ޒަކާތަކީ މުސްލިމުން އެއަޅުކަން އަދާކުރަން ފަސްޖެހޭ އަދި ފަރުވާކުޑަކުރާ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ޒަކާތުގެ މުހިންމު ކަމާއި މަތިވެރިކަމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް ޖެހިފައިވާ އެއްޗެއް ކަމަށާއި އިންސާނުން މުދަލަށް ކުރާ ލޯތްބަކީ ފިތުރީ އަދި ތަބީއީ ކަމެއް ކަމަށެވެ.
ނަމަވެސް މުދަލަށް ލޯބިކުރުމުގައި މުހިންމު ދެ ކަމެއްގެ މަތިން ހަނދާން ކުރަން ޖެހޭނެ ކަމަށާއި ފުރަތަމަ ކަމަކީ މުދަލަކީ ﷲގެ މިލްކެއް ކަމަށެވެ. އެކަލާނގެ އަޅުގަނޑުމެންނާ އެ މުދާ ހަވާލުކުރައްވާފައި ވަނީ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށްޓަކައި އަމާނާތެއްގެ ގޮތުގައި ކަން ގަބޫލު ކުރުމެވެ.
ދެވަނަ ކަމަކީ މުދާ ހޯދަން ޖެހޭނީ ﷲ ހުއްދަކުރެއްވި އިންތަކާއި މިންތަކުގެ ތެރޭގައި ކަމާއި އެ މުދާ ހޭދަ ކުރަނ ޖެހޭނީ ވެސް އެކަލާނގެ ބަޔާންކުރައްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައި ކަން ދެނެގަތުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
”އިސްލާމް ދީނުގެ ފަސް ރުކުނަކީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ ފަސް ރުކުނެވެ. އެއިން ކޮންމެ ރުކުނަކީ އެއާ މެދު ހާއްސަ ސަމާލުކަމެއްދީ ފަރުވާތެރިކަމާ އެކު އަދާކުރަންޖެހޭ ރުކުނެވެ. ނަމަވެސް މި ރުކުމްތަކުގެ ތެރެއިން ޒަކާތަކޫ އެ އަޅުކަން އަދާކުރުމުގައި ބައެއް މުސްލިމުން ފަރުވާކުޑަކުރަމުންދާ ނުވަތަ ފަސްޖެހޭ އަޅުކަމެއްކަން ފާހަގަ ކުރެވެއެވެ.“ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ ޒަކާތާ ގުޅިފައިވަނީ މުދާ ކަމަށާއި މުދަލަކީ އާދައިގެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން އެއީ ނަފްސުތައް އެ އެއްޗެއްގެ މައްޗަށް ނުހަނު ލޯބިޖެހިފައިވާ އެއްޗެއް ކަމަށާއި މުދަލަކީ ޒީނަތެއް ކަމަށެވެ. އަދި ބައެއް ފަހަރު މުދަލަކީ ނުރައްކާތެރި ފިތުނައެއް ކަމަށާއި ބޮޑުވެގެންވާ އިމްތިހާނެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި ޒަކާތް ނެރެ ސަދަގާތް ދީ އުޅޭ ނަމަ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

