ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ނޮވެމްބަރުގައި ސިފައިން ދެއްކި ހިތްވަރަށް މިނެއްނެތް ޝުކުރު ހައްގު: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓްރީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ހައްގު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާޞަބަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެއްވި ޚިތާބުގައި ވިދާޅުވީ 3 ނޮވެމްބަރުގެ ޙާދިސާ ކުރިމަތިވިއިރު، ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅާބަލާއިރު ވަރަށް ތަފާތުކަމަށެވެ. އެހެންނަމަވެސް އެދުވަހު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ އަބްޠާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ޙައްޤުކަމަށެވެ.

“އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ސާބަސް ޙައްޤު. ހަމަ އެހެންމެ، 3 ނޮވެމްބަރުގައި، އޭރުގެ ސަރުކާރުން އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމަށް އެދުމުން، އެޤައުމުން ދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިޔާއަށް މި ފުރުޞަތުގައި، ޝުކުރު އަދާކުރަން” މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. މިއަދު، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަމާއި ވަޞީލަތްތައް ވަނީ އެތައް ގުނައެއް ފުޅާވެފައިކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމަ އެއާއެކު، ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ލޯތްބާއި މަގުބޫލުކަންވެސްވަނީ އިތުރުވެފައިކަން މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ކަޅު ޞަފްޙާއެއް ކަމަށެވެ. އަދި އެދުވެހުގެ އުދުވާނީ ހަމަލާގައި ކުށެއްނެތް އެތައް ބަޔަކު ޒަޚަމްވެ، 19 ދިވެހިން ޝަހީދުވެގެން ގޮސްފައިވާކަމީ މިޤައުމު ތާއަބަދަށް އެހިތާމާ އާކުރާނެ ދުވަހެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: