ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިތަމްއާއި ކައިވެނިކުރަން ކީ ރަން ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއަކަށް ނޫން! އަގު އައީ އެހެން ގޮތަކުން!

މެމްބަރު ހައިތަމްއާއި ކައިވެނިކުރަން ރަން ކީ ފައްޓަރުބައި އަދި އުޅައު... ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކައިވެނި ބައްލަވައިގަތުމާއިގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ، މެމްބަރު ހައިތަމްއާއި ކައިވެނިބައްލަވައިގަތް ޝަޖާން މުއާޒް ޝަހީމް ރަން ކިޔާފައިވަނީ “ހަ ލައްކަ ރުފިޔާގެ ރަނަކަށް” ކަމަށް ދެކެވޭ ވާހަކައެވެ.

މިހާ “އަގުބޮޑު ރަނެއް” ކިޔުމުން ސަންގުންވެސްވަނީ މިކަމުގެ ހަގީގަތް ކޮންމެވެސްވަރަކަށް ސާފުކޮށްފައެވެ. ރަންކީކީއެއް ހަ ލައްކަ ރުފިޔާއަކަށް ނޫނެވެ، ނުވަތަ ސީދާ އަދަދުން ދަންނަވާނަމަ -/614520 (ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ) އަކަށްވެސް ނޫނެވެ. މިދެންނެވީ ނަގުދު ފައިސާއަކަށްނޫނެވެ. ރަން ކީ އެއްޗަކަށެވެ، އޭގެ އަގުމަގު ކުރަން ޖެހުނީއެވެ. އެހެން ބަލާނަމަ އޭގެ އަސްލު އަގު އުޅެނީ ހަ ލައްކަ ރުފިޔާއަކަށްވެސް ނޫނެވެ، 1.2 މިލިއަން ރުފިޔާއަށެވެ.

އެހެންކަމުން މިކަން އަސްލު ހިނގައިދިޔަގޮތް ކިޔައިދޭނަމެވެ.

ރަން ކީ ހައިތަމްގެ މާމަގެ ފައްޓަރުބަޔަކާއި އުޅައުއަކަށް:

މެމްބަރު ހައިތަމްއާއި ޝަޖާން ލޯބީގެގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެއްޖެއެވެ. ހައިތަމްއާއި ޝަޖާން ފުރަތަމަ ދިމާވީ ކޮވިޑް ޓުއަރިޒަމް ސްޓޭކް ހޯލްޑަރޒް ޒޫމް މީޓިންގ އަކުންނެވެ. ހައިތަމްއަކީ ވިޔަފާރިވެރިއެކެވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ޝަޖާނުއަކީ ރިޒެއިލަންސް ކުންފުނީގެ އޯނަރެވެ، އަދި ސީފާރި މޯލްޑިވްސްގެ ޑިރެކްޓަރއެކެވެ. ދެބޭފުޅުންނަކީވެސް މާލޭ ބޭފުޅުންނެވެ.

ޒަވާޖީ ހަޔާތް، ކައިވެނީގެ ގޮށް ޖެހީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. ޝަޖާން ރަން ކީ ހައިތަމްގެ މާމަ ފުށުން މަންމައަށް ވާރުތަވި ގަހަނާތަކަކަށެވެ. އެއީ ހައިތަމް މާމަގެ ފައްޓަރު ބަޔަކާއި އުޅައުއަކަށެވެ. ފައްޓަރުބައި ލިބުނީ މާމަގެ ފަރާތުން ހައިތަމްގެ މަންމައަށެޗެ.

ފައްޓަރުބަޔާއި އުޅައުއަށް ރަން ކީއިރު އެއީ މިހާ އަގުބޮޑު އެއްޗެއްކަމެއް ޝަޖާނުވެސް ސިކުނޑީގައި ބަހައްޓާފައިނުވާކަމަށް އޭނާގެ ގާތް ރަހްމަތްތެރިންވަނީ ސަންގަށް ކިޔައިދީފައެވެ. އެނގުނުހާވެސް އެއްޗަކީ އެގަހަނާއަށް ވަރަށް ޒަމާންވެއްޖެކަމެވެ. ބެލި ބެލުމުން މިދެންނެވި ގަހަނާއަށް 100 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެއެވެ.

ކޮންމެއަކަސް މިތަކެއްޗަށް ރަން ކިޔުމުން ރަނުގައި “އަގެއް” ހުންނަން ޖެހޭނެކަމަށް ފެމިލީ ކޯޓުން މިދެބޭފުޅުންނަށް އެންގިއެވެ. އަދި ރަނުގެ “އަދަދެއް” ފޯމުގައި ޖަހަން ޖެހޭނެކަމަށް އެންގިއެވެ. ރަން ކީ ފައްޓަރުބަޔާއި އުޅައުއަކަށެވެ، އެގޮތަކަށް ފޯމުގައި ނުޖެހުނެވެ. “އަގު” ހޯދަން ޖެހުނީ މިހިސާބުންނެވެ.

ހައިތަމްއާއި ޝަޖާނު ފުރަތަމަ މަސައްކަތްކުރީ ރާއްޖޭގެ މިކަމުގެ މާހިރެއް މެދުވެރިކޮށް އަގެއް ހޯދުމަށެވެ. ނަމަވެސް އެކަން ކާމިޔާބުނުވުމުން ފައްޓަރުބަޔާއި އުޅައުގެ އަގު ހޯދަން ފޮނުވީ ރާއްޖެއިން ބޭރަށެވެ. ބޭރުގެ އާސާރީ އެއްޗެހި އަގުކުރާ ފަރމްއަކާއިއެވެ. އޭގެ އާސާރީކަމާއި، އޭގެ ކޮލިޓީ ޗެކް ކުރުމަށްފަހު ރާއްޖެއިން ބޭރުގެ މިފަރމްއިން ބުނީ އެތަކެތީގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ނަމަވެސް އެއަގަކީ ކޮންމެހެން އެއީކަމުގައި ނުބަލާ ޝަޖާން ނިންމީ އޭގެ އަކަގީ އޭގެ ދެބައިކުޅަ އެއްބަޔަށްވާރު، -/614520 (ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ) ކަމަށެވެ.

ކައިވެނި މަޖިލިސް ދިޔައީ ކިހިނެއް؟

ފައްޓަރުބަޔާއި އުޅައު އަގުމަގުކުރުމަށްފަހު ކައިވެނި ފޯމުގައި ރަނުގެ އަދަދުގެ ގޮތުގައި ޖެހީ މިދެންނެވި -/614520 (ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ) އެވެ. ކައިވެނި މަޖިލީހުގައި ކައިވެނި ލައިދިން ގާޒީވެސް މިކަން ސާފުކުރެއްވިއެވެ.

މިގޮތުން ކައިވެނި މަޖިލީހުގައި، ކައިވެނިކޮށްދިން ގާޒީ އެތަނުގެ ހާޒިރީންގެ ހާޒިރުގައި ވިދާޅުވީ އެ ފައްޓަތުބަޔާއި އުޅައުގެ “ބޮޑު އަގު” ބެއްލެވިކަމަށާއި، ރާއްޖޭގެ ތާރީހް ދިރާސާކުރައްވާ ބޭފުޅެއްކުރެން މި ތާރީހީ ގަހަނާގެ އަގު އެއްސެވުމުން އެއީ ހައިތަމްއާއި ޝަޖާން ބަޔާންކުރިފަދަ އަގުބޮޑު ގަހަނާއެއްކަން ޔަގީންކޮށްދެއްވިކަމަށާއި، އަދި ރަނުގެ ގޮތުގައި ބެލުމަށް ރަނގަޅުކަމަށް ދެންނެވިކަމަށް ގާޒީ ވިދާޅުވިއެވެ.

ހައިތަމްގެ މާލީ ބަޔާނަށް މަކަރު ހެދި؟

ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ހިޔާލަކީ -/614520 (ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ)ގެ ރަނެއް ހައިތަމް އަތުން ލިބުނުއިރު، ހައިތަމްގެ މާލީ ބަޔާނުގައި އެވަރުގެ މުއްސަނދިކަމެއް ފެންނަން ނެތް ވާހަކައެވެ.

ކުރިން ފާހަގަކުރިހެން މިއީ ހައިތަމްގެ މުދަލެއް ނޫނެވެ. މިއީ ޒަމާންވީ އާއިލީ ގަހަނާއެކެވެ. ފައްޓަރުބަޔަކީ ހައިތަމްގެ މާމަ ފުށުން ހައިތަމްގެ މަންމައަށް ލިބިފައިވާ އެއްޗެކެވެ. ހައިތަމްގެ ކައިވެންޏާއި ދިމާކޮށް، މަންމަގެ ފަރާތުން ހައިތަމްއަށް ލިބުނު ހަދިޔާއެކެވެ، އެއަށްފަހު މިއަދު ހައިތަމްގެ އަނބިކަނބަލުން ޝަޖާނުގެ ގަހަނާއެކެވެ.

މިގަހަނާގެ ވާހަކަ ހައިތަމްގެ ވޭތުވެދިޔަ އަހަރުގެ މާލީ ބަޔާނުގައި ނުހިމެނޭނެއެވެ، އެހެން ނަމަވެސް އަންނަ އަހަރުގެ ހައިތަމްގެ އަނބިކަނބަލުންގެ މާލީ ބަޔާނުގައި އޮންނާންވާނެއެވެ، ނެތިއްޔާ އެއީ މައްސަލައެކެވެ.

ހައިތަމްއާއި ޝަޖާނުގެ ކައިވެނީގެ ރަނުގެ ވާހަކަ އަލިފުން ޔާއަށް ކިޔައިދީ މިނިމުނީއެވެ.

މިއީ ހައިތަމްއާއި ޝަޖާނުގެ އަލަތު ކައިވެންޏެއް ނޫނެވެ. ހައިތަމްގެ ދެ ކުދިން ތިބެއެވެ. ޝަޖާނުގެވެސް އެހެން ކައިވެންޏަކަށް އަންހެން ކުއްޖެއް ހުރެއެވެ. ސަންގުން އެދެނީ ދެމަފަރިންނަށް ވަރަށް އުފާވެރި މުސްތަގުބަލެކެވެ، ބާއްޖަވެރި ދުވަސްތަކަކަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 45%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 3%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: