ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަމަކީ ދިވެހިންނަށް ލިބިފައިވާ ނިޢުމަތެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ޝައްކެއްވެސް ނެއްގޮތުގަ މިނިވަންކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މިނިވަންކަން ގެއްލި އަޅުވެތިކަމުގައި ތިބެންޖެހުމުން ކުރާ ނޭދެވޭ އަސަރުތަކާއި، ހިތަށް ވެރިވާ ހިތް ދަތިކަން އަޅުގަނޑުމެން ދިވެހިން ހަނދާން ހުންނާނެއެވެ. ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ވެރިވެގެން ތިބި ފަނަރަ ވަރަކަށް އަހަރުގެވާހަކަ އެކަންޔެއްވެސް ނޫނެވެ. އެފަދަ ކިތަންމެ ދުވަހެއް ކިތަންމެ ވަގުތެއް ދިވެހިން ތަޖުރިބާކޮށްފައިވެއެވެ. މިހުރިހާ ކަމެއް ދިވެހިރައްޔިތުންނަށް ކުރިމަތިވަނީ ރާއްޖެ ވެރިކަމާ ހެދި ހިނގާ ކޯޅުން ގަނޑުތަކުގެ ތެރޭގައެވެ. އެއީ ދިވެހިގައުމާއި ދިވެހިރައްޔިތުންގެ ތާރީޚް ބުނާ ވާހަކަތަކެވެ.

މި ވަތޮނުގެ މިނިވަންކަމަށްޓަކައި ދިވެހިންކުރި ހަނގުރާމަތައް ފެށުނީ އަލިރަސްގެފާނާއި ހަމައަކުން ނޫނެވެ. އޭގެ މާ ކުރިއްސުރެވެސް ދިވެހިންގެ މިނިވަންކަމަށް ހަނގުރާމަތައްކޮށްފައިވެއެވެ. މިސާލަކަށް މީލާދީން 1121​ އިން 1142 އަށް ރަސްކަން ކުރެއްވި މަހާބަރަނަ ރަދުންގެ ރަސްކަމުގައި އިންޑިއާގެ ޗޯޅާއިންގެ ބާރުގެ ދަށުގައި ރާއްޖޭގެ މަލިކު އަތޮޅާއި ތިލަދުންމަތި ވަނިކޮށް މިނިވަން ކޮށްދެއްވަން ހަނގުރާމަ ކުރެއްވި ކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ. އޭރު ގައުމުގެ ދިފާޢުގައި އެކަނި ހަނގުރާމަކުރިނަމަވެސް ފަހުން ގައުމާއި ދީނުގެ ދިފާއުގައިވެސް ހަނގުރާމަކުރިއެވެ. ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށްފަހުއެވެ.

ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ވެރިވާން ޖެހުނީ ވެސް ވެރިކަމަށް ދަހިވެތިވީ ބަޔަކު، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް،  ގޯވާގައިތިބި ޕޯޗުގީޒު ސިފައިން ވެއްދީމައެވެ. އަދި އަށާރަސަތޭކަ އަށްޑިހަ ހަތެއްގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެއަށް ދާންޖެހުނީވެސް ވެރިކަމާ ތޮޅުނު ޢާއިލާތަކެއްގެ ސަބަބުންނެވެ. ޒަމާންބަދަލުވަމުން ދިޔުމަކުން، އިސްތިޢުމާރީގެ ގޮތްފޮތް ބަދަލުވަމަކުން، އަތްދަށުލުމާއި އަޅުވެތި ކުރުމުގެ ޘަޤާފަތާއި އާދަތަކަކަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ.

ޙަޤީޤަތުގައި މުޅި ދުނިޔޭގެ އުތުރު ތަނޑިން ފެށިގެން ދެކުނުތަޑިޔާ ހަމައަށް ބަލާލިނަމަވެސް ދިވެހިރާއްޖެ މިއޮތީ އިންޑިއާ ކަނޑުގައި، ވަރަށްވެސް މުހިއްމު މަޤާމެއްގައެވެ. ދިވެހިރާއްޖެ އޮތްތަނުގެ ގޮތުން ދުނިޔޭގެ ބާރުތަކާއި، އިތުރަށް ބާރުހޯދުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރާއްޖެއަށް ދަހިވެތި ނުވާނެ ކަމަށް ހީކުރުމަކީ ރަނގަޅު ގޮތެއްނޫނެވެ. ސަބަބަކީ ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީ ދުނިޔޭގެ މެދުގައި ކަމެއްވެފައި، ގުދުރަތީ ކާރިސާތަށް ރާއްޖެއަށް ކުރިމަތިވުމަކީ ދުރުކަމެއް ކަމުގައިވާތީއެވެ. ހަނދާން ހުންނާނެ ފަދައިން އިނގިރޭސީންގެ ސިފައިންގެ މަރުކަޒެއް ރާއްޖޭގެ އެންމެ ދެކުނުގަ އޮތެވެ.

ދިވެހިރާއްޖެއަށް ނަވާރަސަތޭކަ ފަސްދޮޅަސް ފަހެއްގައި މިނިވަންކަން ލިބުނުފަހުންވެސް އައްޑު އަތޮޅު ގަން ކުއްޔަށް ހިފުމަށް ރޫސީވިލާތުން މަސައްކަތްކުރިއިރުހަމަ މި ދައުރުގައި ޗައިނާގެ ސަބްމެރީން ބޭހެއް ހެދުމަށް ގަންލިބޭތޯ އެ ގައުމުން އުޅުނު ވާހަކަ އެއް ބޭރުގެ ނޫސްތަކުގައި ޖަހައި ހެދިއެވެ. ހަމަ އެހެންމެ އަވައްޓެރި އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަ ކުރަން މަސައްކަތްކުރާ ކަމީ ފާޅުކަން ބޮޑުގޮތެއްގައި އެގެން އޮތް ޙަގީގަތެކެވެ. އޭރެވެސް މިހާރުވެސް އެކަން އޮތީ ހަމަ އެގޮތަށެވެ.

މިފަދަ ސިޔާސީ ބޮޑު ބަދަލުތަކެއް ރާއްޖެއަށްއައިސްފައިވާ ދަނޑިވަޅެއްގައި، ބޭރުގެ މީހުން ތަނުގެ ދާޚިލީ ކަންތައްތަކާ ބެހުނަ ނުދިނުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މިރާއްޖޭގެ 56 ވަނަ އުފާވެރި މިނިވަންދުވަސް ފާހަގަކޮށް، 57 ވަނަ މިނިވަންދުވަހާ ދިމާލަށް މިސްރާބު ހިފާފައިވާއިރު މި ބަހުސުގައިދާންޖެހެނީ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރުމާއި، އެއްވިސްނުމަކަށް އާދެވޭތޯ ބެލުމުގެ މުހިންމު ކަމުގެ ވާހަކައާ ދިމާއަށެވެ. މިގޮތަށް ވިސްނާނުލާ، ކަންތައްތައް ފަސޭހަކޮށްލައިގެން އަޅާނުލާ، ތިބެންވެއްޖެ ކަމަށްވާނަމަ ހީވެސް ނުކުރާކަހަލަ ދިމާލަކުން ހީވެސް ނުކުރާފަދަ ދަނޑީވަޅެއްގައި ރޯޅިފަށް ގަދަވެގެން އަތުވެދާނެކަމީ ވެދާނެ ކަމެކެވެ.

ދިވެހިން އަބަދުވެސް ފާހަގަ ކުރެވިފަ އޮތީ ކިޔަމަންތެރި މަޑުމައިތިރި ބަޔެއްގެ ގޮތުގައެވެ. ދިވެހިންގެމި ސިފަތަކުން ފައިދާ ނަގައިގެން އަމިއްލަ އެދުން ފުއްދުމަކީ ގޯހެކެވެ. އެކަން އެއްވެސް މީހަކު ކޮށްގެން ނުވާނެއެވެ. އިހުގައި ބުނެއުޅެއެވެ. ބޭރު ފަރަންޖީން ރާއްޖޭގެ ރަށްރަށަށް ފައިބައިގެން އުޅޭއިރު  ގަސްގަސް ދޮށަށް ފައިބާފައި ހުންނަ ދޮންއަނބު ނުވަތަ ދޮންލުބޮއެއް ފެނުނަސް އެމީހުންނެއް އެއަކު ނުޖެހޭނެއެވެ. އެމީހުންގެ ޢަމަލުތައް އެގޮތަށް ބަހައްޓަން އެމީހުންނަށް މަޖުބޫރުވާ ސަބަބަކީ ދިވެހިންގެ ތެދުވެރިކަމާއި ޢަޤީދާއެވެ.

ރާއްޖޭގެ ރައްޔިތުންގެ އަޤީދާގެ ވަރުގަދަކަމުން އެ ބައިމީހުން ދުށީ ކުރެވޭ ކަމެއްގެ ކުޑަކުޑަ ކަމެއްގެ ސަބަބުން ބަދުނަސީބެއް ކުރިމަތި ވެދާނެކަމަށެވެ. މި ވިސްނުން މިއަދު އަޅުގަނޑުމެން އަމިއްލައަށްވެސް ގެންގުޅެން ވެއްޖެއެވެ. ދިވެހިންގެ މަޑުމައިތިރިކަމާއި އަނިޔާ އަށް ތާއީދުނުކުރާކަމުން ފައިދާނަގަން ވިސްނައިފި ނަމަ އަޅުގަނޑުމެންނަށް ބަދު ނަސީބާ ކުރިމަތި ވެދާނެއެވެ. މިއީ ދިވެހިންގެ ދިވެހިރާއްޖެއެވެ. ބޭރުގެ ޤައުމުތަކުން ރާއްޖެ ސިފަކުރަނީ ”މިއީ ދުނިޔެ މަތީގައިވާ ސުވަރުގޭގެ ގޮތުގަ.” އެވެ. މިއީ ހިތްފަސޭހަ ސާފު ވައިލިބޭ ރީތިތަނެކެވެ. ލިބޭ އެއްޗަކުން ފުއްދައިލައިގެން އުޅޭ ބަޔަކު ތިބި އަމާންތަނެކެވެ. އެކަން ނަގާލުމަށް އަޅުގަނޑުމެން ނޫޅެމާތޯއެވެ.

ރައްޔިތުންގެ ޙައްޤުތައް ކުރިޔަށް ނެރެން ކޮންމެ މީހަކުވެސް ވިސްނާލުން މުހިތްމެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް ޢަދުލު އިންސާފަށް އިސްކަން ދެމާތޯ؟  ޚިޔާނާތަށް ތަންނުދީ، އަމަން އަމާންކަންމަތީ އުޅެވޭތޯ ބަލަމާތޯ؟ ދިވެހިންނަކީ މާބައިވަރު ކަންތައްތަކަކަށް އެދެމުންދާ ބަޔެއްނޫނެވެ. ދިވެހިން އެދެނީ މިނިވަންކަންމަތީ ތިބުމަށާއި، އިންސާފުވެރިތަނެއްގައި ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބުމަށެވެ. މިކަންކޮށްދިނުމަށްވުރެ ބަދަލުހިފުމާއި، ރޫޙު ގަދަ ވެއްޖެއްނަމަ، އެންމެފަހުން މިކުޑަގައުމަށް ގެއްލުމާއި ހަލާކާތް ކުރިމަތިލާން ޖެހުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: