ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ: 11 މީހަކަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް!

އޭސީސީގެ ރައީސާ މަރިޔަމް ޝީއުނާ
ޝެއާރކޮށްލާ ކަހަލަދޯ؟
ވެންޓިލޭޓަރުގެ މައްސަލަ އަލުން ރިވިއުކުރުމަށްފަހު 11 މީހަކަށް އިތުރު ދައުވާތަކެއްކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން މިކޮމިޝަނުގެ ނިންމުން 31 އޮކްޓޫބަރު 2021 ގައި ޕީޖީ އޮފީހަށް ފޮނުވައިފއިވާކަމަށް އޭސީސިއިން ބުނެއެވެ.

މިމައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މިމައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 މީހަކަށް އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް އެދިފައިވާނެކަމަށް އޭސީސީއިން ބުނެއެވެ. އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ޤާނޫނު ނަންބަރު: 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު) 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވާނެކަމަށް އޭސީސީއިން ބުނެއެވެ.

މީގެ އިތުރުން، 14 އޮކްޓޫބަރު 2020 ގައި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 މީހަކަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވާނެކަމަށްވެސް އެކޮމިޝަނުން މައުލޫމާތުދެއެވެ.

އޭސީސިއިން ބުނީ މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކަށް ނުވަތަ އެއިން މީހަކާއި
ގުޅުން އޮތް މީހަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން މީހަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާކަމަށެވެ. މިމައްސަލާގައި ހިމެނޭ އެއްވެސް މީހަކަށް ނުވަތަ އެފަދަ މީހަކާއި ގުޅުންހުރި މީހަކަށް، މިމައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަހުގީގު ވަކިން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެއެވެ.

މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ ކުންފުންޏާއިއެކު ވީ އެއްބަސްވުން ފާހަގަކުރެވެ އެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ. އެ ކުންފުންޏާއި ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލާގައި އޭސީސީއިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ ފޮނުވަފައިވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، މައްސަލައާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ގަރީނާ ނެތްކަމަށް ބުނެ މައްސަލަ ނުބެލުމަށް ޕީޖީއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: