ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ޞިއްޙީ ފަރުވާއާއި ޞިއްޙީ މަސައްކަތްތެރިންނާގުޅޭ ޚާއްޞަ އުސޫލުތަކެއް ސިއްހީ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގެ ދަށުން ކަނޑައަޅައިފިއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހިރައްޔިތަކަށް ކޮވިޑް-19 ޖެހިގެން އެ ބައްޔަށް ފަރުވާ ހޯދަންޖެހިއްޖެ ޙާލަތެއްގައި، އެ ބައްޔަށް ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމު، އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު ގެ ދަށުން ޤާއިމުކޮށްފައިވާ ޤައުމީ އިންޝުއަރަންސް ސްކީމްގެ ތެރެއިން ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮވިޑް -19 އަށް ޚާއްޞަކޮށްގެން ހިންގާ ސްކީމެއް ނުވަތަ ފަންޑެއް މެދުވެރިކޮށް ހަމަޖައްސައިދޭންވާނެއެވެ.
އެގޮތުން ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 އަށް ބޭނުންވާ ފަރުވާއަކީ ޞިއްޙީ ފަރުވާދޭ ތަނެއްގައި އެޑްމިޓްވެގެން ދޭންޖެހޭ ފަރުވާއާއި އެފަދަ ތަނެއްގައި އެޑްމިޓްނުވެ ދޭންޖެހޭ ފަރުވާ ހިމެނޭގޮތުން ދެވޭ ފަރުވާއެވެ. އޭގެ ތެރޭގައި، ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓުތައް ހެދުމާއި، ބޭހަށް ހިނގާ ޚަރަދުތައް ހިމެނެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކޮވިޑް-19 އަށް ބޭނުންވާ ފަރުވާދޭނީ، އެމީހުން ބައިވެރިވެފައިވާ ޞިއްޙީ އިންޝުއަރަންސް ސްކީމެއްގެ ދަށުންނެވެ. ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ބިދޭސީ މުވައްޒަފުން ޞިއްޙީ އިންޝުއަރަންސް ސްކީމެއްގައި ބައިވެރިކޮށްފައިނުވާނަމަ، އެފަދަ ބިދޭސީ މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދުތަކުގެ ޒިންމާ އުފުލާނީ، ވަޒީފާދޭ ފަރާތުންނެވެ. އަދި އިންޝުއަރަންސް ސްކީމެއްގައި ބައިވެރިކޮށްފައިވީނަމަވެސް އެ ސްކީމެއްގައި ނުހިމެނޭ ފަރުވާއަށް ކުރަންޖެހޭ ޚަރަދުތަކުގެ ޒިންމާ އުފުލާނީ ވަޒީފާދޭ ފަރާތުން ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް އައުމަށްފަހު އެމީހަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ބިދޭސީންނަށް ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނީ ދިވެހި ސަރުކާރުން ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ކޮވިޑް -19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ކުއްލި ޙާލަތުގައި މަސައްކަތްކުރަންޖެހޭ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ދަށުން ރަޖިސްޓަރީކުރެވެން ނެތް ޙާލަތަކަށް ހިނގައްޖެނަމަ، އެ ޙާލަތުގައި، އެ އިޖުރާއަތުތައް ފުރިހަމަކުރުމަކާ ނުލައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާއްސާ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމުގެ އިޚްތިޔާރު، ޤާނޫނުގައި ބަޔާންކުރާ ކަމާބެހޭ ކައުންސިލުތަކަށް ލިބިގެންވެއެވެ.
އެގޮތުން ރަޖިސްޓަރީކުރުމުގެ ކަންކަން ކުރިއަށްގެންދަންވާނީ، ކޮވިޑް- 19 އާ ގުޅިގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ޢަދަދަށްވުރެ، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު މަދުވެއްޖެ ޙާލަތެއްގައި، އެކަން މިނިސްޓްރީ އޮފް ހެލްތުން އެންގުމުން ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

