ހައްގުގެ މަގު ދޫކޮށް ބާތިލު ގޮތްތަކަށް ތަބާވާ މީހުންނަށް ނަކަމެތިކަން ލިބި އާޚިރުގައި ދާއިމީ އަޒާބު އެ މީހެއްގެ މައްޗަށް ހުށަހެޅިގެންދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މާތްﷲގެ ކުޅަދުންވަންތަ ކަމުގެ މައްޗަށް ބަލާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މާތްﷲ އިންސާނާ އަށް ބުއްދި ދެއްވައި އިންސާނާގެ ހިދުމަތުގައި އެކަލާނގެ ހައްދަވާފައިވާ މަހްލޫގުން ލެއްވި ކަމަށެވެ. އަދި އަމާނާތްތައް އުފުލައި ބިން ތައްމީރު ކުރުމުގެ ޒިންމާ އިންސާނާއާ ހަވާލު ކުރި ކަމަށާއި ބަޔަކު އިމާންވެ، އަނެއް ބަޔަކު ކާފިރުވީ ކަމަށެވެ. އެގޮތުން ބިންމަތީގައި އުފެދުނު ކޯޅުމަކީ އީމާންތަކާއި ކާފިރު ކަމާ ދެމެދު އުފުދުނު ކޯޅުމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ މުޅި ކާއިނާތުގެ ނިޒާމް ހިނގަމުންދަނީ ﷲ ތައާލާ ލައްވާފައިވާ އިލާހީ ގާނޫނެއްގެ ދަށުން ކަމަށާއި އެ ގާނޫނަށް ކައުނީ ސުންނަތޭ ވެސް ކިޔާ ކަމަށެވެ. އަހަރުށި ހުސްތާހިރުވަންތަ ﷲ ތައާލާގެ ކަށަ ކުޅަދުންވަންތަކަމާއި، ބާރުވެރިކަން ވަނީ ހުދޫދެއް ނެތް އެ ހުރިހާ ގާނޫނުތަކެއް ފަހަނައަޅައި ގޮސްފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު އެކަލާނގެ މި ކައުނު ލައްވާފައި ވަނީ އެހާމެ ފުރިހަމަ އަދި އަޖާއިބުން ފުރިގެންވާ ކަވި ނިޒާމަކުންން ކަމަށާއި ފާލުން ނެއްޓުމެއް ނުވަތަ ފުށުއެރުމެއް ނެތި ހިނގަހިނގާ ހުންނަ ގޮތަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”ލޮބުވެތި މުސްލިމު އަހުންނޭވެ! އުޑާއި، ވިލާތަކާއި، ފަލަކުތަކާއި، އިރު ހަނދާއި ތަރިކަތަކާއި، ގަސްގަހާ ގެއްސާއި، ޖަނަވާރުތަކާއި، ބިންތަކާއި، ފަރުބަދަތަކާއި، ކޯރުތަކާއި، ކަނޑުތަކާއި، ސޫފާސޫފިތައް ފެނުމުން އެކަލާނގެ ކަށަކުޅަދުންވަންތަކަން ހާމަވެގެން ދެއެވެ. މޮގޮތުން އެކަލާނގެ ހައްދަވާފައިވާ ތަކެތީގެ ތެރޭގައި ބަނޑުލައި ލޫދެމުން ހިނގާ ތަކެއްޗާއި، ހަތަރެސްފައިން ހިނގާ ތަކެތި ވެސް ވެއެވެ. އިންސާނުންނަށް އެތަކެތިން ފައިދާ ލިބޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެތި ވެއެވެ. އެއިން ކޮންމެ މަހްލޫތަކާ މެދު ވިސްނާލިޔަސް އެތަކެތި ހައްދަވާފައިވާ ފުރިހަމަކާއި އެތަކެތި ހެއްދެވި ފަރާތަކުގެ ކުޅަދުންތަކަމާއި މާތްކަމާއި، މަތިވެރިކަން ހިތައް ވެގެންދާނެއެވެ.“ ހުތުބާގައި ވެއެވެ.
ހުތުބާގައި ބުނެފައި ވަނީ މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ތެރޭގައި އުޑުން ފެން ވެއްސަވައި، ފެނަކީ ބިމުގައި ލައްވާފައިވާ ތަކެތީގެ ދިރުން ކަމުގައި ލެއްވުން ހިމެނޭ ކަމަށެވެ. އަދި އެފެން ނެތިގެން ހިނގައްޖެނަމަ އެކަމުގެ ސަބަބުން ހުރިހާ ތަކެއްޗެއް ނެތި ހަލާކުވެގެން ހިނގައިދާނެ ކަމަށާއި ފެނުން ބިމަށް ދިރުން ދެއްވި ފަދައިން އެކަލާނގެ ހައްދަވާފައިވާ މަހްލޫގުން މަހްޝަރު ކުރެއްވުމަށް ވެސް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

