ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހިނގާ ގޭންގު ކުށްތައް ނުހުއްޓުވެނީ ކީއްވެ؟

ގޭންގު މާރާމާރީއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މީހުން މެރުމާއި، މީޙުންގެ ހަށިގަނޑަށް ގެއްލުން ދިނުމާއި، މީހުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި ގުރޫޕް ހަދައިގެން މީހުންނަށް ބިރު ދެއްކުމާއި މި ނޫން ވެސް ބޮޑެތި ޖިނާއީ ކުށްތައް ކުރުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް މިފަދަ ކުށްތައް ގޭންގު ހަދައިގެން ކުރުމަކީ އިއްޔެ މިއަދަކު ރާއްޖޭގައި ހިނގަމުން އަންނަ ކަމެއް ނޫނެވެ. އެހެން ކަމުން ސުވާލަކީ ގޭންގު ހަދައިގެން ކުރާ ކުށްތައް ނުހުއްޓުވެނީ ކީއްވެތޯއެވެ؟ ގޭންގު ކުށްތައް ހުޓުވޭނެ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމް ކޮށްފައި ނެތީތޯއެވެ.؟

ދިވެހިރާއްޖޭގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ގާނޫނެއް 2010 ވަނަ އަހަރު ވުޖޫދުކޮށް އަމަލު ކުރަން ވަނީ ފަށާފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޣައިރު ގާނޫނީ އަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށް ވުމަކީ ކުށެކެވެ. ހަމައެހެންމެ  އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ގޭންގެއްގެ ލީޑަރަކަށް ވެއްޖެ ަނަމަ ނުވަތަ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއްވެސް މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ ހާމަކުރާ އިބާރާތަކުން ނުވަތަ ހާމަކުރާ އެއްވެސް ބާވަތެއްގެ ނިޝާނަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެމީހަކީ ގޭންގެއްގެ މެންބަރެއްކަން ދެއްކުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއްވެސް ގޭންގަކާބެހޭ މައުލޫމާތު ހިމެނޭގޮތަށް ވެބްސައިޓެއް ތައްޔާރުކޮށް ނުވަތަ މުއާސަލާތީ އެއްވެސް ވަސީލަތެއް ނުވަތަ އިންޓަރނެޓް ބޭނުންކޮށްގެން މައުލޫމާތު ފެތުރުމާއި، ނުވަތަ ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ސިއްކައެއް ނުވަތަ ލޯގޯއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއް އެއްވެސް ތަނެއްގައި ކުރެހުމަކީ ނުވަތަ ހަރުކުރުމަކީ ނުވަތަ ބެހެއްޓުމަކީ ނުވަތަ ހާމަކުރުމަކީ ނުވަތަ މިފަދަ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ.

މީގެއިތުރުން ގާނޫނެއްގެ ދަށުން ރަޖިސްޓަރީ ކުރާ ޖަމާއަތަކަށް، ޖަމްއިއްޔާއަކަށް، ފިހާރައަކަށް، ރެސްޓޯރެންޓް ހޮޓާފަދަ ތަނަކަށް، ކުންފުންޏަކަށް ނުވަތަ އެނޫންވެސް ތަނަކަށް، ގޭންގަކަށް ނިސްބަތްވާ ނަމެއް ނުވަތަ ގޭންގަކަށް ނިސްބަތްވާ ލޯގޯއެއް ރަޖިސްޓަރީ ކޮށްގެން ނުވާނެއެވެ. މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރާއްޖޭގައި ފައިސާ ދީގެން މީޙުން މެރުމާއި ފައިސާ ދީގެން ގޭންގު ހަދައިގެން ބޮޑެތި ޖިނާއީ ކުށްތައް ހިންގަމުންދާކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ކަމެކެވެ. ގިނަ ފަހަރަށް މިފަދަ ބޮޑެތި ކުށްތައް ހިންގަނީ ސިޔާސީ ނުފޫޒްތަކުގެ ތެރެއިންކަން އެއީ ވެސް ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި އެކިއެކި ޖިނާއީ ކުށްކުރުމަށްޓަކައި އުފައްދާ ގޭންގުތަކާއި ގޭންގުތަކުގެ މެންބަރުންނަށް މާލީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 50,000 (ފަންސާސްހާސް ރުފިޔާ) އާއި 500,000  (ފަސްލައްކަ ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރާއްޖޭގައި ގޭންގު ހަދައިގެން ޖިނާއީ ބޮޑެތި ކުށްތައް ހިންގާ ވާހަކަ ދައްކާއިރު ގޭންގުތައް މެދުވެރިކޮށް އެކިއެކި މައްސަލަތަކުގައި ދައުވާ އުފުލޭ މީހުންނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާ ހެކިންނަށް ބިރު ދެއްކުމަކީ ވެސް ރާއްޖޭގައި އާންމު ކަމެކެވެ. ގިނަ ފަހަރަށް ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުން މިނިވަން ވެގެން ވެސް ދަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ. ނުވަތަ ހެކި ދޭން ހުންނަ މީހާ ހެކި ބަސް ދިނުމަސް އިންކާރު ކުރުމުން ކުށް ސާބިތު ނުކުރެވިގެންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއްވެސް ގޭންގަކާ ނުވަތަ ގޭންގެއްގެ މެންބަރަކާ ގުޅޭގޮތުން ކޯޓަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ ފަރާތަކަށް މައުލޫމާތު ދިނުން ނުވަތަ ހެކި ދިނުން ހުއްޓުވުމަށްޓަކައި އެމީހާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ ނުވަތަ މެދުވެރިކުރާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެކެވެ.  އިންޒާރުދިނުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި  އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ނުވަތަ މެދުވެރިކުރުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި  7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެއިތުރުން ގާނޫނުގައި ބުނެފައިވާ ގޮތުގައި ގޭންގު ހަދައިގެން ނުވަތަ ގްރޫޕް ހަދައިގެން ގާނޫނާ ހިލާފު އަމަލުކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލު ރޭވުމަށް ނުވަތަ، އެފަދަ އަމަލުކުރުމަށް ތައްޔާރުވުމަށް އެއްވެސް ގޭންގެއް ނުވަތަ އެއްވެސް ގްރޫޕެއް އެއްވެސް އިމާރާތަކަށް ނުވަތަ ތަނަކަށް އެއްވުމަކީ އާންމު ތުރާލެކެވެ. އަދި ކޯޓުގެ އަމުރެއްގެ ދަށުން،  އެ އަމުރެއްގައި ބަޔާންކުރާ ފަރާތްތައް އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް އެ އިމާރާތައް ނުވަތަ އެ ތަނަށް އައުން މަނާކުރެވިދާނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ގޭންގު ހަދައިގެން ނުވަތަ ގްރޫޕް ހަދައިގެން ގާނޫނާ ހިލާފު އަމަލެއް ރޭވުމުގައި ނުވަތަ ކުރަން އުޅުމުގައި ނުވަތަ ކުރުމުގައި ނުވަތަ އެހީތެރިވެދިނުމުގައި ގޭންގެއްގެ ނުވަތަ ގޭންގެއްގެ މެންބަރެއްގެ ނުވަތަ ގޭންގެއްގެ އެހީތެރިއެއްގެ ކިބައިން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެ ގޭންގެއްގެ ކޮންމެ މެންބަރަކު ވަކިވަކީން އަދި އެކުގައި މަދަނީ ޒިންމާ އުފުލަންޖެހޭނެއެވެ.

ކޮންމެއަކަސް މިބަލާލީ ރާއްޖޭގައި ގޭންގު ކުށް ހުއްޓުވުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުޑަމިންވަރަކަށެވެ. ހަގީގަތަކީ ރާއްޖޭގައި ގޭންގު ކުށް ނުހުއްޓުވެނީ ގާނޫނު ތަންފީޒް ނުކުރެވޭތީއެވެ. ގާނޫނު ތަންފީޒް ކުރެވޭނަމަ މިހާރު ރާއްޖޭގައި ގޭންގު ކުށްތައް ހިންގާ މިންވަރަށް އެ ކުށްތައް ނުހިންގޭނެކަން ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަކަންތައް ބޮޑަށްއެގޭނީ ސަރުކާރަށާއި ސިޔާސީ ބޭފުޅުންނަށް. އެބޭކަލުންގެ ފަރާތުން އެފަދަ ކަންތަކަށް ކުރާހޭދަޔާއި ސިޔާސީގޮތުން ދުލުން އެއްބޭފުޅަކު ބަލިނުވުމުން ބައެއްބޭފުޅުން ދޫކޮށިވީމާ އެބޭފުޅުންގެ ދެވަނަ ހަތިޔާރަކީ އުފައްދައިގެން ޚަރަދުކޮށްގެން ގެންގުޅޭ ގޭންގް. ގޭންގްތައް ބަލަހައްޓާ އެޖެންޓަކު ކޮންމެ ސިޔާސީ ޕާޓީއެއްގެ އިސްޒިއްމާއެއްގައި ހުންނާނެ. ބައެއްފަހަރު ޢެއަޑުގުގުމާ އިވޭ ކޮބާހޭ މޯޑް ކޮބާހޭ އައްބަޅޭ ނެރެފަބުނޭ ލަޓިބުރިހިފައިގެން ނިކުމެތަޅާލާށޭ! މިއީ ކޮންޓްރަކްޓް އުސޫލުން ކުރާކަމެއް! މިސާލެއް އަލްހާނުފަހުމީ ކޮންޓްރަކްޓްހެދީ ތިރިކޮށްލަންބުނެ! މަރުކަށަވަރު ކޮށްލަން ގޮސްހުރީ ވުޒާރާއެއްގެ ވަޒީރެއް! ޕޭމަންޓް ބްރޯ. މިކަންތައް ހުއްޓާލީމާ އެނިމުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: