ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ: ޑުބާއީގެ ކުންފުންޏާ ވެންޓިލޭޓަރ ގެންނަން ހަވާލު ކުރީ މިނިސްޓަރ އަމީން މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން!

މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީޏް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްފައި ވަނީ ހެތްލް މިނިސްޓަރ އަބްދުﷲ އަމީން މަގާމުގެ ނުފޫޒް ބޭނުން ކުރައްވައިގެންކަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ސާބިތުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި 14 އޮކްޓޫބަރު 2020ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ވަނީ ފޮނުވައެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، 11 ފަރާތެއްގެ މައްޗަށެވެ. 14 އެޕްރީލް 2020 ގައި ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ތަޙުޤީޤު ފެށި މި މައްސަލައިގެ ތަޙްޤީޤު ނިމިފައިވަނީ 13 އޮކްޓޫބަރު 2020 ގައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް މިނިސްޓަރ އަމީންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލައިގައި އޭސޫސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު  މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ އަލީ އަލް ތަކްމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ ޢަބްދުﷲ އަމީން ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމްއަށް ދީފައިވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ ޢަބްދުﷲ އަމީން ކަމަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން  ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއްކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭ ކަމަށާއި އެއީ މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ 2 މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ އަންގާފައެވެ. އަދި  75 ވެންޓިލޭޓަރގެ %75 އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރ ޢަބްދުﷲ އަމީން މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވެފައިވާ ކަމަސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  ވެންޓިލޭޓަރ އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރ ޢަބްދުﷲ އަމީންއަށް އެނގިފައިވެއެވެ.  އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަޙްޤީޤަށް އެނގިފައުވާ ކަމަށާއި އަދި މިކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ބްރީފިންގ ހޯދަމުންދިޔަކަން ތަޙްޤީޤަށް ސާބިތުވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޑރ އަލީ އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، މި މައްސަލާގައި  މިނިސްޓަރ އޮފް ހެލްތު، ގދ.ގައްދޫ / ރޯސްމާގެ، ޢަބްދުﷲ އަމީން ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  މި މައްސަލައަކީ، މި ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން 04 އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލައިގެން، ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓް 2020ން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ 03 އިންވެސްޓިގޭޓަރުން މި މައްސަލަ ތަޙްޤީޤުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

ވެންޓިލޭޓަރު މައްސަލަ ފެންމަތިވެގެން ދިޔައީ ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓާއި ގުޅިގެންނެވެ. އެ މައްސަލަ އާއިއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓު ތަހުގީގެއް ކުރިޔަށް ގެންދިއުމަށް އަންގަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: