ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ މައްސަލަ: ބަދަލު ދޭން ކުރި ހުކުމް ބާތިލް ކުރަން ދައުލަތުން އެދެފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީބާޖާއަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ކޮށްފައިވާ ހުކުމް ބާތިލުކޮށް ހައިކޯޓުގެ ހުކުމަށް ތާއީދު ކުރަން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓައިފަ އެވެ.

ބުދަ ދުވަހު ސްޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ދީބާޖާ އިންވެސްޓްމަންޓްއަށް 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮން ހިސާބުތަކަކަށް ބިނާކޮށް ކަން އެނގެން ނެތް ކަމަށެވެ.

ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށާއި ނަމަވެސް އެއީ އޮޑިޓް އުސޫލުތަކަށް ނުފެތޭ ލިޔުމެއް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ބުނީ އެ  ފައިސާ ދީބާޖާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ އުސޫލާއި ހިލާފަށް ކަމަށެވެ.

ކަންކަން ހިނގާފައިވާ ގޮތުން ހާމަވަނީ ދީބާޖާއިން ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އަޅަމުން ދިއުމަށް ކަމަށާއި އެހެންވެ މި މައްސަލާގައި ސުޕްރީމް ކޯޓުންކުރި ހުކުމް ބާތިލްކޮށް ހައިކޯޓުގެ ނިންމުން ދަމަހައްޓަން ދައުލަތުން ވަނީ އެދިފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދީބާޖާގެ ވަކީލުން ވިދާޅުވީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން މީގެ ކުރިން ތާއިދުކޮށްފައިވާ ހުކުމް އަލުން ރިވިއުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް އަލުން ބަލައި މުރާޖައާ ނުކުރެވޭނެ ކަމަށެވެ.

ދިބާޖާގެ ވަކީލް ވިދާޅުވީ ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ދިބާޖާއިން ކަމަށާއި އަދި މައްސަލަ ދީބާޖާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް ބަދަލު ދިނުމުގެ ކަންކަން ކޯޓުން ބޭރުން ހައްލު ކުރުމަށް ދައުލަތުން އެދުނު ކަމަށެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ނުކޮށް ޝަރީޢަތުން ގޮތެއް ކަނޑައަޅަން އެދުނީ ދިބާޖާއިން ކަމަށާއި އެހެން ކަމުން މައްސަލަ އަލުން މުރާޢާޖާ ކުރަން ނުޖެހޭނެ ކަމަށް ދީބާޖާގެ ވަކީލް ވިދާޅުވިއެވެ.

ދިބާޖާގެ ވަކީލް ވިދާޅުވީ ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވި ފަހުން ކަމަށާއި އަދި އެކަން އެހެންވީ ދައުލަތުން އިހުމާލުންކަން ސުޕްރީމް ކޯޓުގައި މީގެކުރިން ދައުލަތުން އިއުތިރާފް ވެފައިވާ ކަމަށް ދީބާޖާގެ ވަކީލް ވިދާޅުވިއެވެ. އެގޮތުން މައްސލަ އިސްތިއުނާފް ކުރަން ޖެހޭ މުއްދަތުގައި ދައުލަތަށް މައްސަލަ އުސްތިއުނާފް ނުކުރެވުނީ އެޓާނީ ޖެނަރަލް އޮފީހުގެ ފަރާތުން މައްސަލައާއި ހަވާލު ހުންނެވި ވަކީލްގެ އަތުން މައްސަލައާއި ގުޅޭ ބައެއް ލިޔެކިޔުންތައް ގެއްލުމުން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިއތިރާފް ވެފައިވާ ކަމަށާއި އަދި އެއީ އިސްތިއުނާފް ކުރަން ކަނޑައަޅާފައިވާ މުއްދަތުގައި އިސްތިއުނާފް ނުކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށް ދައުލަތުން ވެސް އޭރު ގަބޫލު ކުރިކަން ދީބާޖާގެ ވަކީލް ވަނީ ފާހަގަ ކުރައްވާފައެވެ.

ދީބާޖާ އިންވެސްޓްމަންޓްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ދީބާޖާގެ ވަކީލުން ވިދާޅުވިއެވެ.

ދީބާޖާގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް އަލުން ބެލޭނެ ހަމައެއް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށާއި  އަދި ކޯޓުތަކަށް ބާރު ލިބެނީ ވަކި އިމެއްގެ ތެރެއިން ކަމަށެވެ.

ކޯޓުތަކަށްވެސް ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި ދައުލަތުން މިހާރު ވާހަކަ ދައްކަނީ ކުރިން ސުޕްރީމް ކޯޓުގައި ވާހަކަ ދެއްކި ގޮތާ ޚިލާފަށް ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

މައްސަލައިގެ އަޑުއހެުން ނިންމަވާ ލައްވަމުން ރިޔާސަތު ބެލެހެއްޓެވި ޢައިޝާ ޝުޖޫން ވިދާޅުވީ ދެ ފަރާތުން ވެސް މައްސަލައިގައި އިޖުރާއީ ނުކުތާތަކެއް ފާހަގަ ކޮށްފައިވާ ކަމަށާއި ނަމަވެސް އިޖުރާއީ މައްސަލައާއި މެދު ނިންމާ ގޮތެއް މައްސަލައިގެ ހުކުމާއި އެކު ކަނޑައަޅާނެ ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެ އަޑުއެހުން ކުރިއަށް ގެންދާނީ ދެ ގަޑިއިރެއް ކަމަށާއި އެ އަޑުއެހުމުގައި މައްސަލައިގެ ދެ ފަރާތުން ވެސް ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަސް ފުރުސަތު ދެއްވާނެ ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި މައްސަލައިގެ ދެން ބާއްވާ އަޑުއެހުމަސް ފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްތުން ކަމަށް ޝުޖޫން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: