެން އިސްސަފުތަކަށް ގެނައުމާއި އަދި އެހެންމެ ރުހޭހާ މީހުން އެއީ ރަނގަޅު މީހުން ކަމުގައި ދެކި ކުރަމުން އައި ޢަމަލުތަކުގެ ހިތި ނަތީޖާކަމުގައި ގިނަ މާހިރުން ދެކެއެވެ.

ބަޢާވަތަކަށް ފަހު ލިބޭނޭ ހިތިކަން ދިވެހި އަސްކަރިއްޔާއިން ވެސް ވަނީ ތަޖްރިބާކޮށްފައެވެ. ޤައުމު ކިލަނބު ކުރުވި ޙާދިސާ ފާއިތުވެ އެތަކެއް އަހަރުތަކަކަށް ދެމިދާއިރު މިހުރިހާ ކަމެއް ވަނީ އެބައިމީހުން ތަޖްރިބާ ކޮށްފައެވެ. އެއަސްކަރިއްޔާގެ ސިފައިން އެންމެ ދެކޮޅުވެރިވާންވީ ހުވަޔާއި ޚިލާފުވުމާއި، ޤައުމުދެކެ ލޯބިވާ ދަރިން ނުކުރާންވީ ކަންކަމުކަމުގެ ތެރެއަށް މިއަދުވަނީ ފޮރުވިގެން ތިބި ބައެއްގެ ވަސްވާހަށް ވައްދާފައެވެ. މި ބަޣާވާތުގެ ބޭނުމުގައި ދީނީ އަޤީދާ ވެސް ވަރުގަދަ ކުރަނީކަމަށް ކިޔާގެން އެއަސްކަރިއްޔާގެ ތެރެއަށް ބައެއް ސިޔާސީ އަދި އިޖްތިމާއީ ނުފޫޒު ފޯރުވުމުގެ ސަބަބުން އެ މުވައްސަސާ އެވަނީ ދުވަހަކު ނުވާވަރަށް ބަލިކަށި ވެފައެވެ. ދާޚިލީ ހަނގުރާމައަކަށް ނުވަތަ ބޮޑު ހަމަނުޖެހުމަކަށް ހިނގާދާނެ ކަމުގެ ބިރު ރައްޔިތުންނަށް މިއަދު ވަނީ ފެތުރިގެން ގޮސްފައެވެ. ޤައުމުގެ އިސްތިޣްލާލް ގެއްލިހިނގައިދާނެކަމުގެ ބިރު ވަނީ ފެތުރިފައެވެ.

ޤައުމުގެ މަދު ބަޔަކު ހިނގާ މިފަދަ ނޭދެވޭ އަމަލުތަކަށް ތަރުޙީބު ދިނުމުން ޤައުމު މިވަނީ، މިޙާލަތުގައި އޮވެ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމުގެ ބިރު ފެތުރިފައެވެ. އަދި ޤައުމުގައި ބައިބައިވުމާއި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ކުޑަވާވަރަކަށް އަސްކަރިއްޔާއަށް ބާރުބޮޑުވާނެކަން ކަށަވަރެވެ. މިއަދު އަސްކަރިއްޔާއިން ނިކުންނަ ގިނަ މީހުންނަކީ، އެ މަރުކަޒު ދެކެ ނަފްރަތުވެ ނިކުމެދާންޖެހޭ ބަޔަކަށް ވުމަކީ މިފަދަ ކުޑަ ޤައުމެއްގައި މިއަދު ވިސްނަންޖެހޭނޭ ކަމެކެވެ. އަދި މިގޮތަށް އަމިއްލަ އެދުމަށް ވަކި ބަޔެއްގެ ނުފޫޒު ފެތުރޭ ގޮތަށް މީހުން ކަނޑާ ނެރެލުމުގެ ސަބަބުން ވަގުތީ އުފަލަކަށް ވުރެން ދިގުމުއްދަތުގައި ލިބިދާ ގެއްލުމަކަށް ބަލަންޖެހިފައެވެ. މިފަދަ އެތަކެއް ތަޖްރިބާތަކެއް މިރާއްޖޭގައި އަދި މިދުނިޔޭގައި ވަނީ ހިނގާފައެވެ. އަދި އެއިން ކޮންމެ ކަމަކުން ތަޖްރިބާތަކެއް ލިބިގަންނަން ޖެހެއެވެ. ނަމަވެސް ދާދި ފަހުން ވެސް ޓެރަރިޒަމްގެ ނަމުގައި ދައުލަތުން ދަޢުވާކޮށްފައިވަނީ ގިނަ އަދަދެއްގެ އޮފިސަރުންތަކެއްގެ މައްޗަށެވެ. އެބައި މީހުން އޭގެތެރެއަށް ވަންނަން ނުޖެހުނުކަން ކިތަންމެހާ ވެސް ރަގަޅެވެ. އެކަމުން އަސްކަރިއްޔާއަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: