ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީން ހަތިޔާރަކަށް ހެދުން ނޫން ކަމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ތާރީޚުގެ ފަތްފުށް ތަކަށް ކަޅިހިންގާލާއިރު ދިވެހި ރައްޔިތުންނަށް އެބައެއްގެ ފަރާތުން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ ކޮންބައެއްގެ ފަރާތުންތޯ ދިވެހި ރާއްޖޭގެ ކުޑަކުއްޖަކާ ސުވާލު ކޮށްލިޔަސް އެބަޔަކީ ޕޯޗުގީޒުންނޭ ބުނާނެކަން ޔަޤީނެވެ. ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ ރާއްޖޭގެ ކީރިތި މަހާރަދުންގެ މަޤާމުގައި ހުންނެވި އަލިރަސްގެފާނުން ޝަހީދުކޮށް ދިވެހި އެތަކެއް ރައްޔިތުން ހަނގުރާމައިގެ މައިދާނުގައި ކަތިލިއެވެ.

ޕޯޗުގީޒުން ރޯމާދުވާލު މަގުމަތީގައި އެތަކެއް އަންހެން ދަރީންގެ އިއްފަތްތެރިކަން ފޭރިގަނެ އެކަމާ ނުރުހުމުގެ ބަހެއް ބުނެލި ކޮންމެ މީހަކު ޝަހީދުކުރަމުން ދިވެހީންގެ އެތަކެއް މީހުންގެ ކަރަށް ގަދަކަމުން ރާއެޅިއެވެ. ޕޯޗުގީޒުންގެ އަނިޔާވެރިންކަން ހައްދުފަހަނައަޅާ ދިޔައިރުވެސް މިގައުމުން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތް ފޮހެވިގެނެއް ނުދިޔައެވެ.

މިއަދު ހާލަތު މުޅިން ބަދަލުވެއްޖެއެވެ. ކޮންމެ ބައެއްވެސް ބަލަނީ ދީން އެބަޔެއްގެ ސިޔާސީ ހަތިޔާރަކަށް ހަދާށެވެ. މާމޮޅު ދީނީ އިލްމުވެރިން ތަކަކަށް ހެދިގެން އުޅޭ ބަޔަކު ނުކުމެ މިގައުމުން އިސްލާމްދީން ފޮހެލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެ އެމީހުން ބޭނުންވާ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ޖާޕާނު މަހެއް ވިހާ އުސޫލުން ވާހަކަ ވިހަމުންދާއިރު ދިވެހި ތާރީޚުންވެސް އެއީ މިގައުމުގައި ނުވާނެ ކަމެއްކަން ވަނީ ފެނިފައެވެ.

މަލާބާރީންނާއި ހޮޅީންގެ އަނިޔާވެރިކަމާއި ފޭރުމުގެ ވާހަކަތަކަކީވެސް ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި އޮންނާނެ ވާހަކައެއް ނޫނެވެ. ދިވެހީންނަކީ އަބަދުވެސް މިނިވަންކަމާއިއެކު މާބޮޑު ގަޑުބަޑަކާއި ނުލައި ދިރިއުޅޭން ބޭނުންވާ އަދި އަބަދުވެސް އެއޮންނަ ދިރިއުޅުމަކައިގެން ފުއްދާލައިގެން ދިރިއުޅޭ ބައެކެވެ. ރާއްޖޭގެ ރައްޔިތުން މީގެ އެތަކެއް ގަރުނެއް ކުރިން ވަނީ އިސްލާމްދީން ހިދާޔަތް ޤަބޫލުކޮށްފައެވެ. ކަން މިހެން އޮތްއިރު މިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރާ ދެކޮޅަށް މަދު ދީނީ އިލްމުވެރިން ތަކެއް ކަމަށް ހެދިގެން އުޅޭ ބަޔަކު ނުކުމެ މިގައުމުން އިސްލާމްދީން ފޮހެލަފާނެ ކަމުގެ ބިރު ދިވެހި ރައްޔިތުންގެ ހިތްތަކަށް ވެއްދުމަކީ އެމީހުންގެ ހިތުގައި ސިޔާސީ އެދުންވެރިކަމެއް އޮވެގެން ކުރާ ކަމަށް މިވަނީވެފައެވެ.

ދީން ހަތިޔާރަކަށް ހަދައިގެން ދީންދެކެ ލޯބިވާ ދިވެހި ރައްޔިތުންގެ ސިކުޑިތަކާއި ކުޅެލުމަކީ، ވަކިކަމެއް ކުރުމަށް އެޅި ފިޔަވަޅަކަށް މިވަނީ ހަދާފައެވެ. މަދު ފައިސާކޮޅަކަށް އިލާހީ ބަސްފުޅާއި މާތް ރަސޫލާގެ ސުންނަތް މިވެރިން މިވަނީ ހިތުހުރި ގޮތަކަށް ބޭނުންވާ ބައިތައް ވިޔަފާރިވެރިންނަށް ފައިދާވާ ގޮތަށް އަތުރާ ނިންމާލާފައެވެ.

ދުނިޔޭގައި އިސްތިއުމާރުގެ ބާރުފެތުރި ބާރުދެރަ ގައުމުތައް އަޅުވެތި ކުރެވެމުން ދިޔައިރު މިފަދަ ބާރުތަކުން ސަލާމަތް ވުމުގެ ބޭނުމުގައި ރާއްޖޭގެ ރައްޔިތުން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިގު މުއްދަތަކަށް އޮތެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަން ވީފަހުންވެސް ރާއްޖޭގެ ބައެއް ބިންތައް އިނގިރޭސީންނާއި ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެމީހުންގެ ބާރުގެ ދަށުގައި އޮތެވެ. މިއަދު އައްޑޫ ސިޓީގައި އެއޮތް ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކީ އިނގިރޭސީން އެތަނުގައި ގާއިމްކުރި ވައިގެ ބަނދަރެއްކަން ދިވެހީން އަދި ހަނދާނެއް ނުނެތޭނެއެވެ. އިނގިރޭސީންގެ ތެރެއިން އައްޑުއަށް ފައިބައިތިބި ގިނަ މީހުންނަކީ އޭރުގެ ބަހުންނަމަ ފަރަންޖީންނެވެ. ނަމަވެސް އެމީހުންނަކީ ވަކިފަރަންޖީންނޭ ކިޔާފަ، ދިވެހިންގެ އަގީދާއަކަށް ބަދަލެއް ނާދެއެވެ އަދި އެއިރު ސަރުކާރުން އައްޑޫއާއި ހުވަދޫގެ ރައްޔިތުންނަށް ދުއްތުރާތަކެއް ކުރާކަމުގައި ބުނެ ދިވެހި ސަރުކާރުގެ ދަށުން ވަކިވެ ގަތުމުގައި ފަރަންޖީންގެ މަދަދު ހޯދިކަމުގައި ތާރީޚު ބުނެއެވެ. ނަމަވެސް މަދަދު ހޯދީ ވަކި ދައުލަތެއް ގާއިމް ކުރުމަށެވެ. އެއްވެސް ހާލެއް ވަކި ދީނެއް މިގައުމަށް ގެންނާކަށް ނޫންނެވެ.

ދިވެހި ރާއްޖޭގެ ސައްތައިންސައްތަ މުސްލިމުން އުޅެމުން ގެންދިޔައީ ފިސާރި ހަރުދަނާ އަގީދާ އެއްގައި އަމިއްލަ ސަގާފަތާއި ތަރިކަ ރައްކާ ކޮށްގެންނެވެ. ސައްތައިންސައްތަ އިސްލާމީ ގައުމުގެ ބައެއް ރަށްތައް އެބުނާ ސައްތައިން އިސްތިސްނާކުރެވި ޣައިރު މުސްލިމުން ބަރަހަނާގައި ހިތުހުރި ގޮތަކަށް ރާބޮއެ، މިނޫންވެސް މިފަދަ ފާޙިޝް އަމަލުތައް ހިތުހުރި ގޮތަކަށް ކުރުމަށް، އުޅެވޭ ރަށްރަށުގެ ގޮތުގައި ރިސޯޓުތައް ހުޅުވި ފަތުރުވެރިކަން ރާއްޖެއަށް އައިސްފައިވަނީ އިއްޔެ އަކު މިއަދު ނޫނެވެ. އެއްއަތުން ގުނާލެވޭ މަދުއަދަދަކަށް މާލެ ކައިރީގައި ހުޅުވުނު ރިސޯޓުތައް ހިނގާން ފެށިތަނާ ރާއްޖޭގައި ރާގެންގުޅުމަކީ ހަރާމް ކަމެއް ކަމަށާ، ރާބުއި މީހެކޭ ރާ ގެންގުޅުނު މީހެކޭ ވާނީ އެއްފަދަ ކަމަށް ބުނެ ދިނީ ފަތުވާދީ އެކަން ހުއްޓާލަން ސަރުކާރަށް ގޮވާލި މީހަކު ފާޅުވެގެން އުޅުނު ކަމަށް ތާރީޚް ލިޔުއްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ކަންދިމާވި ގޮތުން ރާބުއި މީހެކޭ ރާ ގެންގުޅުނު މީހެކޭ ވާނީ އެއްފަދަ ކަމަށް ގޮވި އެބުނާ މީހަކާއި އޭނާއަށް ވާގިވެރިވާ ފަރާތްތަކުގެ އަތްމައްޗަށް ގައުމުގެ ބާރުތައް އައިހިދު، ކުރަން ހެޔޮ ނުވާނެޔޭ ގޮވި ކަންތައްތައް އެންމެ ފަހުން ބަދަލު ވެގެން ދިޔައީ ރަންބިސްއަޅާ ކުކުޅަކަށެވެ. އެއީ މާޒީއެވެ.

ރައްޔިތުންގެ ހިތް ތަކަށް އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ބިރުވެރިންކަން ވައްދުވާ، ރައްޔިތުންގެ ގިނަބަޔަކު ލައްވާ ފައިސާގެ ދަހިވެތި ކަމުގައި ޖެހިފައިވާ މަދު ދީނީ އިލްމުވެރިން ކަމަށް ހެދިގެން އުޅޭ ބަޔެއް، އެމީހުންގެ އެދުންތައް ހާސިލު ކުރުމަށް ހުވާ ކުރުވައި އެކަންކަން ނުކޮށްފިނަމަ ވެދާނޭ ގޮތުގެ ބިރުދެއްކުވީ، އަމިއްލަ ފައިދާ ތަކެއް ހާސިލު ކުރަން ނޫން ދެވަނަ ކަމަކުއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަދި އެކަމަކީ ވެރިކަން ބަދަލު ކުރުމަށް ބޭނުންވެގެން ދީފައިވާ އިންޒާރު ތަކެއްކަން ދިވެހި ރައްޔިތުންނަށް އެގެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: