ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތިކަން ބޮޑު އަހަރަކަށް ހުށަހެޅި ދަރަނި ބޮޑު ބަޖެޓު

ކުރީގެ ރައީސް ނަޝީދުއާއި، ރައީސް ޞާލިޙް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ގައުމާއި މުހާތޮބް ކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށް ވުރެ ބޮޑެތި ގެއްލުންތަކެކެވެ. އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫޢުތަކަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަލަށް ތަޢާރަފްކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިފަދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ދަތިކަން ބޮޑު އަހަރަށް އެމަނިކުފާން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާންމުދަނީއަށް ވުރެ ބޮޑު ހުށަހެޅި ފުރަތަމަ ބަޖެޓެވެ. ނުވަތަ އެންމެ ދަރަނި ބޮޑު ބަޖެޓެވެ.

ތަދުއަހަރަށް ހުށަހެޅި ބަޖެޓަކީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ހުށަހަޅަން ޖެހުނު ބަޖެޓެއްކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެކެވެ. ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދުގެ ސައިޒު، 2020 ވަނަ އަހަރު މިވަނީ 29.3 އިންސައްތައިން ކުޑަވެފައެވެ.. މިއީ ތަހައްމަލުކޮށް، އިސާހިތަކު އަނބުރާ އަރައިގަންނަން ފަސޭހަ މިންގަނޑެއް ނޫން ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އިޤްތިސާދު އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އިގްތިސާދީ ވަޒީރާއި މާލީ ވަޒީރު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ބަޖެޓާއި ގުޅޭ ގޮތުން މާލީ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ރޭވިފައިވާނީ ކޮވިޑް-19 ގެ އިޤްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަކަށް އަރައިގަނެ، “ޖަޒީރާ ރާއްޖެ” މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައްޗަށެވެ. މިގޮތުން، ރާއްޖޭގެ ތަރައްޤީ އާއި ޚިދުމަތްތައް ލާމަރުކަޒުކުރުމާއި، ސަރަހައްދީ ތަރައްޤީ ބާރުމިނުގައި ގެނައުމަށް އިންވެސްޓްކުރާ ތަން މި ބަޖެޓުން ފެންނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އިގުތިސާދު އަލުން އަރާސްތުކޮށް، ސިންދަފާތު ކޮށް، އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމުގެ އީޖާބީ މަސައްކަތް ބަޖެޓުގައި ހިމެނޭއިރު ކޮވިޑް-19 އާ އެކު، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ފެންނާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ތަދުކަން ބޯޑު އަހަރަށް ހުށަހެޅި ދަރަނި ބޮޑު ބަޖެޓުން ހާސިލް ކުރަން ބޭނުންވާ ކަންކަމަށް ދިއުމުގެ މިއަހަރު ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާލާނަމެވެ.

އެގޮތުން 2020 ވަނަ އަހަރު ފެށުނު އިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ހުރީ ޑަބަލް ޑިޖިޓް ގްރޯތު ރޭޓުތަކުގައެވެ. 2020 ވަނަ އަހަރާ ކުރިމަތިލީ ފަހި އިޤްތިސާދެއްގެ ފޮނި އުންމީދުގައި “ޖަޒީރާ ރާއްޖެ” މެނިފެސްޓޯގައިވާ ވައުދުތަކުގައި ކުލަޖެއްސުމުގެ ޕްލޭންތަކާއެކުއެވެ. އެގޮތުން ކޮވިޑް-19 ޕެންޑެމިކް އަދި އިޤްތިސާދު ހުއްޓުވާލި ބޮޑު ފުރަބަންދާ އަޅުގަނޑުމެން ކުރިމަތިލީ، ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވަމުން އަންނަނިކޮށެވެ.

ކޮވިޑް-19 އަކީ ދުނިޔެއަށް، ފަހުގެ ތާރީޚެއްގައި ދިމާވި އެންމެ ބޮޑު އެއް ކާރިސާއެވެ. ދުނިޔޭގެ އިޤްތިސާދަށް ބަލާލާއިރު، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދުވެސް ވަނީ ރެސެޝަންއަކަށް ގޮސްފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤްތިސާދު މި އަހަރު 4.4 އިންސައްތައިން ދަށަށްދާނެ.އެވެ. ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި، ރާއްޖެ ފަދަ ޖަޒީރާ އަދި ޓޫރިޒަމަށް ބަރޯސާވާ ޤައުމުތަކަށް ކޮށްފައިވާ އަސަރު އަދި މާ ބޮޑުވާނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދުކުރިއަރާނެކަމަށް އައި.އެމް.އެފް އިން ލަފާކުރަނީ 5.2 އިންސައްތައިންނެވެ. ކޮވިޑް-19 އާ ގުޅިގެން ޤައުމުތައް ވެއްޓިފައިވާ އިޤްތިސާދީ ވަޅުގަނޑުން އަރައިގަނެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް ދިއުމަށް އުނދަގޫ ދަތުރެއް އޮތް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް : ފައިލް ފޮޓޯ

ދައިކަން ބޮޑު އަހަރަކަށް ސްސަރުކާރުން ދަރަނި ބޮޑު ބަޖެޓެއް ހުށަހެޅިއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު އަދި މާލީ ހާލަތު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މީގެ ކުރިން ދިމާވި ހުރިހާ އިޤްތިސާދީ ޝޮކްތަކާއި ޚިލާފަށް، މި ދަށްވި ދަށްވުން މިވަނީ ދިގުލައި ގޮސްފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭއިރު މިއީ މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ އިގްތިސާދު ދަށްވި މިންވަރެއް ނޫނެވެ. މި ކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ވަނީ ކޮށްފައެވެ. ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިއަހަރު 65 އިންސައްތަ ދަށަށް ދާނެ ކަމަށް ބެލެވޭއިރު ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވެއެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއަށްވެސް ވަނީ 11 އިންސައްތައިގެ ދަށްވުމެއް އައިސްފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދުގައި ވަޒީފާތައް މަދުވެއްޖެއެވެ. ވަޒީފާ ގެއްލުނު މީހުންގެ އަދަދު ގިނަވެއްޖެއެވެ. ޖޮބް ސެންޓަރުގެ ހިސާބުތަކަށް ބަލާއިރު، އޭޕްރީލުން ސެޕްޓެންބަރު މަހުގެ ނިޔަލަށް 11,000  އަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވެއެވެ. ރާއްޖޭގެ އިޤްތިސާދު ދަށްވެ، ވަޒީފާތަކަށް އަސަރުކުރުމުން، ދައުލަތުގެ ބަޖެޓުގެ އަމާޒަކަށްވީ އިޤްތިސާދު ހިފެހެއްޓުމާއި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ނިކަމެތިކަމަށް އެހީތެރިވުމެވެ.

2020ގެ ބަޖެޓުގެ ތެރެއިން ޚަރަދުތައް އަލުން ތަރުތީބުކޮށްގެން. ކޮވިޑް-19 އާއެކު ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅުނެވެ. ސިޔާސީ ފަރާތްތަކާއި ބޮޑެތި މުސާރަލިބޭ ފަރާތްތަކުގެ މުސާރަތައް ކުޑަކުރެވުނެވެ. ފެށިފައިނުވާ ހުރިހާ މަޝްރޫޢުތަކެއް މަޑުޖައްސާލެވުނެވެ. މިގޮތުން 2020 ވަނަ އަހަރަށް ފާސްކުރި 37.9 ބިލިއަން ރުފިޔާގެ ބަޖެޓު ގާތްގަނޑަކަށް 27 ބިލިއަން ރުފިޔާއަށްވަނީ ކުޑަކޮށްފައެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިތުރުވި ޚަރަދުތަކާއެކު، 2020ވަނަ އަހަރުގެ މުރާޖަޢާކުރި ބަޖެޓުގެ ޖުމުލައަކީ 31.8 ބިލިއަން ރުފިޔާއެވެ. މިއީ މަޖިލީހުން މި އަހަރަށް ފާސްކުރި މިންވަރަށްވުރެ 6.1 ބިލިއަން ރުފިޔާ ކުޑަ އަދަދެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް

އަންނަ އަހަރަށް ދަރަނި ބޮޑު ބަޖެޓެއް ސަރުކާރުން ހުށަހެޅިއިރު 2020 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދަން ބަލާއިރު، އާމްދަނީއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި 29.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް، މިހާރު ލިބޭނެ ކަމަށް ބެލެވެނީ 14.7 ބިލިއަން ރުފިޔާއެވެ. މިއީ ފާސްކުރި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 51 އިންސައްތަ ދަށް އަދަދެކެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ބަޖެޓު 15.9 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެއެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 27.5 އިންސައްތައެވެ.

ސަރުކާރުން އަންނަ އަހަރަށް ބޮޑު ދަރަނި ބަޖެޓެއް ހުށަހެޅިއިރު މިއަހަރުގެ ބަޖެޓު ފޫބއްދުމަށް ނުވަތަ ބަޖެޓު ފައިނޭންސްކުރުމަށްޓަކައި، ދަރަނި ނަގަންޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. ދައުލަތުގެ ދަރަނި 2020 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 70.4 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. 2020 އަށް ފާސްކުރި ބަޖެޓުގައި ދަރަނި ހުންނާނެކަމަށް ލަފާކުރީ 58.4 އިންސައްތައިގައެވެ. ނަމަވެސް ކޮވިޑް-19 އާއެކު ކުރިން ލަފާކުރި މިންވަރަށްވުރެ 10 ބިލިއަން ރުފިޔާ ޑެފިސިޓަށް އިތުރުވިއެވެ.

ދެން އޮތީ ރައީސް ވިދާޅުވި ތަދު އަހަރުގެ ވާހަކައެވެ.އެގޮތުން 2021 ވަނަ އަހަރާއި އަޅުގަނޑުމެން މި ކުރިމަތިލަނީ، އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައެވެ، މާލީ ވަޒީރު ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ އިޤްތިސާދު އަލުން އާރާސްތުކުރުމުގެ ތަސައްވުރަކާއެކު. އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކޮށް ސިންދަފާތުކުރުމުގެ ޕްލޭންތަކާއެކުގައެވެ. ހަމައެއާއެކު، އިޤްތިސާދީ ހަރަކާތްތައް އަލުން އަނބުރާ އެންމެ މަތީ ގިޔަރަށް ދީލާލުމަށް ކުރަން ޖެހޭ ކަންކަމަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތައް ހާސިލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ ކަންތައްތައް ތަރުތީބުކުރެވިފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ތަދުކަން ބޮޑު އަހަރަށް ހުށަހެޅި ބަޖެޓުގައި ބުނާ ގޮތުން  2021 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151   (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) އެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ. ހަމައެހެންމެ 2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު. 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ.

ކޮންމެއަކަސް ތަދު އަހަރަކަށް ދަރަނި ބޮޑު ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު އެ ބޮޑު ބަޖެޓުގައި ވަރަށް ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ހިންގުމަށް ވެސް ވަނީ ބަޖެޓު ކުރެވިފައެވެ. ޖުމުލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓަކީ ޖަޒީރާ މެނިފެސްޓޯގެ މައި ޕްރޮގްރާމްތައް ހާސިލުކުރުމާއި، ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އިޤްތިސާދު އަލުން އާރާސްތުކޮށް ވިލުންވެރިތައް އިތުރުކުރުމާއި ސަރަހައްދީ ތަރައްޤީއަށް ކުރާ ހޭދަ ކުރިއަށް ގެންދާނެ ބަޖެޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް ތަދު އަރަރަކަށް ހުށަހެޅި  ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކާއި ރާއްޖޭގެ އިޤްތިސާދީ ހާލަތު އުޖާލާކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެއް ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ސުވާލަކީ ތަދު އަހަރެއްގެ ތެރެއިން ދަރަނި ބޮޑު ބަޖެޓަކުން އެންމެ އެދެވޭ ނަތީޖާއެއް ނެރެވިދާނެތޯއެވެ. ސުވާލުގެ ޖަވާބް އަޅުގަނޑު ދޫކޮށްލާނަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: