ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެންދަވާނީ ދައްކަވަންހުރި ތަނެއް ދައްކަވާފައެވެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަޝްރަހުން މި ފެންނަނީ އާދައިގެ ކަންތައްތަކެއް ނޫނެވެ. ފެންނަ މަންޒަރުތަކާއި، ކަންހިނގާ މަގަށް ވިސްނާ ފިކުރުކުރާ މީހެއްގެ ސިކުނޑި ސުމަކަށް ދާ ވަރުވެއެވެ. ހަތުރުން މިތުރުންނަށްވެ، ދުޝްމަނުން ރަހުމަތްތެރިންނަށްވާތަންވެސް ފެނެއެވެ. އެކަމަކު މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހިނގާ ކަންކަމަކީ ހިތު ލަފަޔަކަށްވެސް އެއްޗެއް ބުނަންދަތި ކަންކަމެވެ. ދައްކާތީ އަޑުއިވެނީ އިންސާފު ޤާއިމްކުރަން ބަޔަކު މަސައްކަތްކުރާ ވާހަކައެވެ. އެކަމަކު އަމަލުން ފެންނަނީ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ބަޔަކު ހުދު ފޮނުކޮޅަކަށް ބަދަލުވާތަނެވެ.

ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ޤައިމްކުރެވިގެންދިޔައީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ރައްޔިތުން ވަރަށްވެސް ފޮނި އުއްމީދުގައި ވަނިކޮށް 2012 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ ވިންދާއެކު އެފެދިގެން އައި ސަރުކާރު ވައްޓާލިއެވެ. އޭރު ސަރުކާރު ހިންގި ޕާޓީ ފަހުން އިދިކޮޅު މައިޕާޓީ އެމްޑީޕީން ބުނަމުންދިޔައީ ބަޣާވާތެއް ކަމަށެވެ. ސަރުކާރު ވައްޓާލުމާއިއެކު އެކަމުގެ ފަހަތުގައި ތިބި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފެށިއެވެ. އިންސާފުގެ ދަތުރުގެ ގޮތުގައެވެ. ބަޣާވާތުގެ އެންމެ ކުރީގައި ތިބީ މީހުންގެ ލިސްޓެއް އާންމުކޮށް އެމީހުންގެ ނިތްކުރީގައި ބާޣީންގެ ލޭބަލް ތަތްކުރިއެވެ. ނަމަވެސް ފަހުން އެކަންވެސްވީ އަޖައިބެއްފަދަ ކަމަކަށެވެ.

އޭރު ބާޣީންގެ ލިސްޓު ވަރަށް ދިގެވެ. ޝޭޚް އިމްރާނާއި ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، މިހެން ގޮސް ވަރަށް ދިގު ލިސްޓެކެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ހީނުކުރާފަދަ ޓްވިސްޓެކެވެ. އިންސާފުގެ ދަތުރަށް ނުކުތް އޮޑީގެ ހުންގާނާއި ދަންމާނުގައި ހިފީ އެއްކަލަ ލިސްޓުން ބައެކެވެ. ކުއްލިއަކަށް ބާޣީން ޣާޒީންނަށްވެ، ފަސްބައި ސާފުވިއެވެ. މާޒީ ފަހާ ދުވެގެން މުސްތަޤުބަލެއް ނުލިބޭނެ ކަމަށް ބުނަންފެށިއެވެ. މާޒީ ފަހާ ދުވެގެން މުސްތަޤުބަލެއް ނުލިބޭނެ ކަމަށްބުނާއިރު، އިންސާފު ވަކި ލިބޭނެ ހެއްޔެވެ. ވަރަށްވެސް ބޯޑު ޖޯކެކެވެ. ރައްޔިތުން ވޯޓްލައިގެން އިންތިޚާބުކުރި ސަރުކާރެއް ބަޣާވާތަކުން ލުހެލި މީހުންގެ ކިބައިން އިންސާފު ހޯދޭނެ ގޮތެއް ނެތެވެ. މާޒީފަހާ ނުދުވެ، މުސްތްޤްބަލު ހޯދަން މިޖެހީ އަނިޔާވެރިންގެ ކޮނޑުގައި ފިރުމަމުންނެވެ.

ދެން އޮތީ މިދާކަށް ދުވަހު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާދިޔަ އެފަދަ ކަމެކެވެ. މި ޤައުމުގައި ހުރި އެންމެ ކޮރަޕްޓް އެންމެ ނުރައްކާތެރި އެކަކަށް ވެގެން އުޅުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުދު ކަފަކޮޅަކަށް ވެގެންދިޔަތަނެވެ. ކޮރަޕްޝަނާއި ފަސާދައާއި ވައްކަމާއި، މިހެން ގޮސް އަދީބާއި ހަމައިން ނިމޭ އެތައް ކަމެއްގެ ވާހަކަތައް އިހައް ދުވަހާއި ޖެހެންދެން އިވުނެވެ. ކޮންމެ ރެއަކު ކޮންމެވެސް ޓީވީއަކުން ނޫނީ ސިޔާސީ ޕޯޑިއަމަކުން އަދީބުގެ ވާހަކަ މެދުނުކެނޑި އިވިއިވި ހުއްޓެވެ. ރާއްޖޭޓީވީ ރޯކޮށްލުމާއި، ނޫސްވެރިޔާ ރިލްވާން ވަގަށްނެގުމާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ގޮސް ނިމިފައި އޮތީ އަދީބާއި ހަމައިންނެވެ. ނަމަވެސް ކުއްލިއަކަށް ނެރުނު ޑޮކިއުމަންޓްއަކުން މުޅި ފިލްމުގެ މަންޒަރު ބަދަލުކޮށްލިއެވެ.

ސިޔާސީ މަޝްރަހަށް އާދަޔާ ޚިލާފު ޓްވިސްޓެއް ގެނައީ ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ވައްކަންތަކާއި ގުޅޭ ގޮތުން ބައިނަލް އަޤްވާމީ ނޫސް އިދާރާ އަލް ޖަޒީރާ އިން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީއެއް ނެރުނު ހިސާބުންނެވެ. ކުއްލިއަކަށް އަދީބަކީ ބަޔެއްގެ ޝިކާރައަކަށްވިއެވެ. ދެން ދިވެހިންގެ ބަޔަކު ހައިރާންވިޔަސް ނުވިޔަސް އެކަން އެޔޮތީ އެހެން ހިނގާފައެވެ. ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވީ “ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ޝިކާރައަކަށް ވި ބޭފުޅެއް” ކަމަށެވެ. އެކަމަކު އެ ހިސާބަށް އަދީބު ގެންދިޔުމަށް ޤާނޫނު އަސާސީ ކޮށާ ކުކުދިކޮށް އަދީބުގެ ސައިޒަށް ޤާނޫނުއަސާސީ ހެދީ މަޖިލީހުގައިތިބި އެމްޑީޕީ މެމްބަރުން ވެސް ބައިވެރިވެގެންނެވެ.

އަދީބުގެ ގުޅުންހުރި ކަމަށްބުނެ އެކިއެކި ވާހަކަ ދެއްކެވުމަށްފަހު ނިންމަވާލެއްވީ “ތިކަހަލަ ކަންކަމަކީ އެހާ ސާފު، ސީދާކޮށް އޮންނަ ކަންކަމެއް ނޫން” ކަމަށް ވިދާޅުވެއެވެ. އެކަމަކު އަދީބަކީ މީހެއްގެ ޝިކާރައަކަށްވާން ކުޑަކުއްޖެއްނޫނެވެ. ބަޔެއް ނުވަތަ ރައީސް ޔާމިންގެ ޝިކާރައަކަށްވެ ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށްލެވޭ ވަރަށްވުރެ އަދީބު ހުންނެވީ ރޯފިލާފައެވެ. ދެން މިއަދު ވީ މާޒީ ފަހާނުދުވެ މުސްތަޤްބަލު ހޯދަށޭ ކިޔާފަ އަދީބުވެސް ހުދުކަފަ ކޮޅަކަށް ހަދަން ހެއްޔެވެ. ރައްޔިތުންގެ ގެއްލުނު ފައިސާ އެހެންވިއްޔާ ދެން ޖެހޭނީ ދޫކޮށްލާށެވެ. އިންސާފު ލިބޭނެތޯ ދެން ޖެހޭނީ އަމިއްލަ ބުއްދިން ވިސްނާ ފިކުރުކުރާށެވެ. ބާޣީން ޣާޒީންނަށްވެ، އަދީބު ޝިކާރައަކައަށްވެ، އިންސާފުލިބޭނެ ދޮރުތައް ބަންދުވަމުންދާއިރުވެސް ދައްކަނީ އިންސާފު ޤާއިމްކުރާ ވާހަކައެވެ. އެކަހަލަ ކަންކަމަށް ދިވެހިން ކިޔައި އުޅެނީ އަރަތެވެ.

ތަހުގީގީ އިދާރާތަކުގެ ވިސްނުމަކީ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަން ހާމަ ނުކުރުމެވެ. އިދާރާތައް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވަނީ، ކުރިން މަގާމެއް ފުރުއްވި ބޭފުޅަކަސް އަދި މިހާރު މަގާމުގައި ހުންނެވި ބޭފުޅަކު ނަމަވެސް ތަހުގީގުގައި ގާނޫނީ އިޖުރާއަތު ފުރިހަމަކޮށްފައި ނޫނީ ނަން ހާމަކުރަން ގަސްތު ނުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 22%ހައިރާންވެއްޖެ 33%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: