މި ސަރުކާރަށް ދޭންޖެހެނީ އެފް ރިޕޯޓެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުވައްރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށްް ދެ އަހަރުވިއިރު އެއްވެސްސ ކަމެއްނުވާކަމަށާއި,މި ސަރުކާރަށް ދޭން ޖެހެނީ އެފް ރިޕޯޓެއް ކަމަށެވެ.
އަދި ރައްޔިތުންނަށް ހެޔޮއެދޭ ކަމަށްވާނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިޔުންކަމައްވެސް ޝަރީފް ވިދާޅުވިއެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭ ގޮތަށް ކަމަށާއި އެގޮތުން 400 މިލިއަން ޑޮލަރު ނަގައިގެން މާލެ އާއި ވިލިމާލެ އާއި ދެމެދު ބްރިޖެއް އެޅުމަކީ މިވަގުތު އިސްކަންދޭންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިއަރާނެ ފަދަ މަޝްރޫއެއް ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖެ އަށް ގެނެވިފައިވާތަން ފެނިފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި މުޅިން ވެސް ފެންނަނީ ލޯނު ނަގަމުންދާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ސަރުކާރު ހިނގަމުންދަނީ ވަރަށް ސްލޯކޮށް ކަމަށާއި ރައްޔިތުންނަށްވީ ވައުދެއް ވެސް ފުއްދިފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

